ވިކްޓަރީ

މާއްޓޭ އެކެޑެމީގެ އޯޕަންޑޭ މިއަދު ހަވީރު

ކުރީގެ ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) ގެ އެކެޑެމީ، މާލޭ ގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މާލޭގައި ފަށާ އެކެޑެމީއާ ގުޅުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ބާއްވާ އޯޕަންޑޭ މިއަދު ހަވީރު ހެންވޭރު ދަނޑުގައި އޮންނާނެ އެވެ. މާއްޓޭ އެކެޑެމީ ހދ. ކުޅުދުއްފުށީގައި ކުރިއަށްދާތާ މިހާރު އެއް އަހަރު ވެއްޖެ އެވެ.

މާއްޓޭގެ އެކެޑެމީ ކުރިއަށް ގެންދަނީ ވިކްޓަރީ ސްޕޯޓްސް ކުލަބާ ގުޅިގެންނެވެ. އެކެޑެމީން ތަމްރީންވާ ކުޅުންތެރިންނަށް ވިކްޓަރީގެ އެކި އުމުރު ފުރާތަކުގެ ޓީމުގައި ކުޅުމުގެ ފުރުސަތު ދެއެވެ.

"އަޅުގަނޑުމެން މި ފުރުސަތު ހުޅުވާލަނީ އަޅުގަނޑުމެން އެކެޑެމީން ތަމްރީންވާ ކުދިންނަށް ވިކްޓަރީގެ 17 އަހަރުން ދަށުގެ ޓީމާއި 21 އަހަރުން ދަށުގެ ޓީމާއި އަދި ސީނިއާ ޓީމަށް ކުޅުމުގެ ފުރުސަތު،" ވިކްޓަރީގެ ވައިސް ޗެއާމަންގެ މަގާމުވެސް ފުރަމުން އަންނަ މާއްޓޭ ބުންޏެވެ.

އެކެޑެމީން ތަމްރީން ކުރަނީ ހަ އަހަރާއި ނުވަ އަހަރުގެ ކުދިން، 10 އަހަރާއި 12 އަހަރުގެ ކުދިން އަދި 13 އަހަރާއި 14 އަހަރުގެ ކުދިންނެވެ. އެކެޑެމީގެ ފީއަކީ 350 ރުފިޔާ އެވެ. ފުރަތަމަ މަހު ރަޖިސްޓްރޭޝަން ފީ އާއެކު 500 ރުފިޔާ ނަގައެވެ.

ސާފް ގެމްސްގައި 1992 ވަނަ އަހަރު ރާއްޖޭގެ ޓީމުން ރިހި މެޑަލް ހޯދިއިރު ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި މާއްޓޭ ބުނީ ކުރިއަށް އޮތް ތަނުގައި ގޯލްކީޕަރުންނަށް ވާން ބޭނުންވާ ކުދިން ތަމްރީން ކުރުމުގެ ހާއްސަ ޕްރޮގްރާމެއް އޭނާގެ އެކެޑެމީން ފަށާނެ ކަމަށެވެ.

މާއްޓޭއަކީ ރާއްޖޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާގެ ކޯޗިން ކެރިއަރުގައި 13 ތަށި ހޯދި އެވެ. ކޯޗުކަމުން ރިޓާޔާ ކުރިތާ 10 ވަރަކަށް އަހަރުވީއިރު އެއްވެސް ކޯޗަކަށް މާއްޓޭގެ ރެކޯޑް މިހާތަނަށް ފަހަނައަޅައި ދެވިފައެއް ނުވެ އެވެ. ކޯޗެއްގެ ގޮތުގައި މާއްޓޭ ވަނީ ވިކްޓަރީ އާއި ވެލެންސިއާ އަދި އައިއެފްސީއަށް ކޯޗު ކޮށްދީ ކާމިޔާބު ހޯދާފަ އެވެ. ވިކްޓަރީއަށް 11 ތަށި ހޯދައިދިނެވެ.

އޭނާގެ އެކެޑެމީގެ ކޮންސެޕްޓަކީ، ބާސެލޯނާގެ ޔޯހާން ކްރައިފް އިންސްޓްޓިޔުޓުން ފުޓްބޯޅަ މެނޭޖްމެންޓާއި ފުޓްބޯލް މާކެޓިންއިން މާސްޓާސް ހެދިއިރު އޭނާ އެކުލަވާލި ރިސާޗް ތީސީސްއެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރި ކޮންސެޕްޓެކެވެ.

މާއްޓޭ ބުނީ، އެކެޑެމީގެ ބޭނުމަކީ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުން ނޫން ކަމަށާއި އެކެޑެމީން ތަމްރީންވާ ކުދިންނަކީ އިޖުތިމާއީ ޒިންމާ ނެގުމުގައި ހަރުދަނާ ބަޔަކަށް ހެދުންވެސް އެއީ އެކެޑެމީގެ ބޮޑު އަމާޒެއް ކަމަށެވެ.