ވާހަކަ

އީޝަލް

(11 އެޕްރިލް 2019 އާ ގުޅޭ)

"ޒަގަންގެ ހަތަރެސްފައިގައި ހިފެހެއްޓުމުގެ ޚިޔާލު އަހަރެން ދޫކޮށްލައިފިން... އެ ދެ މީހުންނަކީ ވެސް އަހަރެންގެ ދެ ދަރީން، މީ އެ ދެ މީހުން ވެސް އިމްތިހާނު ކުރަންވީ ވަގުތު، އަހަރެން ވެސް ބަލަން ބޭނުން އެންމެ ހިތްވަރުގަދަވެފައި ބާރުގަދައީ އެތަނުން ކާކުކަން، ލާވީ... ދުރުން ޒަގަންގެ ޚަބަރުތައް ބަލާ" ދުރަށް ނަޒަރު ހުއްޓާލައިގެން ވިސްނުމަކަށް ގެއްލި އިނދެ ބޭރިތު ވާހަކަދެއްކިއެވެ.

"އެއްފަހަރާ އަހަރެންމެންގެ އަތުން ބީވެގެން އެ ދަނީ މިވަގުތު ގަނޑުވަރުގައި ތިބި އެންމެ ކުޅަދާނަ ފަސް ޒުވާނުން، އެ މީހުންގެ ތެރޭގައި އަހަރެންގެ ރާވިން ހުރިމަކީ އަހަރެން ވެސް ހީކުރި ގޮތެއްނޫން، އެކަމަކު... އެހެން ބުނުމުން އެއީ މުޅިއަކުން ތެދަކަށް ނުވާނެ... ރައުލްގެ ކޮންމެ ނިންމުމަކަށް ރާވިން ބޯލަނބާނޭކަން އެނގޭއިރު މިހެންވެދާނޭކަން ނޭނގިއޭ އޮތީ ބުނެވޭކަށްނެތް" އިސްޖަހާލައިގެން ހުރެ ލާވީ ބުންޏެވެ.

"ލާވީ، ކަލެއަކީ އަހަރެންގެ އެންމެ ގާތް، ސިއްރުތަކުގެ ވެރިޔާ... އަހަރެމެންގެ ގާތްކަން އެ ދެ ކުދީން ގާތްކުރުވީ، މި ހުރިހާ ދުވަހު އަހަރެން ވެސް ހީކޮށްގެން މި ހުންނަނީ ރައުލްގެ މުސްތަޤުބަލްވަނީ އޭނާ އުފަންވީ ދުވަހުން ފެށިގެން އަހަރެންގެ މުށުތެރޭގައި ހިފެހެއްޓިފައޭ، އެކަމަކު އޭނާގެ ފުށުން އެ ފެނުނު ޖެހިލުން ކުޑަކަމަކީ އަހަރެންގެ އެއްވެސް ދަރިއަކަށް ދައްކަން ކެރޭނޭވަރު ޢަމަލެއްނޫން، ރައުލްގެ ސާބިތުކަން އެހެން ކުދީންނަށް ހިތްވަރަކަށްވީ، އަނެއްކޮޅުން އަހަރެންގެ ޒަގަންއަކީ ގޮތްދޫކޮށް ބަލި ޤަބޫލުކުރާނޭ ޒުވާނެއްނޫން، އޭނާއަކީ އަހަރެންގެ ނަމާ ގުޅުވައި އަހަރެންގެ ހަޤީޤީ ދަރިއަކީ އެއީ ކަމުގައި ބުނެ އަނިޔާވެރިކަމަށް މަޝްހޫރުވެފައިވާ ދަރިއެއް، މަކަރާއި ހީލަތުން ވިޔަސް އޭނާ ކާމިޔާބު ހޯދާނެ، އެއީ އޭނާގެ ފިޠުރަތު" ބޭރީތު އިން ދިގު ގޮނޑިއަށް ދެފައި އަރުވާލައި ކުރުއަތްމައްޗަށް އަރިއަކަށް އޮށޯވެލިއެވެ.

"ދަރީންނަށްވީތީ އެ މީހުންނާމެދު ހާސްވެ ކަންބޮޑުވޭ، އެހެންވިޔަސް މިކަމަށް ނިމުމެއް އަންނާނޭ ގޮތެއް ބަލަން ތިބުންނޫން ގޮތެއް ނެތް، އަހަރެންނަށް ވެސް ރަނގަޅު ޔާފިއާ ގޮވައިގެން ރާވިން އެނބުރި އަތުވެއްޖެނަމަ... ބޭރީތު!... އަރާމުކޮށްލެވޭތޯ ބަލައި، އެ މީހުންގެ ނިންމުންތަކުން އަހަރެމެންނަށް ލިބިފައިވާ ހާސްކަން ފޮރުވާލައި ފުރިހަމަ ޢިއްޒަތުގައި ވަދާޢު ކިޔުމަށް ނުކުންނަން ޖެހޭނެ" ލާވީ ލަފާ އެރުވިއެވެ. އޭނާގެ ވާހަކަތަކަށް މަޑުމަޑުން ބޭރީތު ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.

"ކަލޭ ވެސް މިބައިގައި މަޑުކުރޭ، މިރޭ... މިރޭ ހިޔެއްނުވޭ އަހަރެންނަށް ނިދޭނޭހެން" އުއްޑުން ޖެހިލައި މޭމަތީ ޖޯޑުކޮށްލެވުނު ދެއަތްތިލަ ބާއްވާލައި ބޭރީތު ހަމަޖެހިލިއެވެ.

* * * * *

އައިންއައިނަށް ލަސް ހަރަކާތްތަކާއެކު ދަތުރުކުރާ ގިއްނޯސްއާއި މާވަރުތައް ހުރީ ދިއްލާލައިފައެވެ. ރަތްކުލައާއި އޮރެންޖު ކުލައިގެ އިތުރުން ނުލާއި ދަނބު އެކުވެފައިވާ ކުލަތައް ވެސް ފާޅުވެއެވެ. އެއީ ބަލާލަން ހިތްގައިމު މަންޒަރެކެވެ. ރޯކޮށްފައި ފަޒާގެ ތެރެއަށް ދޫކޮށްލައިފައިވާ ކުލަކުލައިގެ ކަރުދާހުގެ ފާނޫޒުތަކެއް ފަދައެވެ. ގަނޑުވަރުގެ އުތުރުބައިގެ ވަށައިގެން ފޯރި މަރަމުން ރައުލްއާއި އޭނާގެ ބައިވެރިން ދިޔައެވެ. ސޭމެސް ނޫން އެންމެންގެ މޫނުތަކުން މާޔޫސްކަން ފާޅުވެއެވެ. އެކަކުއަނެކަކާ އެއްވެސް ވާހަކައެއް ދެއްކުމެއްނެތި މަސައްކަތަށް ސަމާލުކަން ހުއްޓާލައިގެން ތިބި ކަހަލައެވެ. ނަމަވެސް އެއިން ކޮންމެ މީހަކު ވެސް އަމިއްލަ ފިކުރުތަކުގައި ބަނދެވިފައިވެއެވެ.

"ދާންވީނު އަރާމުކޮށްލަން، އަހަރެން މަޑުކޮށްލަ ފާނަން" ރައުލް އެންމެންނަށް އަޑުއިވޭނޭ ވަރަށް ބުނެލިއެވެ.

"އަހަރެން ރަނގަޅު، މަޑުކޮށްލާނީ" ސޭމެސް އަންގާލިއެވެ. ދެން ތިބި މެންބަރުން ވެސް ނިންމީ މަޑުކުރާ ގޮތަށެވެ. އެއާއެކު ރައުލް ދެން ގޮވާލީ ދާރިއުސްއަށެވެ.

"ދާރިއުސް، ކަލޭގެ މަންމަގެ ގާތަށް ދޭ، ދާންވީމައި އަހަރެން ގޮވާނަން" ދާރިއުސް އައުމުން ރައުލް ބުނެލިއެވެ. އެކަމާ އެއްޗެއް ބުނަން ދާރިއުސް އުޅުމުން އޭނާގެ ކޮނޑުގައި ރައުލް ދެއަތުން ހިފަހައްޓާލިއެވެ. ހަތަރުކަޅި ހަމަކޮށްލުމާއެކު ރައުލް ބޯޖަހާލި ގޮތުން ދާރިއުސް ހިމޭންވިއެވެ. ޚުދު އޭނާ ވެސް ވިސްނަމުންދިޔައީ މަންމަ، މަދުރާއާ މެދުއެވެ. އެންމެންނާ ވަކިވެ ދާރިއުސް އެނބުރި ގަނޑުވަރުގެ ތެރެއަށް ވަންނަން ދިޔައެވެ. އެވަގުތު ރައުލްގެ ގާތުގައި ރާވިން އައިސް މަޑުކޮށްލިއެވެ.

"ރައުލް، އަހަރެމެންގެ މައްޗަށް ކަލޭ ކަންބޮޑުނުވެބަލަ" ދުރަށް ނަޒަރު ހުއްޓާލަމުން ރާވިން ބުންޏެވެ.

"ލާވީ، މަދުރާ... ހަތޯރުގެ މަންމަ، އަހަރެންގެ ބައްޕަ... މި އެންމެން އަހަރެންނަށް ނަފުރަތުކުރާނެ، އެ މީހުންގެ ނަފުރަތު ތަޙައްމަލު ވެސް ކުރެވޭނެ، އެކަމަކު... އަހަރެންގެ ސަބަބުން ކަލޭމެންގެ ތެރެއިން އެކަކަށް ކަމެއް ވިޔަސް އަހަރެންގެ އަމިއްލަ ހަށިގަނޑަށް އަރައިގެންދާ ހަމަލާއަކާ އެއްފަދަވާނެ، ކަލޭމެންނަށް ނިކަމެތިކަމެއް ލިބިދާނޭތީ އަބަދުވެސް ވިސްނޭނެ" ރައުލް އާދައިގެ ވަރަކަށް ރާވިންއާ ވާހަކަދައްކަމުންދިޔައިރު އޭނާގެ އަޑު ދުރުގައި ތިބި ސޭމެސްއާއި ހަތޯރު ވެސް އަޑު އެހިއެވެ.

"ލާވީއެހާ ބަލިކަށްޓެއްނުވާނެ، އޭނާއަކީ އަނިޔާވެރިއެއް ވެސް ނޫން، އޭނާއަށް އެނގޭނެ މަރުގެ ކުރިމައްޗަށް ކަލޭ ޚާޟިރު ކުރެވިއްޖެނަމަ ކަލެއާއެކު އަހަރެން ނުހުރެ ނުދާނޭކަން، އަހަރެންގެ މައްޗަށް އާފާތެއް އަތުވެއްޖެނަމަ އެކަމަކާ އަހަރެން ކުރިމަތިލާނަން، ރައުލް!... އަހަރެން ތަމްރީނުވީ އެހެންނު... މައިދާނަށް ނުކުންނަ ކޮންމެ ނަފްސެއް ސަލާމަތްކުރުމަށް ވިސްނައިފިނަމަ ދުޝްމިނުންގެ އަތްދަށުވެ ތިމާގެ އިތުރުން ރައްކާތެރިކުރަން ބޭނުންވި އެކަކު ވެސް ސަލާމަތެއްނުވާނެ، މިވަގުތު އަހަރެމެން ވެސް މި ނުކުންނަނީ ހަނގުރާމައިގެ މައިދާނަކަށް، ގާތުގައި ތިބި މީހުންގެ ހާލު ބަލަން ހަދައިގެން ދުރުން އަންނަ ހަމަލާ ލޮލުން ކައްސާލިޔަ ދީގެން ނުވާނެ، އަހަރެންގެ ކަނޑިން އަހަރެންގެ ނަފްސުގެ ރައްކާތެރިކަން ހޯދުމުގެ ކުޅަދާނަކަމާއި ބާރު ލިބިފައިވޭ، އަހަރެމެން ކޮންމެ މީހަކު އަމިއްލަ ނަފްސުގެ ޒިންމާ އުފުލުމުގެ ކުޅަދާނަކަން ލިބިފައިވޭ، އެ ޒިންމާ ކަލޭގެ ބޮލުގައި އެޅިފައެއްނުވޭ، އަދި އަހަރެމެން އެގޮތް ބޭނުމެއް ވެސް ނޫން" ރާވިން ބުންޏެވެ.

"އީޝަލް މިތަނަށް ނުގެނެވުނުނަމައޭ ހިތަށް އަރާ" އިރުކޮޅަކު ހުރެފައި ރައުލް ބުންޏެވެ.

"ކަލޭމެން ދެ މީހުން ކަމަކާ ދެބަސްވީތަ؟" ރާވިން އެއްސެވެ.

"އަހަރެންނަށް ކުރެވުނީ ކޮންކުށެއްކަމެއް ނޭނގުނު، ވިސްނާވިސްނާ ބުއްދި ގޯސްވާ ހިސާބަށް ހިނގައްޖެ، އީޝަލް ކުއްލިއަކަށް އަހަރެންނަށް ގަޔާނުވާހެން އުޅެނީ" އެއްއަތުން މޫނުގެ އެއްފަޅީގައި ޖައްސާލައި ރައުލް ދެފަރާތަށް ބޯހޫރާލިއެވެ.

"އަންހެނެއްގެ ހިތުގައި ހިނގާ ޚިޔާލުތަކެއް ނޭނގޭނެ، އެކަމަކު އޭނާ ދައްކާ ވާހަކައާ މެދު ވިސްނައިފިނަމަ އެ ހިތުގައިވާކަމަކަށް އިޝާރާތްކުރާނެ، އެވެސް ފިސާރި ކުޅަދާނަ ފިރިހެނުންނަށް ލިބިފައިވާ ހުނަރެއް" ކުޑަކޮށް ހީނލާފައި ރާވިން ބުނެލިއެވެ. ނަމަވެސް ރައުލްގެ މޫނުގައިވި އަސަރުތައް ފިލައިގެނެއްނުދިޔައެވެ.

"އީޝަލް ބުނިތަ އެއްވެސް އެއްޗެއް" ރައުލް އަނގައިން ނުބުނެ ހުންނަން ފެށުމުން ސަމާސާ ގޮތް ކަނޑާލައި ރާވިން އެއްސެވެ.

"އަހަރެން... އަހަރެން އަލަށް ވެސް ގާތްކަމެއް ބޭއްވި ހަމައެކަނި އަންހެނަކީ އީޝަލް، އެކަން އޭނާއަށް އެނގޭނެ، އެކަމަކު ނުވިސްނުނީ އޭނާ އެފަދަ ސުވާލެއް ކުރީމަ" ފުން ވިސްނުމެއްގައި ހުރެ ރައުލް ބުންޏެވެ.

"ކީކޭ އެހީ؟" ރާވިން ނިކަން އަވަހަށް އަހާލިއެވެ.

"އެހެން އަންހެނަކާ އަހަރެން ގާތްވިންތޯ" ރައުލް މިހެންބުނެ ތުންފިއްތާލީ އެ ސުވާލުން އެކަނި ވެސް އޭނާގެ ޠަބީޢަތް ގޯސްވެގެންނެވެ. އީޝަލް ނޫން އެހެން އަންހެނަކު އޭނާގެ ޚިޔާލަށް ވެސް ނުގެނެއެވެ.

"ސަމިއާނާގެ ވާހަކަ އެހިތަ؟" ރާވިން ބުންޏެވެ. އެހިނދު ދެ ލޯ ބޮޑުކޮށްލެވުމާއެކު ރާވިންއާ ދިމާއަށް ރައުލްއަށް ބަލާލެވުނެވެ. އަދި އޭނާއަށް ޖަވާބު ދިނުމުގެ ގޮތުން ރައުލް ދެފަރާތަށް ބޯހޫރުވާލިއެވެ.

"އީޝަލްއަށް ކީއްވެ ސަމިއާނާގެ ވާހަކަ ކިޔައިނުދިނީ، އަހަރެންނަށް އެނގޭ ރައުލް އެއިން އެއްވެސް ކަމެއް އޭނާގެ ގާތުގައި ނުބުނާކަން" ރާވިން ވެސް ހުރީ ސީރިއަސްވެފައެވެ. ރައުލްއަށް ވިސްނާލަން މަޖުބޫރުވިއެވެ.

"އަހަރެން ނުބުނާކަށްނޫން، ހުރިހާކަމެއް އެހާ އަވަހަށް ހިނގައި މިދިޔައީ، އެހެންވެ ފަހުން ބުނަން މަޑުކޮށްލީ، އެހެންނޫނަސް އޭނާއާއި އަހަރެންނާ ދެމެދު އެއްވެސް ގުޅުމެއްނެތެންނު، ބައްޕަ ކުރި ޝަރުތަކަށްވާތީ ކޮންމެހެން ކުރަންޖެހިގެން ކުރިކަމެއް އެއީ" ރައުލް ބުންޏެވެ.

"ސަމިއާނާއަކީ ކާކުތޯ އީޝަލް އެހި؟... އެ ނުބައި ޚިޔާލުތައް އޭނާގެ ބޮލަށް ވެއްދި މީހަކީ ޒަގަން، އޭނާ އެކަން އެކުރީ ގަސްދުގައި އީޝަލްގެ ވިސްނުމާ ކުޅެލުމުގެ ބޭނުމުގައި، އަހަރެންނާއި ޔާފިއާ އެއްވެސް އެއްޗެއް އެކަމާ ނުބުނީ ރައުލް އޭނާގެ ގާތުގައި އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކާފައިނުވާކަން އެނގުމުން، ކަލޭގެ ވިސްނުން ހުރި ގޮތެއް ނޭނގޭތީވެ، ކަލޭމެން ދެ މީހުންގެ ދެމެދުގައި އަހަރެމެންނަށް ބުނެވޭ އެއްޗަކުން ދުރުކަމެއް އުފެދިދާނޭތީވެ، އެކަމަކު މިހާރު ތިވީ ގޮތުން ހީވަނީ ޒަގަން ބޭނުންވިގޮތް ވެއްޖެހެން" ރާވިން ބުންޏެވެ.

"ނޫން... އީޝަލްއަކީ ތިހާ ނުވިސްނޭ އަންހެންކުއްޖެއްނޫން، އަހަރެން އޭނާއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް ބޭނުމެއްނޫން، އަހަރެން އޭނާއަށް ކިޔައިދެނިކޮށް ޤަބޫލުކުރާނެ... ޒަގަން ބޭނުންގޮތެއްނުވާނެ، އޭނާއަށް އަހަރެންނާއި އީޝަލް ދުރެއްނުކުރެވޭނެ، އެ ފުރުޞަތެއް އޭނާއަކަށް ނުދޭނަން" ރައުލް ބުންޏެވެ. ނުދައްކަން ހުރެފައި ވެސް ރާވިންއާ ޚިއްޞާ ކުރެވުމުން ރައުލްއަށް ހައްލެއް ފެނިއްޖެއެވެ. ނުބުނެވިއޮތް އެންމެ ކަމެއްގެ ވާހަކަ ނަގައި އެކަމުން އީޝަލްގެ ހިތަށް ވަސްވާސް ވައްދަން ޒަގަން މަސައްކަތްކުރަނީކަން ރައުލްއަށް ވިސްނިއްޖެއެވެ. ވީ އެންމެ އަވަހަށް އީޝަލްއަށް ހުރިހާކަމެއް އޮޅުން ފިލުވައިދޭން ރައުލް ނިންމީ އެހެންވެއެވެ. ޖިންނީންނަކީ އެފަދަ ސިއްރުތައް ހޯދާއި ދެ ފަރާތުގެ ދެމެދުގައި ހަސަދައާއި ނަފުރަތުކަން އުފައްދައި އޮޅުވާލުމުގައި މާހިރުންނެވެ.

* * * * *

ފަތިހު ނުކުންނަންވީ ވަގުތު ޒިޔަޒެލް އޮތީ ކަނޑައަޅާފައެވެ. އޭނާއާއި އާރަމްގެ ފަހަތުން ލާމިއާއެކު އީޝަލް ނުކުންނަން އައެވެ. ނަމަވެސް އީޝަލް އެނބުރި ގޮސް ފައްވާރުގެ ކައިރީ މަޑުކުރިއެވެ. ނިވާކޮށްފައި ހުރި ފޮތިގަނޑުގެ މަތިން އެ ބުދުގެ ބަނޑާ ހިސާބުގައި އީޝަލް އަތްލިއެވެ. އެ މަންޒަރު ފެނި އާރަމްއާއި ޒިޔަޒެލް އެކަކުއަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. އަދި އީޝަލްއަށް ޒިޔަޒެލް ގޮވާލީ އަވަހަށް އައުމަށެވެ.

"އެ ބުދު އެ ތަނުގައި ނުބަހައްޓާ ނަގާނަމަ... ބުދު ބަހައްޓާކަށް ވެސް ނުވާނެއެއްނު" މާޔޫސްވެފައިވާ ރާގެއްގައި އީޝަލް ބުންޏެވެ.

"އެ ބުދަކީ އެ މީހުންގެ އެއްޗެއް" ޒިޔަޒެލް ބުންޏެވެ.

"ބޭކާރު ކަންކަމަކާ ޚިޔާލުނުކުރޭ އީޝަލް، އެނބުރި ދާންއުޅޭއިރު، ކަލޭގެ ބައްޕައާއި މާމަ އިންތިޒާރުގައި މިހާރު ތިބޭނެ" އީޝަލްގެ އަތުގައި ހިފައި ގާތްކޮށްލަމުން އުފާވެރި ރާގެއްގައި ހިނިތުންވެލައިގެން ހުރެ ލާމިއާ ބުނެލިއެވެ. އެއާއެކު އީޝަލްގެ މޫނު ވެސް އުޖާލާވެއްޖެއެވެ. ބައްޕަ މަތިން އޭނާ ވެސް ވަރަށް ހަނދާންވެއެވެ.

ގަނޑުވަރުގައި އީޝަލްމެން ތިބި ބައިން ބޭރަށް ނުކުމެވުނުއިރު "ހޯލްވޭ"ގައި ރައުލްއާއި އޭނާގެ ބައިވެރިން ތިއްބެވެ. އެ މީހުން ތިބިގޮތުން އެ ތިބީ ދަތުރަށް ތައްޔާރުވެގެން އައިސްކަން އެނގެއެވެ. އީޝަލް އިސްއުފުލައި ބަލާނުލިކަން ރައުލްއަށް ފާހަގަވިއެވެ. އެހެންވިޔަސް މިފަހަރު ނާއުންމީދެއްނުވިއެވެ. ހިތާހިތުން އެދެވުނީ ކުޑަ ވަގުތުކޮޅަކަށް ކެތްތެރިވުމަށެވެ. އެއަށްފަހު އީޝަލްގެ ހުރިހާ ސުވާލަކަށް އޭނާ ޖަވާބުދޭނޭކަމުގައެވެ.

ދަރުބާރަށް ވަނީ ރައުލް ކުރިއަށް ކުރިއަށް ހުރެއެވެ. އޭރު ބޭރީތުގެ ތަޚުތުގައި އޭނާ އިނެވެ. އޭނާގެ ގާތުގައި ލާވީ އިނެވެ. އެންމެން ވަދެގެން އައިސް ބޭރީތާ ކުރިމަތިވާނޭހެން ސަފު ހެދުމާއެކު ބޭރީތު ތެދުވިއެވެ. އޭނާއާއެކު ލާވީ ވެސް ތެދުވެއްޖެއެވެ. ނުރުހުމުގެ ނަޒަރަކުން ޒިޔަޒެލްއަށް ބަލާލި ނަމަވެސް އީޝަލްއާ އެ ނަޒަރު ހަމަވިއިރު އެ ލޮލުގައިވީ އަސަރު ތަފާތެވެ. އެ އަންހެންކުއްޖާ އޭނާގެ ގާތުގައި ބަހައްޓަން ބޭރީތުގެ ހިތް އެދެނީއެވެ. އަނެއްކޮޅުން އެ އަންހެންކުއްޖާގެ މައްޗަށް އަނިޔާވެރިވާން އޭނާގެ ހިތް ދެކޮޅު ހަދަނީއެވެ. މަޑުމަޑުން އައިސް އީޝަލްގެ ކުރިމަތީ ބޭރީތު ހުއްޓުނެވެ.

"ކަލެއަކީ އާދައިގެ އަންހެނެއްނޫންކަން އެނގޭ، ތި ދަނީ އަހަރެންގެ އެންމެ ޒުވާން ފަސް ދަރީން ގޮވައިގެން، އެ މީހުންގެ އަޒުމާއި ނިޔަތާ ކުޅެލޭވޭނޭ ޖިންނިއަކު ނުވޭ، އެކަމަކު ކަލޭ އެ މީހުން ބަލި ބަޔަކަށް ހަދައިފި"

"ބައްޕާ..." ބޭރީތުގެ ވާހަކަ ހުރި ގޮތް އަޑުއިވި ރައުލް ގޮވާލިއެވެ. އެހިނދު ބޭރީތު ބަލާލި ގޮތުން މަރު ފަދަ ހިމޭންކަމެއް ތަނަށް ވެރިވެގެންދިޔައެވެ.

"މިތަނުން ނުކުމެގެން ދިއުމަށްފަހު ކަލޭމެންނަށް ކޮންމެފަދަ ހާލެއް ޖެހުނަސް އަހަރެންގެ ރައްކާތެރިކަމެއްނެތް، އެކަމަކު އެކަމުން ސަލާމަތްވެގެން އަހަރެންގެ ގަނޑުވަރާ ހަމައަށް އަތުވެއްޖެނަމަ އަހަރެންގެ ހިމާޔަތް ދޭނަން، އޭގެ މާނައަކީ އެނބުރި އައުމަށްފަހު ކަލޭމެން ކޮންމެ މީހެއްގެ ފުރާނައަކީ އަހަރެންގެ މިލްކެކޭ، އަހަރެން ބޭނުންވެއްޖެނަމަ ކަލޭމެންގެ ހަށިގަނޑުތަކުން ފުރާނަ ލުހެލުމުގެ ބާރު އަހަރެންނަށް ލިބިގެންވެޔޭ" ބޭރީތު އެތަނުގައި ތިބި އޭނާގެ ދަރީންނާ ކުރިމަތިލައި އަޑު ހަރުކޮށް ބުންޏެވެ. އެންމެން އިސްޖަހާލިއިރު ވެސް ރައުލް ހުރީ އޭނާގެ ބައްޕައަށް ބަލަހައްޓައިގެންނެވެ.

"ކަލޭމެންގެ ދަތުރަށް ނުކުމޭ، އަހަރެންގެ މާކަނޑުން ތިލަވަންދެން އަހަރެންގެ ސިފައިން ކަލޭމެންނާއެކު ދާނެ، ޒިޔަޒެލް، ކަލޭ މިތަނަށް އައިސް ތިހުރީ ވަރަށް ތައްޔާރުވެގެންކަން އަހަރެންނަށް އެނގޭ، އަހަރެން އުންމީދުކުރަނީ ކަލޭގެ ތި ހުތުރު މޫނު ދުށުމަށް ދެން ދުވަހަކުވެސް ނުޖެހޭނެކަމަށް، ތި ކައިވެންޏެއް ކުރެވޭ ގޮތް ދުށުމަށް އަހަރެންގެ ބަދަލުގައި ހުންނާނީ ލާވީ، އޭނަ ހުރުމަކީ އަހަރެން ހުރުން ފަދަ" ބޭރީތު އެއްމިޔަކަނިން ހީނލިއެވެ.

"އެންމެ ރަނގަޅު" ޒިޔަޒެލް ވެސް އެއްމިޔަކަނުން ހިނިތުންވެލިއެވެ. އެތަނުގައި ތިބި އެންމެންނަށް ވެސް އެ ދެ މީހުންގެ ދެމެދު ބަދަލުކޮށްލެވުނު ބެލުމުގައިވާ ނުރައްކާތެރިކަން އިޙްސާސް ކުރެވުނު ފަދައެވެ.

ދަރުބާރުން އެންމެން ނުކުމެ ގަނޑުވަރުގެ މައި ދޮރޯށްޓާ ދިމާއަށް އަންނަނިކޮށް ޒަގަން މަޑުކޮށްލައިގެން ހުއްޓާ ފެނުނެވެ. އޭނާ އައިސް ޒިޔަޒެލް ކުރިމައްޗަށް ހުއްޓި ކުރުނީސް ކުރިއެވެ. އީޝަލްއަށް ދަތްކުނޑިވިކާލެވުމާއެކު ލާމިއާގެ އަތުގައި ހިފާލައި އޭނާގެ ނިވަލަށް ވަންނަން އުޅޭ ފަދައިން ގާތްވެލިއެވެ.

(ނުނިމޭ)