ބޭނުންތެރި މުހިންމު ފީޗާތަކާއެކު "އަވަސް" އޮންލައިންގެ އައިއޯއެސް އެޕް މިއަދު ލޯންޗު ކޮށްފި އެވެ. އަވަސް އޮންލައިންގެ އިދާރާގައި މިއަދު ހެނދުނު ބޭއްވި ކުޑަ ހަފުލާއެއްގައި އަވަސްގެ އައިފޯން އެޕް ލޯންޗު ކޮށްދެއްވީ އަވަސް އޮންލައިންގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމެވެ.
އަވަސްގެ ވެރިންނާއި ނޫސްވެރިންނާއި ހުރިހާ ސްޓާފުން ހިމެނޭ ގޮތަށް ބޭއްވި އެ ހަފުލާގައި އެޕް ލޯންޗު ކޮށްދެއްވުމަށްފަހު އޭނާ ވިދާޅުވީ، މިއަދު އަވަސްގެ އައިފޯން އެޕް ލޯންޗުކުރި ކަމުގައި ވިޔަސް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ގިނަ ބަދަލުތަކާއެކު އަވަސްގެ އާ އެންޑްރޮއިޑް އެޕްލިކޭޝަން ވެސް ނެރޭނެ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އަވަސްގެ އައިފޯން އެޕެއް މިއަދު ނެރުނު އިރު ތަފާތުތަކާއެކު ކިޔުންތެރިންނާ ވީހާވެސް ގާތަށް ދިއުމަށް އަވަސް އިން އިތުރު މަސައްކަތްތަކެއް މި އަހަރު ތެރޭގައި ކުރާނެ ކަމަށެވެ.
"އަވަސް ހަތަރު އަހަރުގެ މާޒީގައި ރާއްޖޭގެ ނޫސްވެރި ކަމަށް ވަރަށް ގިނަ ކަންކަން ތައާރަފުކޮށް ކުރިއެރުންތަކެއް ހޯދާފައިވޭ، އިރާދަ ކުރެއްވިއްޔާ އަވަސް ހަޔާތުގައި މުޅި އާ ޒަމާނެއް ގެނައުމަށް އަޅުގަނޑުމެން އިތުރު މަސަކަތްތަކެއް ކޮށް ކިޔުންތެރިންނާ ގާތަށް އިތުރަށް ދެވޭނެ އާ އީޖާދީ ގޮތްތައް މި އަހަރު ހޯދާނަން،" އަވަސްގެ ޗީފް އެޑިޓަރު ވިދާޅުވި އެވެ.
ދިވެހި އަދި އިނގިރޭސި ވެސް ހިމެނޭ ގޮތަށް ނެރުނު އަވަސްގެ އައިފޯން އެޕްގެ ހާއްސަ ޕީޗާތަކުގެ ތެރޭގައި ބޭނުންވާ ކޮންޓެންޓް އެކަނި ޑިސްޕްލޭ ކުރެވެން ހުރުމާއި، ފަހުން ކިޔާލަން ބޭނުންވާ ހަބަރުތައް ބުކްމާކް ކުރެވުމާއި ޑައިނަމިކް ނޮޓިފިކޭޝަން ނުވަތަ އެމީހަކު ބޭނުންވާ ކެޓަގަރީއެއްގެ ކޮންޓެންޓްގެ ނޮޓިފިކޭޝަން ލިބުމުގެ އިތުރުން، ބޭނުންވާ ވަރަކަށް ފޮންޓް ސައިޒް ބޮޑުކޮށް ކުޑަ ކުރެވުން ހިމެނެ އެވެ. މީގެ އިތުރުން ނައިޓް މޯޑްއަކީވެސް އާ އެޕްލިކޭޝަންގެ ހާއްސަ ފީޗާއެކެވެ. -- އިތުރު ފީޗާތައް ނޫހުގައިވެސް އެޕްގެ ލޭންޑިން ޕޭޖުން ފެންނާނެ އެވެ. އެޕަލްގެ އެޕް ސްޓޯރުން މިހާރު އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ.
އަވަސްގެ އެސިސްޓެންޓް ލީޑް ޑިވެލޮޕާ ޝާރިފް ޙަލީލް މިއަދު ވިދާޅުވީ މިއަދު އާންމުންނަށް ދޫކޯށްލި އަވަސްގެ އައިފޯން އެޕަކީ ކިޔުންތެރިންނަށް ވަރަށް ފަސޭހަވާނެ ގޮތަށް ތައްޔާރުކޮށްފައިވާ އެޕެއް ކަމަށެވެ.
"މި އެޕް ގެނެސްދީފައިވާނީ ވަރަށް ޔޫސާ ފްރެންޑްލީކޮށް، އެމީހަކު ބޭނުންވާ ކޮންޓެންޓެއް ޑިސްޕްލޭ ކުރެވޭ، އަދި ބޭނުންވާ ޚަބަރެއްގެ ނޮޓިފިކޭޝަން އެކަނި ލިބިގެންދާނެ ގޮތަށް ޑެވޮލޮޕް ކޮށްފައިވާނެ... މިސާލަކަށް ޕޮލިޓިކްސް ދެކެ ފޫހިވާ މީހަކު ބޭނުން ވެދާނެ ހަމަ އެކަނި ލައިފް ސްޓައިލް އެއްޗެހި ކިޔަން. އެ ފުރުސަތު އޮންނާނެ އެމީހާއަށް،" އޭނާ ވިދާޅުވި އެވެ.
ޝާރިފް ވިދާޅުވީ އަވަސް އަށް ހަތަރު އަހަރުވެފައިވާއިރު މިހާތަނަށް ކިޔުންތެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮތީ ނޫހުގެ އައިފޯން އެޕެއް ނެތުން ކަމަށާއި މިއަދުގެ އެންމެ ހާއްސަ ކަމަކީ އަވަސްގެ އައިފޯން އެޕެއް ނެތި އޮތް އޮތުމަށް ނިމުން އައުން ކަމަށެވެ.
"އަވަސްގެ އައިފޯން އެޕެއް ނެތި އޮތް އޮތުމަކީ ކިޔުންތެރިން ވަރަށް ބޮޑަށް ފާހަގަ ކުރަމުން އައި ކަމެއް. އެ ޝަކުވާއަށް މިއަދު ނިމުން އައުމަކީ އަވަސްގެ މުޅި ޓީމަށް ލިބުނު ހިތްހަމަ ޖެހުމެއް،" އޭނާ ވިދާޅުވި އެވެ. "މީގެ އިތުރުން އަވަސްގެ އައިފޯން އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރިތައް އިސްތިހާރު ކުރުމުގެ ފުރުސަތުވެސް ވިޔަފާރިވެރިންނަށް ފަހިވިގެން ދިޔައީ މިހާރު،"