ވިޔަފާރި

ބީއެެމްއެލްއިން ޓެކްސްގެ ގޮތުގައި 315 މިލިއަން ރުފިޔާ ދެއްކި

Apr 14, 2019
2

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ލިބުނު ފައިދާއިން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 315 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެ ބޭންކްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދިޔަ "އަހަރެންގެ ބޭންކް" އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު 300 މިލިއަން އިންވެސްޓްކުރުމާ އެކުވެސް އެ ބޭންކުން ވަނީ ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހޯދައިފަ އެވެ. ބީއެމްއެލްގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުގައި، އެއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ.

އަހަރީ ރިޕޯޓްގައިވާ ގޮތުގައި ބޭންކަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ، 2.5 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެއީ 10 ޕަސެންޓްގެ އިތުރުވުމެކެވެ. މީގެ އިތުރުން އިންޓަރެސްޓުން ލިބުނު ފައިދާ ވަނީ 12 ޕަސެންޓް އިތުރުވެފަ އެވެ. މީގެ އިތުރުން އިންޓަރެސްޓްގެ އާމްދަނީ ނޫން ގޮތުގައި ބޭންކަށް ވަނީ އާމްދަނީގެ ގޮތުގައި 606 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ ބޭންކަށް ލިބޭ އާމްދަނީގެ ދެބައިކުޅައެއްބަޔާ ގާތް އަދަދެކެވެ.

ބީއެމްއެލްގެ ބޯޑުން ނިންމާފައި ވަނީ، ބޭންކަށް ލިބުނު ފައިދާއިން ޑިވިޑެންޑްގެ ގޮތުގައި 129.2 މިލިއަން ރުފިޔާ ބެހުމަށެވެ. އެއީ ހިއްސާއަކަށް 24 ރުފިޔާ ޖެހޭ ވަރުގެ އަދަދެކެވެ. ބޭންކްގައި ކަސްޓަމަރުން ބަހައްޓާފައިވާ ޑިޕޮސިޓް ފައިސާ ވަނީ، 15.3 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އަދި ބޭންކުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯންތަކާއި އެޑްވާންސްގެ އަދަދުވެސް ވަނީ 12.2 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.