ހަބަރު

ބައެއް މީހުން ޖަލުން މިނިވަންވުމުގައި ކޮރަޕްޝަން އެކުލެވޭ: ކޮމިޝަން

ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމުގައާއި ޖަލުތަކުން ދެވޭ ބައެއް ހިދުމަތްތަކުގައި ތެރޭގައި ކޮރަޕްޝަނަށް އެކުލެވޭ ކަމަށް ޕްރިޒަންސް އޮޑިޓް ކޮމިޝަނުން ބުނެފި އެވެ.

ޖަލިތަކުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާފައިވާ ޕްރިޒަންސް އޮޑިޓް ކޮމިޝަނުން އެކުލަވާލި ރިޕޯޓް ހޯމް މިނިސްޓަރު އަބުދުﷲ އިމްރާނަށް މިއަދު ވަނީ ހުށަހަޅާފަ އެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ މެންބަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ރިޕޯޓް އެކުލަވާލުމުގައި ބަލާފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކާއި މިނިވަން މުއައްސަސާތަކާއި ދައުލަތުން ގުޅިގެން ހުށަހަޅާފައިވާ ބައެއް ބައިނަލް އަގުވާމީ ރިޕޯޓްތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ރިޕޯޓް އެކުލަވާލުމަށް ލިބިގެންދިޔައީ 75 ދުވަސް ކަމަށާއި ރިޕޯޓްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.

"މި ރިޕޯޓްގައި ކޮމިޝަންގެ ހޯދުންތަކުގެ މައްޗަށް 182 ހުށަހެޅުމެއް ޖަލުތައް ރިފޯމް ކުރުމަށާއި ޖަލުތަކުގެ ހާލަތު އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާނެ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

ޖަލުތަކުގެ ކަންކަން ރަނގަޅު ކުރުމަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖަލުތަކުގައި ދިމާވެފައިވާ ސިއްހީ ކަންކަން ހައްލުކުރުމާއި ޖަލުތަކުގެ އާންމު ހާލަތު ތަރައްގީ ކޮށް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކުރަންހުރި ކަންކަން ކުރުމަށް ކަމަށްވެސް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

"ކޮމިޝަނަށް ފާހަގަވި ބައެއް ބޮޑެތި މައްސަލަތަކަށް ބަލާއިރު، ޖަލުތައް މިވަގުތު ހިނގަމުންދާ ގޮތައް ބަލާއިރު ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމާއި ޖަލުތަކުން ދެވޭ ބައެއް ހިދުމަތްތަކުގައި ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ބައެއް ކަހަލަ ކަންކަން ހުރި،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޖަލުތަކުގައި އަނިޔާގެ މައްސަލަތައް ހިނގާކަން ފާހަގަ ކުރެވޭ ކަމަށާއި އެކަންކަން ފާހަގަކޮށް އިތުރަށް ތަހުގީގް ކުރުމަށްވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިދޭސީން މިވަގުތު ބަންދުކުރެވެމުންދާ ގޮތާއިމެދު ގާނޫނީ ސުވާލުތަކެއް އުފެދިފައިވާ ކަމަށާއި ބަންދުގައިތިބޭ ވަގުތުގައި އެފަރާތްތަކަށް ހައްގުތައް ލިބިދެވޭނެ ގޮތަށް އިސްލާހުތައް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މިހާރު ބަންދުކޮށްފައިވާ ބިދޭސީންނާމެދު ތަފާތުކުރުން ގެންގުޅޭތީ އެކަންކަން ނައްތާލުމަށްވެސް ރިޕޯޓްގައި ހިމަނާފައިވާނެކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.