ކުޅިވަރު

ލީގް ހޯދަން ނިކުތް ޕީއެސްޖީ ލަދުގަންނަވާލައިފި

ފްރާންސްގެ ލީގް ޗެމްޕިއަންކަން ހޯދުމުގެ އަމާޒުގައި ނިކުތް، ޕީއެސްޖީގެ މައްޗަށް 5-1 ބަލިކޮށް ލިލްއިން ޕީއެސްޖީ ލަދުގަންނަވާލައިފި އެވެ.

ރޭ ގެ މެޗުން ބަލިވުމުން، ލީގް ޗެމްޕިއަންކަން ހޯދަން ޕީއެސްޖީއަށް އިތުރު އިންތިޒާރެއް ކުރަން ޖެހުނީ އެވެ. އަދި ބޮޑު ބަޖެޓަކާއި ވަރުގަދަ ސްކޮޑެއް އޮތް ޕީއެސްޖީ ތަފާތު ބޮޑުކޮށް ބަލިވުމުން އެ ޓީމުގެ ކުޅުންތެރިންނަށް ވަނީ ފާޑު ކިޔުން އަމާޒު ވެފަ އެވެ.

މެޗުގެ ފުރަތަމަ 15 މިނެޓް ތެރޭ، ފެނިގެން ދިޔަ ދެ ލަނޑާއެކު، ފުރަތަމަ ހާފް ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ލިލްއިން ނެވެ. އެ ޓީމުގެ ލަނޑަކީ ޕީއެސްޖީގެ ތޯމަސް މެނިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޕީއެސްޖީގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ހުއާން ބާނާޓް އެވެ.

ލިލްއިން އަނެއް ހަތަރު ލަނޑޫ ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ، ނިކޮލަސް ޕެޕޭ، ޖޮނަތަން ބަމްބާ، ގެބްރިއަލް އަދި ހޯޒޭ ފޮންޓޭ އެވެ.

ފުރަތަމަ ހާފުގައި، ޕީއެސްޖީގެ ތަރި ކިލިޔަން އެމްބާޕޭ ދެ ގޯލް ޖެހި އެވެ. އެހެންނަވެސް އެ ދެ ގޯލްވެސް ބަލައި ނުގަތީ އޮފްސައިޑް ކަމަށް ނިންމުމަށް ފަހު އެވެ.

ޕީއެސްޖީއަށް މައްސަލަ ކުރިމަތިވީ، އެ ޓީމުގެ ހުއާން ބާނާޓް އަށް ރަތް ކާޑު ދައްކުމުންނެވެ. އަދި އެ ޓީމުގެ ތޯމަސް މެނިއާއަށްވެސް މެޗުގެ ކުރީކޮޅު އަނިޔާވެގެން ބަދަލު ކުރަން ޖެހުމަކީ ވެސް ޕީއެސްޖީއަށް ކުރިމަތިވި މައްސަލައެކެވެ.

ލީގްގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 81 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި ލިލް އޮތީ 64 ޕޮއިންޓާއެކު އެވެ.