ހަބަރު

މި އަހަރު 60 ގައިދީއަކަށް އަދަބު ލުއިކޮށްދިން: އޭޖީ އޮފީސް

Dec 5, 2019
3

މި އަހަރުގެ ތެރޭގައި 60 ގައިދީއަކަށް އަދަބު ލުއިކޮށްދީފައިވާ ކަމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ބުނެފި އެވެ.

އޭޖީ އޮފީހުން މިއަދު އާންމު ކުރި ކްލެމެންސީ ބޯޑްގެ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރު ނޮވެމްބަރު މަހާ ހަމަޔަށް 60 ގައިދީއަކަށް ވަނީ އަބަދު ލުއިކޮށްދީފަ އެވެ. އަދި 49 މީހަކަށް މާފްކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަ ކަމަށް ކްލެމެންސީ ބޯޑުން ރައީސަށް ލަފާ ދީފައިވާ ކަމަށް ވެސް ދައްކަ އެވެ.

އޭޖީ އޮފީހުން ކުރި ޓްވީޓު

އޭޖީ އޮފީހުން މި މައުލޫމާތު އާންމު ކުރިއިރު، ޕެރޯލްގެ ހައްގު ނުލިބި ކުދި ކުދި ކުށްތަކުގައި އެތަކެއް އަހަރެއް ވަންދެން ރާއްޖޭގެ ޖަލުތަކުގައި ގައިދީން ތިބެންޖެހުން ހައްލުކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ވަނީ ފަށައިފަ އެވެ.

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޕޭރޯލް ހައްގުވާ 200 އަށް ވުރެ ގައިދީން މިވަގުތު އެ ހައްގު ނުލިބި އިންތިޒާރުގައި ތިބި ކަމަށާއި ކްލެމެންސީ ބޯޑަށް 600 އަށް ވުރެ ގިނަ ގައިދީން ވަނީ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން ޕެރޯލަށް ޝަރުތު ހަމަވާ އެތައް ބަޔަކު ސައްހަ މައުލޫމާތު ނުލިބިގެން އެ ހައްގުން މަހުރޫމްވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.