ވާހަކަ

ބޭނުންވަނީ ޔާރާ

(10 އެޕްރިލް 2019 އާ ގުޅޭ)

ދާއިންގެ ފަރާތުން އިޝާރާތެއް ހަމަދެންމެ ލިބިދާނެޔޭ ހީވެފަވެސް އެދިޔައިއެވެ. މަންހާގެ ހިތަށް އިތުރަށް ތަދުކުރަން ބޭނުންވަނީބާއެވެ. އަދިވެސް މިދުނިޔޭގައި އޭނަ އެންމެ ލޯބިވާ މީހަކީ ދާއިންކަން ނޭގެނީބާއެވެ. މަންހާވެސް އެއްގަމަށް އަރަން ހިނގައިގަތެވެ. އެހެންނަމަވެސް މީހުންތަކުގެ ތެރެއަށް ދިއުމުގެ ބަދަލުގައި އޭނަ ދިޔައީ އޭނަގެ ކޮޓަރިއަށެވެ.

ފަތިހުގެވަގުތެވެ. އެންމެންވެސް ރޭގެ ޕާޓީއަށްފަހު ނިދަން ދިޔައީވަރަށްވެސް ލަސްވެފައި ހުއްޓައެވެ. އެހެންވެ ހެނދުނު ހުނދުނާ ތެދުވެގެން އުޅެނީ ވަރަށް މަދުބައެވެ. މަންހާ ޖޫސްތައްޓަކައި ފާންފޮއްޗެއް ހިފައިގެން ކާލަކާލަ ހުއްޓެވެ. ހެނދުނުގެ ނާސްތާވެސް އޭނަ ކުރަން ބޭނުންވީ އެހެންމީހުންނާއި ދުރުގަ އަތިރިމަތީގައެވެ. އަރައިގެން އަންނަ އިރުގެ ދޯދިތައް މަންހާގެ ގަޔަށްއެޅެމުންދިޔައެއްކަމަކު އެކަމަށް އޭނަގެ އެއްވެސް ފަރުވާލެއްނެތެވެ. އެސިކުނޑީގައިވަނީ ހަމައެކަނި ދާއިންއެވެ. އެސޫރައެވެ. ރޭގެކަންތައްތަކެވެ.

"ހޫނެއްވެސް ނުވޭތަ" އެއަޑާއިއެކު މަންހާގެ ތުންފަތުގައި ހިނިތުންވުމެއްދުވެލިއެވެ.

"އެހާ ހޫނެއްނޫން" މަންހާ ހިނިތުންވެލަމުން ބުނެލިއެވެ.

"ކީއްވެ ރެސްޓޯރެންޓުތެރޭ ސައިބޯން ނީނދެ މިތަނަށް ތިއައީ" ދާއިން ވާހަކަދެއްކިއެވެ.

"ކިހާ ހިތްފަސޭހަ މިހެން މޫދާ ގޮނޑުދޮށާ މިރީތި ދޮންވެލިގަނޑު ފެންނަން އޮންނައިރު، މީ ކޮންމެކޮންމެ ފަހަރަކު ލިބޭނެކަހަލަ ފުރުޞަތެއްނޫނެއްނު، ސަރ ވެސް ޖޫސްތަށި ހިފައިގެން ތިއައީ މިތަނަށެއްނު" މަންހާ ދާއިންގެ އަތުގައި އިން ޖޫސްތައްޓަށް ބަލާލަމުން އޭނައަށް ބަލާލިއެވެ. ދާޢިންގެ ވާހަކަތައް ހުރިގޮތުން ރޭގައި އެއްވެސް ކަމެއް ވީހެނެއްހިއެއްނުވެއެވެ. އެހާވެސް އޮމާނެވެ. އެކަމަކު އެދެމެދުގައި ކޮންމެވެސް ކަމެއްވިކަން މަންހާއަށް އެނގެއެވެ. އަދި އޭނަ އެއިންއެއްވެސް ކަމެއްގެ މަތިން ހަނދާނެއްނުނެތެވެ. ދާއިން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންނުވާނަމަ އޭނަވެސް އަލުން އެވާހަކަ ދައްކާކަށް ބޭނުމެއްނޫނެވެ.

"އަބަދު ސަރ، ސަރ، ނުކިޔަސް އޯކޭވާނެ، ދާއިން ކިޔަސް އެންމެ ރަނގަޅޭ، ތިބުނިހެން މިމާހައުލުން ހިތްއުފާވާކަހަލަ ގޮތްތަކެއް ހުރޭ، އެކަމަކު......."ދާއިން ވަކިހިސާބަކުން ހުއްޓާލިއެވެ.

"އެކަމަކު އެއައީ ކީއްވެ؟" މަންހާ ސުވާލުކޮއްލިއެވެ.

"ދިރިއުޅުމެއް ފެށީމަ ކޮންމެމީހަކަށްވެސް އެނގޭނެ، ހީވެސް ނުކުރާހާ ކިތަންމެ ކަމެއް ބަދަލުވެދާނެ، ކުރިން އުފާހާޞިލްކޮއްދިން މާޙައުލަކުން މިހާރު އެއުފާ ހާޞިލްނުވުންވެސް އެއީ ވެދާނެކަމެއް، ހަގީގަތުގައި މާހައުލު ތަފާތުވީކީ ނޫން، ހާލަތު ބަދަލުވީ" ދާއިން އޭނަގެ އަތުގައި އިން ޖޫސްތައްޓަށް ބަލަހައްޓައިގެން ހުރެ ކަނާތުން ތަށީގެ ކައިރިފަށުގައި އިނގިލިތައް ހާކާލަމުން ބުނެލިއެވެ. މަންހާއަށް އެއްކޮށް ދާއިން އެބުނި އެއްޗެއް ނޭގުނުކަމުގައި ވިޔަސް ކޮންމެވެސް ވަރަކަށް ދާއިން ބުނަން އެއުޅެނީ ޒާރާގެ ވާހަކަން އެނގުނެވެ.

"އައިމް ސޮރީ...." މަންހާ ބުނެލިއެވެ.

"ކޮންކަމަކާ؟" ދާއިން މަންހާއަށް ބަލާލަމުން ބުނެލިއެވެ.

"ޒާރާ......"މަންހާއަށް ބުނަންކެރުނީ އެވަރަށެވެ.

"ކާކު ޒާރާގެ ވާހަކަ މަންހާގެ ގާތުގަ ދެއްކީ، ޒައްލެތަ؟ ނޫނީ ކާއިލްތައް" ދާއިން އަވަސް އަވަހަކަށް އަހާލިގޮތުން މަންހާއަށް ހީވީ އޭނައަށް ބުނެވުނީ މުޅިން ގޯސް އެއްޗެއްހެންނެވެ.

"ނޫރާގެ ފަރާތުން އަޑުއިވުނީ" މަންހާ ނިތްއަރުވާލަމުން ކޮންމެހެންވެސް ޖަވާބުދޭންޖެހިގެން ބުނާފަދަ ގޮތަކަށް ބުނެލިއެވެ.

"ނޫރާ ކީކޭ ބުނީ" ދާއިން އަނެއްކާވެސް ސުވާލުކުރިއެވެ.

"ޒާރާ ވަރަށް ބަލިވާހަކަ، އެކަމާ ދާއިން އަބަދުވެސް ދެރަވެފަ ހުންނަ ވާހަކަ، މިހާރު ވަރަށް ދުވަސްވެއްޖެޔޭވެސް ބުނި، އަޅުގަނޑު ނޫރާ ކައިރިން އެހީމަ އޭނަ ބުނީ، އިޓްސް ނޮޓް ހާރ ފޯލްޓް" މަންހާ އަވަސް އަވަހަށް ނޫރާ ދިފާއުކުރަންފެށިއެވެ.

"ސިލީ......ނޫރާ ބުނީ ތެދެއް، އަހަރެން ނޫރާއަށް ކަމެއްކުރާކަށް ނޫޅެން، އެހެންނޫނަސް އޭނަ މިހާރު އެހެރީ އަހަރެންގެ ވަޒީފާއެއްގަވެސް ނޫން........މަންހާ.......މިހެން ހިނގާލާނަންތަ" ދާއިންއަށް އެފަދަ ދައުވަތެއް މަންހާއަށް ދެވުނީ ކީއްވެކަމެއްނޭގެއެވެ. އެހެންނަމަވެސް އޭނަގެ ހިތުގެ އުދާސްތައް ކޮންމެވެސް ސިފައެއްގައި އަޑުއަހާނެ ފަރާތެއް އޭނަ ބޭނުންވެފައިވެއެވެ. ލޯބިވެރިއަކަށްވުރެ ބޮޑަށް އެހީތެރި އެކުވެރިޔަކު ބޭނުންވެފައިވެއެވެ. ޒައުލްއަކީ އެންމެ ގާތް ރަޙުމަތްތެރިއާ ކަމުގައިވިޔަސް މިދުވަސްކޮޅު އޭނަގެ ވާހަކަތައް އެހުންނަ ގޮތުން ދާއިން އޭނަ އާއި ވާހަކަދައްކަން ބޭނުންނުވަނީއެވެ.

މަންހާ ބޯޖަހާލަމުން ދާއިން އާއިއެކު ހިނގައިގަތެވެ. ދާއިން މަންހާގެ އާއިލާ އާއި ބެހޭގޮތުން ސުވާލުކުރިއެވެ. މަންހާ އޭނަގެ އާއިލާ އާއި ބެހޭގޮތުން ދާއިން އޮޅުންފިލުވަން ބޭނުންވެ ކަމެއްވެއްޖެއްޔާ އޮޅުން ފިލުވާދިނެވެ. ވެރިޔަކާއި އޭނަގެ ދަށުގައި މަސައްކަތްކުރާ މުވައްޒަފަކާއި ދެމެދުގައި އޮންނަންވާ ގުޅުމުގެ ބަދަލުގައި އެދެމެދުގައި ރަޙުމަތްތެރިކަން އުފެދެމުންދިޔައެވެ. އެހެންނަމަވެސް އެއިން އެއްވެސް ފަހަރަކު ދާއިން ޒާރާގެ ވާހަކައެއް ނުދައްކައެވެ. ދުރުދުރުން ދައްކަމުންދާ ވާހަކައިން އޭނަގެ އެކަނިވެރިކަން މަންހާއަށް އިޙްސާސްކުރެވެމުންދިޔައެވެ. އަދި ކުރިއަށްވުރެ ބޮޑަށް ދާއިންގެ ހަޔާތަށް އޭނަ އައުމަށް ބޭނުންވިއެވެ. ކޮންމެ ހާލެއްގަވެސް އޭނަ ދާއިން އާއިއެކު ވާނަންކަން އަންގަދޭން ބޭނުންވިއެވެ.

"އަހަރެން ދާއިންގެ ފޯނަށް ގުޅާ ގުޅާ........މީ ދޯ މިވީ ކަމަކީ، އެންމެން ހޭލުމުގެ ކުރިން....ހޫމް.....ހޫމް.......މަންހާ....." ދުރުން ހިނގަމުން އައި މަންހާ އާއި ދާއިން ފެނުމާއިކު ދުވެފައި ކަހަލަގޮތަކަށް ގޮސް އެމީހުންނާއި އެއްވަރުކޮއްލަމުން ޒައުލް ބުނެލިއެވެ. އެއާއިއެކު މަންހާ ލަދުން އިސްޖަހާލިއެވެ. ދާއިންއަށް އެމަންޒަރު ފެނި ޒައުލްގެ އަތުގެ ކޮނޑާ ދިމާލުން އަތްމުއްކަވާލާފައި ޖެހިއެވެ. މަންހާ ހައިރާންވިއެވެ. ދާއިންގެ ފަރާތުން އެފަދަ ސަކަރާތުގެ ޢަމަލެއް މީގެކުރިން އޭނަ ނުދެކެއެވެ. ޒައުލް ތަދުވިކަމަށް ހަދާލަމުން ހޭންފެށިއެވެ. ދާއިން ޒައުލްގެ ކޮނޑަށް އަށްވައްޓާލަމުން އޭނަގެ ބޯހާވާލިއެވެ. ފެންނަފެނުމަށް ޒައުލް ހުރީ ހަމަ ދެންމެ ފެންވަރައިގެން ނުކުމެ އިސްތަށިގަނޑު އޮމާންކޮއްލާފައިހުރި ގޮތަށެވެ. ޒައުލް ދާއިން ކޮއްޕާލިއެވެ. އެއާއިއެކު ދާއިންގެ ގައިގާ ޖެހި މަންހާ އަތުގައި އޮތް ހުސްބިއްލޫރި ތައްޓާއިއެކު ދޮންވެލިގަނޑުމައްޗަށް ވެއްޓެން ދިޔަވަގުތު ދާއިންއަށް ގޮވާލެވުނެވެ. ދާއިން މަންހާގެ އަތުގައި ހިފަހައްޓަން އަތްހޫރާލިއެވެ. އެހެންނަމަވެސް އެވަގުތުވެސް ޒައުލް އޭނަގެ ގައިގާ އަޅާ މަންހާ އާއި ދިމާލަށް ކޮއްޕާލިއެވެ. މަންހާވެސް ވެއްޓުނީއެވެ. އޭނަގެ ގައިމައްޗަށް ދާއިންވެސް ވެއްޓެންދިޔައެއްކަމަކު އޭނަ މަންހާގެ އުނަގަނޑާދިމާލު ވެލިގަނޑުގައި އަތްވިއްދާލިއެވެ. ހުރިހާ ކަމެއްވެސް ވީ ވަރަށްއަވަހަށެވެ. ޒައުލްގެ ހުނުމުގެ އަޑުއިވެމުންދިޔައެވެ. ދާއިން އަވަސް އަވަހަށް މާފަށްއެދެމުން ތެދުވެ މަންހާއަށް އަތްދިއްކޮއްލިއެވެ. މަންހާއަށް ހީވީ ކުޑަވަގުތުކޮޅަކަށްވިޔަސް ވަށައިގެންވާ މާހައުލު ހިމޭންވިހެނެވެ. ދުނިޔޭގެ ހިނގުން ލަސްވިހެނެވެ. ދާއިންގެ ދިއްކޮއްލެވިފައިވާ އަތުގެތެރެއަށް އޭނަގެ ދިގުއިނގިލިތަކާއިއެކުވާ އަތްތިލަ ލައްވާލިއެވެ.

މާލެ އައިއިރު މަންހާއަށް ހަނދާންނައްތާލަން އުނދަގޫ ކިތަންމެ ކަމެއް ރިސޯޓުގައި ހިނގާފައިވިއެވެ. އޭނަ ވިޝާލްއަށާއި އެހެން ހުރިހާ އެންމެނަށް އެކަންސިއްރުކުރިއެވެ. މިފަހަރު އޭނަގެ ރަޙުމަތްތެރިން ގާތުވެސް އެވާހަކަތަކެއް ނުދައްކައެވެ. ލޯންޗުން މާލެ ފޭބިއިރު މަންހާގެ އަތުގައި ހިފާލި މީހެއްކަމުގައި ވީ ދާއިންއެވެ. ކާއިލް އުޅެމުންދިޔައީ މަންހާ އާއި ދުރުދުރުންނެވެ. ދިމާވި ހާދިސާއަށްފަހު ކާއިލް އަދި މަންހާ އާއި ވާހަކައެއްނުދައްކައެވެ. ވިޝާލްގެ ކާރު މަންހާއަށް ތޮށިގަނޑު މައްޗަށް ފޭބުމާއިއެކު ފެނުނެވެ. ދާއިން ޖެހިގެން އޮތްދުވަހު އޮފީހުން ދިމާވާނެ ކަމުގައި ބުނެ ޒައުލް އާއިއެކު ހިނގައިގަތެވެ.

ކާރުގައި ގެއަށް ދިޔަ މަގުމަތީ ވިޝާލް މަންހާ އާއި އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަމާ މަންހާ ހައިރާންވިއެވެ. ވިޝާލްއަށް ދެތިންފަހަރު ބަލާވެސް ލިއެވެ.

"ކިހިނެތްވީ މާ ބަސްމަދުވެފަ ތީނީ، ގައިމު އަހަރެން ދާން އުޅުންއިރު އަނގަހުއްޓާނުލާ" މަންހާ ކުޑަކޮށް ވިޝާލްއާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.

"މަންހާ އަހަރެންގެ މަތިން ހަނދާނެއްނުވޭ އެއްގޮތަކަށްވެސް، ގުޅާލާނަމޭ ކިޔާފަ ނުވެސް ގުޅާ، އަނެއްކާ ފޯނަށް ގުޅިޔަސް ނުވެސް ނަގާ" ވިޝާލް ހިތްހަމަ ނުޖެހިފައި އިންގޮތަކަށް ބުނެލިއެވެ. މަންހާ ވިޝާލްގެ އަތުގައި ހިފާލިއެވެ.

"ވިޝާލް، އަހަރެން ވިޝާލް އާއި ވާހަކަ ނުދައްކާ ނުހުންނާނެއެއްނު، އަދިވެސް ވިޝާލްގެ ތިހުންނަނީ ކުޑަކުދިންގެ ހިޔާލު، އަހަރެން ދުވަހަކުވެސް ވިޝާލް ދުރުކޮއްލާކަށް މަސައްކަތެއްނުކުރަމޭ، އޮފީހުގެ ކަންތައްތަކުގައި އުޅޭއިރު ބައެއް ފަހަރަށް ފޯނު ނުނެގިދާނެ، ޕްލީސް، އެކަމާދެން ހިތްހަމަނުޖެހިފަ ނުހުރެބަލަ...........ޔޫ އަރ މައި ބެސްޓު ފުރެންޑު..........ޕްލީސް" މަންހާ ބުނެލިއެވެ. ވިޝާލް މަންހާގެ އަތުގައި ހިފާލުމާއިއެކު އޭނަގެ ހިތުގައިވާ ނުރުހުންވެރިކަން ފިލާ ހިނގައްޖެއެވެ. އެހެންނަމަވެސް މަންހާ ބުނަން އުޅޭ އެއްޗެއް އަޑުއެހުމުގެ ޝައުގުވެރިކަމުގައި އިނީއެވެ.

ސަޢީދު ނިދަންވަތްއިރު ސިޓިންރޫމުގައި ޝަރަފް، ޝިމާދު، ޖޫން އަދި ޖެނީ ފިލްމެއްބަލަން ތިއްބެވެ. ވަސީމާކޮޓަރީގައި ހުރި ޓީވީއިން ހިންދީ ޑުރާމާއެއް ބަލަން އެނދުގައި އޮތެވެ. ސައީދު އައިސް އެނދުގައި އޮށޮތްތާ ގިނައިރުތަކެއްނުވެ ނިދިއްޖެއެވެ. ކުއްލިއަކަށް އޭނައަށް ހޭލެވުނީ ސިއްސައިގެންގޮސްގެންނެވެ. ކޮޓަރިއަށް ނަޒަރުހިންގާލިއިރު ވަސީމާ ޓީވީ ބަލަން އޮތްގޮތަށް ނިދިފައިއޮތެވެ. ސަޢީދަކީ ނިދިމަޑު މީހަކަށްވުމުން ޓީވީއިން ބާރުއަޑެއް އިވުމުން ސިހިފައިހޭލެވުނީއެވެ. އޭނަ ނިދިފައިއޮތް ވަސީމާގެ އަތުން ރިމޯޓުނަގާ ޓީވީ ނިއްވާލާފައި ތެދުވީ ފެންފޮދެއްބޯލުމަށެވެ. އެހެންނަމަވެސް ފެންޖަގުގައި އެންމެ ތައްޓެއްވާހާވެސް ފެންނެތުމުން ސަޢީދު ހިނގައިގަތީ ފާހާނާއަށް ވަނުމަށެވެ.

ވަސީމާއަށް ހޭލެވިދާނެތީ މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލާފައި ނުކުތް ސަޢީދަށް ފެނުނު މަންޒަރަކުން ހުއްޓުންއެރިއެވެ. ދިގު ސޯފާގައި ޖެނީއިންއިރު އޭނަގެ އުނގުގައި ޝަރަފްގެ ބޯބާއްވާލައިގެން ސޯފާގައި އޮށޯވެއޮތެވެ. ޖެނީ ޝަރަފްގެ އިސްތަށިގަނޑާ ކުޅެމުންދިޔައިރު ޝަރަފް އޭނަގެ އަތުގައި ބޮސްދެމުންދިޔައެވެ. އެދެމީހުން ތިބީ އަމިއްލަ ވާހަކައެއްގައެވެ. ދުރުގައި ސަޢީދު ހުރިކަމެއް ނޭގެއެވެ. ސާޢީދުވެސް އެމަންޒަރު ފެނުނު ކަމަކަށް ހަދާކަށް ބޭނުމެއްނުވިއެވެ. އަލުން ކޮޓަރިއަށްވަދެ ތަންކޮޅެއް ބާރަށް ދޮރުހުޅުވާލިއެވެ. އެއަޑަށް ޝަރަފް ފުންމައިގެން ތެދުވިއެވެ. ޖެނީވެސް ނޫންގޮތަކަށް ދުރަށް ޖެހި ހުޅުވާފައިހުރި ޓީވީއަށް ބަލަންއިނެވެ. ސަޢީދުގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.

"އަހާ، ޖެނީވެސް އެބައުޅެން ދޯ، ކޮންއިރަކުން ގެއަށް ދަނީ، ނޫނީ މިގޭގަ މިރޭ މަޑުކުރަންވީނު، މަންކޮ މިހާރު އޮންނާނީ ނިދާފަ ކަންނޭގެ، އެކަމަކުވެސް އެކޮޓަރީގަ ޖެނީއަށް ނިދޭނެ" ސަޢީދު އެއްވެސް ކަމެއް އެނގޭކަމަށް ނުހަދާ ވާހަކަދެއްކިއެވެ.

"ބޭބޭ، އަޅުގަނޑުދެން މިދަނީ ދާން، ވިޝާލްކޮއްކޮއަށް ނުގުޅިގެން މިއުޅެނީ......." ޖެނީ ދޮގެއް ހަދާލިއެވެ.

"ޝަރަފް، ދޭބަލަ ޖެނީ ގެއަށްލާން، ވިޝާލްއަށް ނުގުޅިޔަސް ރަނގަޅުވާނެ" ސަޢީދު އެހެން ބުނެލަމުން ކާކޮޓަރީގައި ހުރި އައިސްއަލަމާރިއާއި ދިމާލަށް ދިޔައެވެ.

ޝަރަފް އާއި ޖެނީ އަވަސް ނަޒަރަކުން ދެމީހުންނަށް ބަލާލަމުން ތެދުވިއެވެ. ޝަރަފް މޫސަގެ އެދުމަށް ސަޢީދުގަތް ކާރުގެ ތަޅުދަނޑިފަތި ހޯދަން އުޅުނެވެ. އަދި ސަޢީދު ކައިރީ އަވަސް އަރުވާލާފައި ޖެނީ ގެއަށް ލާފައި މިއަންނީކަމުގައި ބުންޏެވެ.

"ކިރިޔާ ބައްޕައަށް ފަޅާނޭރީ، އޭރުވެސް އަހަރެން ޖެނީ ކައިރީ ބުނީމެއްނު އަހަންނާއިއެކު ކޮޓަރިއަށް ހިނގާށޭ" ޝަރަފް ކާރު ގެއިން ނެރެމުން ކައިރީގައި އިން ޖެނީއާއި ވާހަކަދެއްކިއެވެ.

"ނޫން ޝަރަފް، އަހަރެން ޝަރަފްގެ ކޮޓަރީގަ އެފަދަ ގަޑިއެއްގަ އިނުން އެއީ ރަނގަޅުކަމެއްނޫން، އަހަރެން ބޭނުމެއްނޫން ވަސިންތަ އާއި ސަޢީދުބޭ އަހަންނާއި ދޭތެރޭ ގޯސްގޮތަކަށް ދެކޭކަށް..........އެހެންނޫނަސް އަބަދަކު އަހަރުމެންނަށް ސިއްރުސިއްރުން ބައްދަލު ކުރަމުން ނޫޅެވޭނެ" ޖެނީ ބުނެލިއެވެ.

"ކިހާ މަޖާ ސިއްރު ސިއްރުން ބައްދަލު ކުރީމަ" ޝަރަފް ހީލަމުން ބުނެލިއެވެ.

ދަންވަރުގެ ވަގުތަށްވިޔަސް ދާއިންއޮތީ އެނދުގައި ނުނިދިފައެވެ. އޭނަގެ ސިކުނޑި ރިސޯޓުގައި މަންހާ އާއިއެކު ހޭދަވި ވަގުތުތައްމަތިން ހަނދާންކޮއްދެމުންދިޔައެވެ. ހާއްޞަކޮށް އޭނަގެ ކުރިމަތީ މަންހާ ލޯމަރާލައިގެން ހުރިގޮތް ސިފަވަމުންދިޔައެވެ. އެވަގުތު އޭނަގެ ހަށިގަނޑަށް ކުރެވުނު އާދަޔާއި ހިލާފު އިޙްސާސް ކުރެވެމުންދިޔައެވެ. ދާއިން މޫނުގައި ދެއަތްތިލަ ޖައްސާލަމުން އެހިޔާލުތަކާއި ދުރަށް ދިއުމަށް މަސައްކަތްކުރިއެވެ. އަދި ކައިރީގައި އޮތް ޒާރާގެ ގާތަށް ޖެހިލިއެވެ. ލޯތްބާއިއެކު ޒާރާގެ ފުރަގަހުން އޭނަގެ ގައިގާ ބައްދާލިއެވެ. ދެމަފިރިން އެކަކު އަނެކަކަށް ބޭނުންވާފަދައިން ދާއިންވެސް ވަނީ ޒާރާއަށް ބޭނުންވެފައެވެ. އޭނަގެ އަތް ހަރަކާތްކުރަންފެށިއެވެ. ޒާރާގެ ހަށިގަނޑުގައި ފިރުމަންފެށިއެވެ. ކޯތާފަތުގައި ބޮސްދެމުންދިޔައެވެ. ޒާރާއަށް ހޭލެވޭކަށް މާގިނައިރެއް ނުނެގިއެވެ.

"ދާން، ކީއްތަ ތިކުރަނީ، ދަރިފުޅު ހޭލައިފިއްޔާ........ރީތިކޮށް އޮވެގެން ނިދާބަލަ" ޒާރާއަށް ހޭލެވުމާއިއެކު ދާއިންގެ ހަރަކާތްތައް ހުއްޓުވަން އުޅުނެވެ.

"ދަރިފުޅު، ދަރިފުޅު، ޒާ، އަހަރެން މީ ދެން ކާކުތަ، އަހަރެން ޒާއަކަށް ބޭނުމެއްނުވާނެތަ............."ދާއިންއަށް ބުނެވުނީ މާބާރަށްކަން އިޙްސާސްވީ ދެނެވެ. އަމިއްލަ ހަށިގަނޑު ކޮންޓްރޯލްގެ ދަށަށް ގެންނަން މަސައްކަތް ކުރަމުން އޭނަ ކުއްލިއަކަށް އައި ރުޅި މަޑުކޮއްލުމަށް އެނދުން ތެދުވިއެވެ. ޒާރާ އެކަމަށް ފަރުވާލެއް ނުބަހައްޓާ އެނބުރި ނިންޖާއިގެން އުޅުނެވެ. ދާއިން ކޮޓަރިން ބެލްކަންޏަށް ނުކުމެވެން އިން ބިއްލޫރި ދޮރު އެއްފަރާތަކަށް ކަހާލުމަށްފަހު ނުކުތެވެ. އަދި ފުންނޭވާއެއް ބޭރުކޮއްލިއެވެ. އޭނަގެ ސިކުނޑި ހީވަނީ އެކިހިޔާލުތަކުން ފަޅައިގެން ގޮސްދާނެހެންނެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. މަރާލެވުނު ދެލޮލުން ކަރުނަފައިބައިގެން ދިޔައެވެ. އަމިއްލަ ހާލާމެދު އަމިއްލައަށް ހަމްދަރުދީވެވުނެވެ. އޭނަގެ އެކަނިވެރިކަން ކަޅުސާލެއްފަދައިން އޭގެތެރޭ އޭނާ އޮޅާލާފައިވާކަހަލައެވެ. ބެލްކަންޏާއި ފާރާ ދޭތެރޭ ތިރިވަމުންގޮސް ދާއިންއަށް އިށީނދެވުނެވެ. އަދި ރުއިމުގެ އަޑު ފަޒާގެ ތެރޭހަރުލައިގެން ދިޔައެވެ. އެތަނުގައި އެހާލުގައި އޭނަ އިނީ ކިހާއިރެއްވަންދެންކަން އެނގޭ އެކަކުވެސް ނެތެވެ. ހަގީގަތަކީ ކޮބާކަން އެކަކަށްވެސް އަންގާކަށް އޭނަ އަދި ތައްޔާރެއްނޫނެވެ.

އޮފީހުގެ އަހަރީ ދުވަހުގެ ކަންތައްތައް ބޭއްވިފަހުން ދެމަސް ހޭދަވެގެން ހިގައްޖެއެވެ. ދާއިން އާއި މަންހާގެ ގުޅުން ރަޙުމަތްތެރިންގެ ގޮތުގައި ފެށިފައިވެއެވެ. އެވަރުންވެސް މަންހާގެ ހިތަށް ބުނެދޭންނޭގޭހާ ހިތްހަމަޖެހުމާ އުފާ ލިއްބައިދެއެވެ. އަނެއްކޮޅުން ކާއިލް މަންހާގެ ގާތުން މާފަށް އެދުނެވެ. އަދި ދާއިންގެ ކައިރިންވެސް މާފަށް އެދުނެވެ. އެފަދަ ކަމެއް ދެންނުވާނެ ކަމުގައި އޭނަ ބުންޏެވެ. މަންހާ ކާއިލް އާއި ދޭތެރޭ އެފަދަ ނަޒަރަކުން ނުދެކެވޭނެކަމުގައި ބުނެދިނެވެ. އެކަން އިތުރު މައްސަލައެއްގެ ގޮތުގައި ނުދެކި ކާއިލް ގަބޫލުކުރިއެވެ. އެހެންނަމަވެސް ކާއިލް އާއި މަންހާގެ ގުޅުން ދުރުވިއެވެ. ކުރިން އަބަދު މަންހާ އާއި ވާހަކަދައްކާ ކާއިލް މަންހާއަށް ގުޅާލަނީވެސް މުހިއްމުކަމެއް ޖެހިގެންނެވެ. އޭނަގެ ވޯކްސްޓޭޝަންއަށް އެއްގޮތަކަށްނާދެއޭ ބުންޏަސް ރަނގަޅުވާނެއެވެ.

މަންހާ އާދައިގެ މަތިން ދާއިންގެ އޮފީހުގައި އޭނަ ބެހެއްޓި ބިއްލޫރި ވާސްގައި ހުރި މާތަށް ބަދަލުކޮއްލިއެވެ. ކުރިއާއި ހިލާފަށް މިހާރު ކޮންމެ ދުވަހަކުވެސް ރަނގަޅަށް ނުފޮޅޭ ރަތްފިނިފެންމަލެއް އެވާސްގައި ޖަހައެވެ. ދާއިންގެ ސަމާލުކަން އެމަލުގައި އަޅައިގަނޭތޯއެވެ. އަދި އެއްފަރާތުގައި ހުރި ބޮޑު ބިއްލޫރި ދޮރުގެ ފޮތިގަނޑު ކަހާލިއެވެ.

ކުރިއާއި ހިލާފަށް ދާއިން މިހާރު ވަރަށް ހެނދުނާ އޮފީހަށް އާދެއެވެ. އެގޮތުން މިއަދުވެސް އޭނަގެ ކެބިންނަށް ވަންނަން ދަމުން މަންހާއަށް ހިނިތުންވެލަމުން ބާއްޖަވެރި ހެނދުނަކަށް އެދުނެވެ. ގޮނޑީގައި އިނދެފައި މަންހާއަށް ހީވީ ބިމުން މައްޗަށް ހިއްލިލި ހެންނެވެ. ދާއިންގެ އެފިރިހެންވަންތަ ހިތްގައިމު ހިނިތުންވުންފެނިފައެވެ. އަމިއްލަ ހިތައް އަރާއެއްޗިއްސާމެދު ހިނިއައިސްފައި މަންހާ ގޮނޑިއަނބުރާލަ އަނބުރާލަ އިނެވެ. ސިހިގެންދިޔައީ ފޯނު ރިންގުވި އަޑަށެވެ.

"މަންހާ، މިއަދު ދޭއްޖަހާއިރު އޮތް މީޓިންގ ގެ މެއިލް ފޮނުވައިފިންތަ، ތިން ކޮމެޕެނީއެއްގެ އިސްވެރިން އަންނާނެ، އެކި ޑިޕާރޓްމެންޓު ތަކުން، މިހާރު ހުރިހާ ކަމެއް ތައްޔާރުވެއްޖެތަ؟" ދާއިން އަހާލިއެވެ.

"އަދިވެސް ކޮންޕާމްޑް ލިސްޓެއްނުލިބޭ، އަންނާނެ ހުރިހާ އެންމެންގެ ލިސްޓު ލިބުނީމަ މިކޮޅުން ތައްޔާރުކުރެވެން އޮތީ، ނޫނީ އަޅުގަނޑަށް ލަފާކުރެވޭ ވަރަށް ތައްޔާރު ކުރަންތޯ" މަންހާ އަހާލިއެވެ.

"ލިސްޓު ނުލިބިއްޖެއްޔާ އެހެންހަދާނީ، ބާރަ ޖަހަންދެން މަޑުކޮއްލާ، އެމީހުންނަށް އަންގާ މީހުންގެ ލިސްޓެއް ފޮނުވާދިނުމަށް" ދާއިން ބުނެލިއެވެ.

"ދާއިން" މަންހާ ދާއިން ފޯން ބާއްވަން އުޅުމުން ބުނެލިއެވެ.

"ޔެސް، ކީކޭ" ދާއިންގެ އަޑުގައި މިހާރު ކުރީގަ ހުންނަ ދުރުގޮތްގަނޑެއް ނުހުރެއެވެ.

"ކޮފީ ގެންނަންތަ" މަންހާ އަހާލިއެވެ.

"އަހަންނަށް ކޮމްޕެނީ ދޭނަންތަ، އެބަހުރި މަންހާ އާއި ޑިސްކަސް ކޮއްލަން ބޭނުންވާ ކަމެއްވެސް، މަންހާގެ ހިޔާލެއް ހޯދާލަން ބޭނުންވަނީ......." ދާއިން ދެހިޔާލެއްގައި ހުރެ ބުނެލިއެވެ.

މަންހާ އޭނަގެ ¬¬ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. އަދި ދާއިންގެ ކެބިންއަށް ކޮފީ ތަބަށް ގެނެސް ދިނުމަށް އެދުނެވެ.

ގިނައިރެއްނުވެ އިމީ ކޮފީ ތައްބަށް ހިފައިގެން އައެވެ. މަންހާ އޭނައަށް ދާއިންގެ ކެބިންގެ ދޮރު ހުޅުވާދެމުން އޭނަގެ ފަހަތުން ވަނެވެ. އޭނަ އިމީއަށް ތަބައްބަހައްޓަންވީތަން ދެއްކިއެވެ. މަންހާ އާއި އިމީ ކެބިންއަށް ވަނުމުން ދާއިން އޭނަގެ ގޮނޑިން ތެދުވިއެވެ. އަދި އިމީ ނުކުތުން މަންހާ އާއި ވާހަކަދައްކަން ފެށިއެވެ. އޭނަ މަންހާ އަށާއި ލައިގެން ކޮފީތަށި ހަދަންފެށުމުން އެކަން މަންހާ މަނާކުރިއެވެ.

(ނުނިމޭ)