ހަބަރު

މުނާޒްގެ ދިފާއުގައި އަނބިކަނބަލުންގެ ސުވާލުތަކެއް!

Feb 4, 2020

މަގާމުން ވަކިކުރެއްވި ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްގެ ދިފާއުގައި، އަނބިކަނބަލުން ދިޔާނާ ތޯހިރު ވެސް ތުހުމަތުތަކަކާއެކު ނުކުމެވަޑައިގެން ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވައިފި އެވެ.

ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދިޔާނާ މިއަދު ވަނީ މުނާޒްގެ މައްޗަށް ތުހުމަތުތަކެއްކޮށް، ކަރެކްޝަނަލް ސާވިސްގެ ގާނޫނީ ވަކީލް އަލީ ރަޝީދު އަހްމަދު ކޮށްފައިވާ ޓްވީޓަކަށް ހަވާލާ ދެއްވައި ގިނަ ސުވާލުތަކެއް ބަންޑުންކޮށްލާފަ އެވެ.

ރައީސް މައާފު ނުދެއްވާ ގައިދީއަކު ޖަލުން ދޫކޮށްލި މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލި ކޮމެޓީގައި ހިމެނުނު އަލީ ރަޝީދު ވިދާޅުވެފައި ވަނީ ސިއްރު ތަހުގީގެއްގެ މައުލޫމާތު ހާމަކުރަން މުނާޒް މަޖުބޫރު ކުރެއްވި ކަމަށެވެ.

އޭނާގެ ތުހުމަތުތަކަށް އިޝާރާތްކުރައްވާ ދިޔާނާ ވަނީ އަލީ ރަޝީދުގެ އެ ތުހުމަތުތައް ސާފުކޮށްދިނުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި އެއަށްފަހު ދިޔާނާ އިތުރު ސުވާލުތަކެއް ކުރައްވާފައިވެ އެވެ.

"ދޫކުރަން ނުޖެހޭ މީހަކު ދޫކުރީ ކާކު؟ ރައީސް އޮފީސް އިން ކޮންޓެކްޓް ކުރާނެ ފޯކަލް ޕޮއިންޓް ދޭން ބުނުމުން ވަކި އޮފިސަރެއްގެ ނަން ފޮނުވަން ބުނީ ކާކު؟ ޑޮކިއުމެންޓް ފޯޖު ކުރިކަމަށް ފުލުހުންގެ ތަހުގީގުން އެނގުނު މީހާ މިހާރު ކޮބާ؟" ދިޔާނާ ސުވާލު ކުރައްވާފައިވެއެވެ.

ދިޔާނާގެ ޓްވީޓަށް މުނާޒް ކުރެއްވި ރިޕްލައިއެއްގައި ވިދާޅުވީ ހޯމް މިނިސްޓްރީންނާއި ރައީސް އޮފީހުގެ ތެރެއިން އަދާލަތުގެ ބާރު ކެނޑި އެމްޑީޕީ މިނިވަން ވީމާ ސަރުކާރުގެ ތެރެއިން ތިބެގެން ކުޅޭ ކުޅިގަނޑު އެމްޑީޕީގެ މެންބަރުންނަށް ވަރަށް އަަވަހަށް ސާފު ވާނެ ކަމަށެވެ.

މުނާޒް އެހެން ވިދާޅުވުމުން ދިޔާނާ ކުރެއްވި އިތުރު ޓްވީޓެއްގައި އަނެއްކާވެސް ވަނީ އިތުރު ސުވާލުތަކެއް ކުރައްވާފަ އެވެ.

"ޗެކް ކުރަން ޖެހޭ ކިތައް ލެވަލް އިން ޗެކް ކުރިފަހުން މުނާޒް ސޮއި ކުރީ؟ އޭރު އޮފެންޑާ ސާވިސް އިންޗާޖް ތޮލާލް ޗެކް ކޮށްފައި އޭގެ ފަހުން މުނާޒް ސޮއި ކުރީ؟ އޭނާ ކުށެއް ކުރިކަމަށް ސާބިތުވީމަ މާލޭ ޖަލުގެ އިންޗާޖް (ޑިރެކްޓަރ) ގެ މަގާމު ދީފައި އެހުރީ؟" ދިޔާނާ ލިޔުއްވާފައިވެ އެވެ.

މުނާޒް، ސީޕީގެ މަގާމުން ވަކިކުރެއްވީ މިދިޔަ މަހުގެ 21 ވަަނަ ދުވަހު އެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރެއްވި ސަަބަބު ވިދާޅުވެފައެއްނުވެ އެވެ.

ނަމަވެސް، މުނާޒް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން އަދި ބޭރުން ގުޅިގެން ޖަލުތެރެ ހިލުވާލަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މަގާމުން ވަކިކުރީ އެކަން ކާމިޔާބު ނުވުމުން ކަމަށް ވިދާޅުވި އެވެ.

އެގޮތަށް ވަޒީފާއިން ވަކިކުރުމަކީ ލިބުނު ކާމިޔާބީއެއް ކަމަށްވެސް މުނާޒް ވިދާޅުވި އެވެ.