ހަބަރު

ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް ދިރާގާއެކު ދެވޭނެކަން ޔަގީން: ރައީސް

އެކާވީސް ވަނަ ގަރުނުގެ ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް ދިރާގާއެކު ދެވޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދިރާގު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގައި 75 ޕަސެންޓަށް ފޯރުކޮށްދެވިފައިވާތީ އެކަން ފާހަގަ ކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދިރާގަކީ ރާއްޖެއަށް މުއާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ދިނުމުގައި ފަހުރުވެރި މާޒީއެއް އޮތް ކުންފުންޏެއް ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކާއި ބޭރު ދޭދޭ ގައުމުތަކާއި ގުޅުވާލަައިދޭ މައި ފާލަމަކީ ދިރާގު ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެފަދަ ޖަޒީރާ ގައުމެއްގެ މުޅި އާބާދީއަށް އެއް ފެންވަރެއްގައި މުއާސަލާތީ ހިދުމަތް ފޯރުކޮށް ދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެ ގޮންޖެހުންތަކާއެކު ވެސް ދިރާގުން ޒަމާނީ މުއާސަލާތުގެ ލުއި ފަސޭހަކަން ފުރިހަމައަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"ދިރާގުގެ ކާމިޔާބީގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް ވަރަށް ބޮޑު ދިރުމެއް އަތުވެއްޖެ، އަދި ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކާއި އެއް ސަފެއްގައި ފައި ހަމަކުރުމުގެ ގާބިލްކަން މި ރާއްޖެއަށް ލިބިއްޖެ، އެހެންކަމުން 21 ވަނަ ގަރުނުގެ ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް ދިރާގާއެކު އަޅުގަނޑުމެންނަށް ދެވޭނެކަން މިހާރު ޔަގީން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ދިރާގަކީ ރަށްރަށުގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި އެ ކުންފުންޏަކީ ރަށްރަށުގެ ވިޔަފާރިތައް ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. ހާއްސަކޮށް މާލެއާ ދުރު އަތޮޅު ތަކުގައި ރިސޯޓްތައް ތަރައްގީ ކުރުމުގައި ދިރާގުގެ ހިދުމަތް ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން އަމާޒު ހިފާފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ ވީހާ ވެސް ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް ޑިޖިޓަލް ކޮމިއުނިކޭޝަންގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުޅާކުރާށެވެ.

"ރައްޔިތުން އުންމީދުކުރާ ހަލުވި މިނުގައި ހިދުމަތްތައް ދިނުމުގައި ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް މި ގެންދަނީ މަސައްކަތް ކުރަމުން، ސަރުކާރުގެ ސިޔާސަތު ތަންފީޒުވެގެންދާއިރު، ވީހާވެސް ގިނަ ރަށްރަށަށް ހައި ސްޕީޑް އިންޓަނެޓް ލިބި ޑިޖިޓަލް ހިދުމަތުގެ އަގު މިހާރަށްވުރެ ވެސް ކުޑަވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުން އުފައްދަން އިތުރު ހިތްވަރެއްލުން ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމެވެ.

"ޑިޖިޓަލް ޓެކްނޮލޮޖީއަކީ އެއްވެސް އިމެއް ހިފެހެއްޓުމެއްނެތި ތަރައްގީވެ ފައްކާވަމުން އަންނަ ސިނާއަތެއް، ޒުވާނުންނަކީ އަބަދުވެސް ބަދަލުވުމާއި އާ ބަދަލުތަކަށް ތަރުހީބުދޭ ބަޔަކަށްވާއިރު އީޖާދީ އުފެއްދުންތަކަށް ޒުވާނުން އަހުލުވެރިކުރުމުގައި މިހާރަށްވުރެ ފުޅާ ގޮތެއްގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމާމެދު އަޅުގަނޑުމެން ވިސްނަންވެއްޖެ،" ރައީސް ވިދާޅުވި އެވެ.