ރެއާލް މެޑްރިޑް

ބޮޑު އަގުގައި ވިއްކާލެވޭނެ ގިނަ ކުޅުންތެރިން އެބަތިބި

ބޮޑު އަގުގައި ވިއްކާލެވޭނެ ބައިވަރު ކުޅުންތެރިން ރެއާލް މެޑްރިޑްގައި އެބަތިބި ކަމަށް އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލުމަށް ފަހު، ރެއާލްގެ ސްކޮޑު އޯވަހޯލް ކުރަން އެ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް އަޑު ފެތުރިފައި ވަނިކޮށް އިއްޔަ ޒިދާން ބުނީ، އެ ޓީމުގައި ތިބީ ވަރަށް ރަަނގަޅު ކުޅުންތެރިން ކަމަށާއި ކޮންމެ ކުލަބަކުންވެސް އެ ކުޅުންތެރިން ގަންނަން ބޭނުންވާނެ ކަމަށެވެ.

"މިތާންގައި އެބަތިބި ބޮޑު އަގުގައި ވިއްކާލެވޭނެ ގިނަ ކުޅުންތެރިންތަކެއް،" ޒިދާން ބުންޏެވެ. "ގިނަ ކުލަބުތަކުން ބޭނުންވޭ ރެއާލް މެޑްރިޑްގައި މިތިބަ ކުޅުންތެރިން، ސަބަބަކީ މި ކުޅުންތެރިންނަކީ ވަރަށް ރަނގަޅު ކުޅުންތެރިން، އެހެން ކުލަބުތަކުން ރެއާލްގެ ކުޅުންތެރިން ބޭނުންވާ ވާހަކައަކީ އާ ވާހަކައެއް ނޫން."

މިދިޔަ ފަސް އަހަރު ތެރޭ، ރެއާލްގެ މިޑްފީލްޑްގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔަކީ، ޖަރުމަންގެ މިޑްފީލްޑާ ޓޯނީ ކްރޫޒް އެވެ. އެހެންނަމަވެސް މި ސީޒަންގައި އޭނާގެ ކުޅުން ދައްވުމުން އޭނާ ވިއްކާލަން ރެއާލުން މަސައްކަތް ކުރަމުންދާ ވާހަކަ ޒިދާން ދޮގު ކުރި އެވެ.

އޭނާ ބުނީ، ކްރޫޒްއަކީ ޕްރެޝާގައިވެސް ހަމަޖެހިލައިގެން ކުޅެން އެނގޭ ކުޅުންތެރިޔެއް ކަމަށެވެ.

"އަހަރެން އޭނާއަށް ވަރަށް ޝައުގުވެރިވޭ، އަބަދުވެސް އަހަރެން އޭނާއަށް ޝައުގުވެރިވޭ،" ކްރޫޒްއާ ބެހޭގޮތުން ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ. "ކަލޭމެން [ނޫސްވެރިން] އަބަދުވެސް ވާހަކަ ދައްކާނެ ޓޯނީ [ކްރޫޒް] އާ އެހެން ކުޅުންތެރިންވެސް އަހަރެން ބޭނުމެއް ނުވެޔޭ، އެކަމަކު ކޮންމެ ކުޅުންތެރިޔަކީވެސް މުހިންމު ކުޅުންތެރިން."

މިރޭ ލެގަނޭޒްއާ ދެކޮޅަށް ރެއާލް ކުޅޭ މެޗަކީ ތިން އަހަރު ފަހުން، ލީގްގައި ފުރަތަމަ ފަހަރަށް ހޯމަ ދުވަހުގެ ރޭ ރެއާލް ކުޅޭ ފުރަތަމަ މެޗެވެ. ޒިދާން ބުނީ މީގެ ކުރިން ގިނަ ޓީމުތަކެއް ހޯމަ ދުވަހުގެ ރޭ ކުޅެފި ކަމަށާއި މި ހަފުތާއަކީ އޭނާގެ ޓީމު ހޯމަ ދުވަހުގައި ކުޅުމަކީ މައްސަލައެއް ނޫން ކަމަށެވެ.