ހަބަރު

މާލޭ ފިހާރަތަކުން ބޯފެން ކޮންޓްރޯލްކޮށްފި!

މާލޭ ފިހާރަތަކަށް ބޯ ފެނުގެ ސަޕްލައި ލިބެން ދަތިވުމުގެ ސަބަބުން، ފެން ވިއްކުން ކޮންޓްރޯލްކޮށްފި އެވެ. މިއީ ހޫނު ދުވަސްވަރުގައި ފެނަށް އޮންނަ ޑިމާންޑު ބޮޑުވުމުގެ ސަބަބުން، ވަރަށް ގިނަ ފަހަރަށް ކޮންމެ އަހަރަކުވެސް ދިމާވާ މައްސަލައެކެވެ. -- ކޮންމެ އަހަރު ވެސް މާރިޗް އަދި އެޕްރީލް މަހަކީ ރާއްޖެ އަށް އެންމެ ހޫނު ގަދަ ދުވަސް ވަރެކެވެ.

މާލޭ ފިހާރަތަކަށް ބޯ ފެނުގެ ސަޕްލައި ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާތާ މިހާރު ދެ ތިން ދުވަސްވެއްޖެ އެވެ. ވަރަށް ގިނަ ފިހާރަތަކުގައި ފަސް ލީޓަރުގެ ފެން އެއްގޮތަކަށް ވެސް ނުލިބެ އެވެ. އަދި 1.5 އާއި ކުދި ފުޅިތައް ވިއްކަމުން ގެންދަނީ ކޮންޓްރޯލް ކޮށްގެން ކޮންމެ ކަސްޓަމަރަކަށް ވެސް ވަކި އަދަދަކަށެވެ. ބައެއް ފިހާރަކުން ވަކި ގަޑިތަކެއްގައި ވެސް ފެން ދޫކުރެ އެވެ.

"މި ދުވަސްވަރު ފެން ސަޕްލައި ނުކުރެވޭ، ފަސް ލީޓަރުގެ ފެން ވެސް ދުވާލަކަށް 10 ފުޅިއަށް ވުރެ މަދުން ލިބެނީ، 1.5 ލީޓަރު ވެސް ލިބެނީ ވަރަށް މަދުން، އެހެންވަނީ ބައެއް މީހުން ގަނޑުކޮށް ފެން ގަނެގެން ދާތީ، އެންމެނަށް ވެސް ފެން ލިބޭނެ ގޮތަކަށް ވިއްކުމަށް މީހަކަށް ރޭޓުކޮށްގެން މި ވިއްކަނީ،" ފިހާރައެއްގެ ސޭޓަކު ބުންޏެވެ.

އެހެން ބައެއް ފިހާރަތަކުގެ ސޭޓުން ބުނި ގޮތުގައިވެސް ފެން ލިބުމުގައި ވަނީ ދަތިވެއެވެ. ސަޕްލައި ދަށްވުމުން ފެން ވިއްކަނީ ކޮންޓްރޯލެއް ލައިގެނެވެ. އަދި ބައެއް ފިހާރަކުން ބުނި ގޮތުގައި ފެން ދޫކުރަނީ ވަކި ގަޑިތަކެއްގަ އެވެ.

ފެން މަދުން ސަޕްލައި ކުރާ މައްސަލާގައި ފެން ވިއްކާ ކުންފުނިތަކުގެ ބަހެއް ލިބޭ ގޮތެއް އަދިނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ގައުމީ ފެން ކުންފުނިން އުފައްދާ ތާޒާ ފެނާއި އަމިއްލަ ކުންފުންޏަކުން އުފައްދާ ލައިފް ފެން ވެސް ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.

މި ދުސަވަރުގެ ގަދަ ހޫނުން ރައްކާތެރިވެ ތިބުމަށާއި ގިނަ އިން ފެން ބުއިމަށް ހެލްތް ޕްރެޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. ރާއްޖެއަށް މިދުވައްކޮޅު އަދާހިލާފަށް ހޫނު ގަދަވެފައިވާއިރު ވޭރާ ނުވެހި ގިނަ ދުވަސްވެފައިވާތީ އަންނަ މާދަމާ މުޅި ރާއްޖޭގައި އިސްތިސްގާ ނަމާދެއް ކުރުމަށް ވެސް ވަނީ ސަރުކާރުން ނިންމާފަ އެވެ.