ވާހަކަ

އީޝަލް

(14 އެޕްރިލް 2019 އާ ގުޅޭ)

ދަރުބާރުން އެންމެން ނުކުމެ ގަނޑުވަރުގެ މައި ދޮރޯށްޓާ ދިމާއަށް އަންނަނިކޮށް ޒަގަން މަޑުކޮށްލައިގެން ހުއްޓާ ފެނުނެވެ. އޭނާ އައިސް ޒިޔަޒެލް ކުރިމައްޗަށް ހުއްޓި ކުރުނީސް ކުރިއެވެ. އީޝަލްއަށް ދަތްކުނޑިވިކާލެވުމާއެކު ލާމިއާގެ އަތުގައި ހިފާލައި އޭނާގެ ނިވަލަށް ވަންނަން އުޅޭ ފަދައިން ގާތްވެލިއެވެ.

ޒިޔަޒެލްއާއި އާރަމްގެ ގާތުގައި ހުރި ރައުލް އެނބުރި އީޝަލްއަށް ބަލާލެވުނު ހިނދު އޭނާގެ ހަރާކާތްތައް ފެނިގެންދިޔައެވެ. ހިތުގައިވާ ޝައްކުތައް ޔަގީނާ އެއްވަރުވިއެވެ. ނުރުހުމާއެކު ޒަގަންއަށް ބަލާލިއެވެ. ނަމަވެސް އެއްޗެކޭ ބުނުމުގެ ކުރީން މަޑުކޮށްލީ ޒިޔަޒެލް ކަންތައްކުރާ ގޮތެއް އެނގުމަށެވެ. ޢާއިލާގެ ތެރޭގައި އޮންނަ ހަސަދަވެރިކަމާއި ވާދަވެރިކަމުގެ އެއްވެސް ވާހަކައެއް ޒިޔަޒެލްގެ ކަންފަތާ ހަމައަށް ފޯރާފައެއް ނުވާނެއެވެ. އަނެއްކޮޅުން ޒަގަންގެ ޠަބީޢާތާ ބެހޭ ގޮތުން އީޝަލްގެ ގާތުގައި ވެސް ރައުލް ވާހަކައެއް ނުދައްކައެވެ.

"އީޝަލް... މީ އީޝަލްއަށް އަހަރެން ދޭ ހަދިޔާއެއް" އެއްފަރާތަށް ޖެހިލައި އީޝަލްއަށް ޒަގަންގެ އަތުގައި އޮތް ފޮށި ދިއްކޮށްލިއެވެ. ޒިޔަޒެލްގެ ނަޒަރު ޒަގަންއާއި ރައުލްގެ އިތުރުން އީޝަލްއަށް ހުއްޓުނެވެ. ޒަގަން އެ ދިން ހަދިޔާގައި ހިފުމުގެ އެއްވެސް ޝައުގެއް އީޝަލްގެ ނެތެވެ. އޭނާގެ ހަރަކާތްތަކުގައިވަނީ ކީކޭކަން ދެނެގަތީ ލާމިއާއެވެ. އޭނާ ޒަގަން ދިއްކޮށްގެން ހުރި ފޮށީގައި ހިފަން އުޅުނު ވަގުތު ރައުލް އޭގައި ހިފައިފިއެވެ. އަދި އެންމެންގެ ކުރިމަތީ އެ ފޮށި ހުޅުވާލިއެވެ. އޭގައި އޮތީ އެކިކުލަ އަރާ އިތާ މުތުން ޖަރީކުރެވިފައި ހުރި ގަހަނާ ސެޓެކެވެ.

"އީޝަލްއަށް ރައްދުކޮށްދޭނަން" ރައުލް ބުނެލިއެވެ. އަދި ޒިޔަޒެލްއަށް ބޮލާއި އަތުން އިޝާރާތްކޮށްލީ ކުރިއަށް ދިއުމަށެވެ.

"އަހަރެމެން ވަރަށް އަވަހަށް ބައްދަލުވާނެ" އީޝަލް ދިޔަ ދިމާއަށް ބަލަން ހުރި ޒަގަން އަމިއްލަ ނަފްސަށް އަޑުއިވޭނޭހާ ސިއްރުން ބުނެލިއެވެ.

ގަނޑުވަރުގެ ދޮރޯށި ކައިރީ ހުރި އިސްކޮޅުން ކުރު އަންހެނާ ފެނުމުން ދާރިއުސް އެންމެންނަށްވުރެ ކުރީން އޭނާގެ ގާތަށް ހިނގައްޖެއެވެ. ރައުލްއާއި އެހެން ބައިވެރިން އައުމުން އަމާން ދަތުރަކަށް އޭނާ އެދުނެވެ. އީޝަލްއަށް ގޮވާލުމާއެކު ދާރިއުސް އޭނާގެ މަންމައާ ބައްދަލުކޮށްދިނެވެ. މަދުރާއަކީ ގަނޑުވަރުގެ އެހެން އަންހެނުންނާ ތަފާތު އަންހެނެއްކަން އީޝަލްއަށް ފާހަގަކުރެވުނެވެ. އޭނާގެ ޢަމަލާއި ބަހުގައިވި ހިތްހެޔޮކަން ކޮންމެ މެންބަރަކު ވެސް ބަލައިގަތީ ހެޔޮ ހިތުންނެވެ. ދާރިއުސްއަށް ލިބިފައި އެވަނީ އޭނާގެ މަންމަގެ ޠަބީޢަތްކަން ގައިމެވެ. މަދުރާ އޭނާގެ އަމިއްލަ ދަރީން ފަދައިން ހުރިހާ ކުދީންނަށް ވަދާޢު ކިޔެވެ. ރައުލްއާއި އީޝަލްގެ ކައިވެންޏަށް ތަހުނިޔާ ކިޔެވެ. އެ ދެކުދީންނަށް އުފާވެރި މުސްތަޤުބަލެއް ލިބުމަށް އޭނާގެ ހިތުގެ އަޑިން އެދޭކަން އިއްވާލިއެވެ.

"ކައިވެނި ކުރާނޭ ތާރީޚެއް ކަނޑައެޅުމުން ރައުލް ފޮނުވާނަން" ދޮރޯށިން ބޭރަށް ނުކުމެ ހުރެ ޒިޔަޒެލް ބުންޏެވެ. އޭނާ ވާހަކަދެއްކީ ލާވީއާއެވެ. ޒިޔަޒެލްގެ ބަހަށް ލާވީ ބޯޖަހާލިއެވެ. އަދި އޭނާގެ ދަރިފުޅު، ރާވިންއަށް މާނަފުން ބެލުމަކުން ބަލަން ހުއްޓެވެ. މެހެމާނުން ގޮވައިގެން އެނބުރި ދިއުމަށް ރައުލްއާއި އޭނާގެ ބައިވެރީން ދަތުރު ފެށީ މަދުރާއާއި ލާވީ ގަނޑުވަރުގެ މައިދޮރޯށި ދޮށުގައި ތިއްބައެވެ.

* * * * *

ބޭރީތުގެ ގަނޑުވަރު ހުރި ދިމާއިން ލޮނުގަނޑުން މައްޗަށް އެރުމަށް ރައުލްއަށް ޒިޔަޒެލް އެންގިއެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރައުލް އެ މީހުން ގޮވައިގެން ލޮނުގަނޑުން މައްޗަށް އެރިއެވެ. އެއާއެކު ޒިޔަޒެލްއާއި އާރަމްގެ އިތުރުން އީޝަލް ވެސް ދެ ފިޔަފަތްގަނޑު ހުޅުވާލައި ވައިގެ ތެރޭ މައްޗަށް އަރައިފިއެވެ.

"ކަލޭމެންނަށް ދާންވީ ކޮންތާކަށްކަން އެނގެއެއްނު" ޒިޔަޒެލް ބުންޏެވެ. ރައުލް ބޯޖަހާލީ ޖަވާބެއްގެ ގޮތުންނެވެ. ޒިޔަޒެލް ތިރިއަށް ގުދުވެލައި ކާނާއަތްތިލަ ދިއްކޮށްލީ ލާމިއާއަށެވެ. އެ އަތުގައި ލާމިއާ ހިފުމުން ނިކަން ފަސޭހައިން އޭނާ އުފުލާލައި ޒިޔަޒެލް މައްޗަށް އެރިއެވެ. އަދި ހިމޭން ބަސްމޮށުންތެރިކަމަކުން ރައުލްއާ ދެ މީހުން އެކަކުއަނެކަކަށް ބޯޖަހާލިއެވެ. ލޮނުގަނޑުގެ ތެރެއަށް ރައުލްއާއި އޭނާއާއެކު ތިބި ބައިވެރިން ފީނައިގަތްއިރު ޒިޔަޒެލްމެން ވެސް އުދުއްސައި ގަނެއްޖެއެވެ.

ވައިކަފާފައި އަންނަ ބޫން އަޑުގެ އިތުރުން ވިލާތަކުގެ ތެރެއިން އެއްޗެއް ދަތުރުކުރި ކަމުގެ ނިޝާން ފެންނަން ހުއްޓެވެ. ޒިޔަޒެލް މެން އައިސް ސީދާ ތިރިކުރީ އޭނާ ދިރިއުޅޭ ބެރެބެދިގަސް ދޮށަށެވެ. އޭރު ގޭގެ މައި ފެންޑާގައި އެ މީހުންގެ އިންތިޒާރުގައި ތިބީ ކޮންބައެއްކަން ވެސް އޭނާ ދެނަހުއްޓެވެ.

"އީޝަލް" ގޭތެރެއަށް ވަދެވުނު ހިނދު ފުރަތަމަ ވެސް އިވުނީ ބަހީރާގެ އަޑެވެ. އެއާއެކު އޭނާގެ އޯގާތެރި އަތުގެ ފިރުމުންތަކާއި ބޮސްދިނުންތައް އީޝަލްއަށް އިޙްސާސް ކުރެވުނެވެ. ޚުދު އީޝަލްއަށް ވެސް ހީވީ ދިގު މުއްދަތަކަށް ޢާއިލާއާ ދުރުގައި އުޅެފައި އާދެވުނު ހެނެވެ. މާމަގެ މޭގައި މޫނުފޮރުވާލަމުން ކުޑަކުއްޖަކު ފަދައިން އެ އަތުގެ ތެރެއަށް ބޮނޑިވެގަތެވެ. އެ މާމަގެ ވަސް ޖެހުމުން އެނބުރި އަމިއްލަ ވަޒަނަށް އާދެވިއްޖެކަމުގެ ޔަގީންކަން ނަފްސަށް ލިބި ބަޔާންކުރަންދަތި މިނިވަންކަމުގެ އިޙްސާސެއް ހަށިގަނޑުގައި ދައުރުވެލިއެވެ. މަޑުމަޑުން ބަހީރާއާ ދުރަށް ޖެހިލައި އެތަނުގައި ތިބި އެންމެންނަށް އީޝަލް ބަލާލިއެވެ. ބަލްޤިސްއާއި މީކާޢިލް ހުރީ އީޝަލްއަށް ބަލާށެވެ. ޒިޔަޒެލްއާއި އާރަމް ހިނިތުންވެލައިގެން މީކާޢިލްގެ ގާތުގައި މަޑުކޮށްލައިގެން ހުއްޓެވެ. ލާމިއާ އިނީ އެންމެނާ ދުރުގައި ފެންޑާގެ ދެކުނަށް ހުރި ގަހުގެ އޮފިގަނޑެއްގެ މަތީ އިށީނދެއެވެ. އީޝަލް އައިސް ބަލްޤިސްގެ ގައިގާ ބައްދާލީ ހިނިތުންވަމުންނެވެ. އެއަށްފަހު ބައްޕައާ ސަލާމްކުރިއެވެ. އެ ބައްޕަގެ އަތްތިލަ ބޮލުގައި ފިރުމާލުމާއެކު ފުރިހަމަ ރައްކާތެރިކަން އީޝަލްއަށް ލިބުނު ފަދައެވެ.

"އެ މީހުން އަތުވެއްޖެ" މީކާޢިލްގެ ގާތުގައި ޒިޔަޒެލް ބުންޏެވެ.

"އަހަރެމެން ދާންވީ ވަގުތު ޖެހުނީ ދޯ... ޒިޔަޒެލް، ޚަބަރު ހިފައިގެން އަހަރެންގެ ގާތަށް ކަލޭ އަންނަންވާނެ" ބަހީރާ ބުންޏެވެ. އަދި ބަލްޤިސްގެ ކޮނޑުގައި އަތް ޖައްސާލީ އޭނާއާއެކު އަންނާނޭ ބުނާ އުސޫލުންނެވެ. އީޝަލްގެ ގާތުގައި ފަހުން އަންނާނަން ކަމުގައި ބުނެ ބަހީރާއާއެކު ބަލްޤިސް ނުކުތެވެ.

"ލުގަލް..." ކުއްލިއަކަށް އީޝަލް ބަލާލީ ގެއަށް ވަދެވެން ހުރި މައި ދޮރާ ދިމާއަށެވެ. އޭރު ރައުލްމެން ގޮވައިގެން ލުގަލްބަންދާއާއި މިޒަރެން އައިސް އެގެއަށް ވަންނަނީއެވެ. ފުޅާ ހިނިތުންވުމަކާއެކު ލުގަލްބަންދާއަށް އީޝަލް ގޮވާލިއެވެ. އޭގެ ގާތަށް އައިސް ބޮޑު ދަޅާއި ކަނދުރަމަތީގައިވާ ދިގު ކެހެރިތަކުގައި އީޝަލް ފިރުމާލިއެވެ. ރުހުމުގެ އަޑަކާއެކު އޭގެ ބޮލުން ޖައްސާލައި އީޝަލް ކޮއްޕާލިއެވެ.

މީކާޢިލް އެދުނީ ދަތުރުގެ ހެދުން ބަދަލުކޮށް ތާޒާވުމަށް އީޝަލް ކޮޓަރިއަށް ދިއުމަށެވެ. އަދި ގޮވާލެވެންދެން އެ މީހުންގެ ތެރެއަށް ނުނިކުމެ މަޑުކުރުމަށެވެ. އީޝަލް އެފަދައިން ކަންތައް ކުރިއެވެ. ދަރިފުޅު ދިއުމުން މީކާޢިލް ބަލާލީ ޒިޔަޒެލްއަށެވެ. އެއާއެކު ޒިޔަޒެލް ވާހަކަދައްކަން ފެށިއެވެ. އޭރު ފެންޑާގެ ގޮނޑިތަކުގައި ރައުލްއާއި އޭނާގެ ބައިވެރިން ތިއްބެވެ. ކުރިއަށް ކަންތައްތައް ރޭވިފައި އޮތް ގޮތް ޒިޔަޒެލް ކިޔައިދިނެވެ. އެ މީހުންގެ ތެރެއިން ޝޭޚަކު އަންނާނޭކަމާއި އޭނާގެ އިރުޝާދުތަކާއެކު ކަންކަން ކުރިއަށް ގެންދެވޭނެކަން ހާމަކުރިއެވެ. އަދި ކައިވެނި އިޢުލާން ކުރެވޭނީ އެ މީހުންގެ ކަންކަމަށް ރައުލް އަހުލުވެރިވުމުންކަން ވެސް ބުންޏެވެ. އޭނާ ދެން ބަލާލީ މީކާޢިލްއަށެވެ.

"ޢަބްދުﷲ މެންދުރުވުމުގެ ކުރިން އަންނާނެ، މިތަނުގައި ހުރި މިސްކިތުގައި ޢިމާމުވެ އޭނާ ނަމާދުކުރާނެ" މީކާޢިލް ބުންޏެވެ. ޒިޔަޒެލް ބޯޖަހާލުމާއެކު ރައުލްމެންނާ އަނެއްކާ ވެސް ކުރިމަތިލިއެވެ. އެ މީހުންގެ މޫނުތަކުން ވާނުވާ ނޭނގިފައި ތިބި ފަދަ އަސަރެއް ފާޅުވެއެވެ. ޒިޔަޒެލް ހިނިތުންވެލުމާއެކު އެ މީހުންގެ ހިތްވަރަށް ތަޢުރީފުކުރިއެވެ. އަދި އެ މީހުންވަނީ ބޭރީތަށްވުރެ މަތިވެރިވެގެންވާ ފަރާތެއްގެ ރައްކާތެރިކަމުގައިކަން ބުނެދިނެވެ. އެއީ ހުރިހާ އެއްޗެއްގެ ވެރި އިލާހެވެ.

* * * * *

ޒިޔަޒެލްއާއި މީކާޢިލް ގޭގެ ދޮރުމަތީ މަޑުކޮށްލައިގެން ތިއްބެވެ. އެ މީހުންގެ އިންތިޒާރު ނިމުމަކަށް އެތަނަށް ފޭބި ދެ ޖިންނީންގެ ހިލަން ވުމުންނެވެ. ކުރިމަތިން ފާޅުވީ ދެ ފިރިހެނުންނެވެ. ދިގުކޮށް ހުރި ހުދުކުލައިގެ "ޘައުބް"ގެ ފަސްބައިގެ ދަށުން އެ މީހުންގެ ފައިތިލަތަކެއް ނުފެނެއެވެ. އެ ފައިތިލަތައްވަނީ ލޯތަކަށް ވަންހަނާވެފައި ކަހަލައެވެ. ދެ މީހުންގެ ތެރެއިން އެކަކަށް ބަލާލުމުން އޭނާގެ އުމުރުން ދުވަސްވެފައިވާކަން އެ ހަށިގަނޑުން ފާޅުވެފައެވެ. ނަމަވެސް ލިބިފައިވަނީ އަލިއަލި މޫނަކާއި ތެދު ހަށިގަނޑެކެވެ. ބޯ ނިވާކުރެވިފައިވާއިރު ތުނބުޅިވަނީ ދިގުކޮށެވެ. ދެ މީހުން ޒިޔަޒެލްމެން ފަދައިން އިސްކޮޅުން ދިގެވެ. އިސްލާމީ ރިވެތި ސަލާމުން ޒިޔަޒެލްއާއި މީކާޢިލް ސަލާމް ގޮވާލުމާއެކު އައިސް ތިބި ދެ މީހުންނާ ކަރާއިކަރު ޖައްސާ ސަލާމްކުރުމަށް އަވަސްވެގަތެވެ. އެއިން ކޮންމެ މީހެއްގެ މޫނުގައިވަނީ ހިނިތުންވުމުގެ އަސަރެވެ.

"އަބްދުﷲގެ ޚަބަރު ގެނެސްދިނީ ބަހީރާ" ޒިޔަޒެލް ވާހަކަދައްކަމުން އޭނާ ދިރިއުޅޭ ގެއަށް ވަނުމަށް އިޝާރާތްކުރިއެވެ.

"މީ ޔޫޝައު، އޭރު އަހަރެމެންނާ ކުރިމަތިވި ކަންތަކުގައި އުޅުނު އެކަކު" އަބްދުﷲއާއެކު ހުރި ޒުވާނާ ދައްކާލަމުން ބުންޏެވެ.

"ހުރިހާ ކުދީން އެތެރޭގައި އެބަތިބި، އެ މީހުންގެ ޚަބަރު މިހާރު ލިބިފައިވާކަމަށް ޤަބޫލުކުރަނީ" ޒިޔަޒެލް ބުންޏެވެ.

"މީކާޢިލް" އަބްދުﷲ ބަލާލީ ތަފާތު ނަޒަރަކުންނެވެ. މީކާޢިލް ލައްބައޭ ބުނުމުން ނިކަން ބޮޑަށް އޭނާ ހިނިތުންވެލިއެވެ.

"ކަލެއާ އަހަރެން ގެންގުޅުނު ކުއްޖާފުޅާ ތަފާތެއްނެތް، އަހަރެން ހީކުރީ އޭނާއާ އިންސާނުންނާ ދުރު ކުރެވިދާނޭކަމަށް،... މީކާޢިލް، ކޮބާތަ ކަލޭގެ ދަރިފުޅު؟ ރަސްކަމުގެ ތެރެއަށް އިންސިއެއްގެ ދަރިއެއް އުފަންވީ ފުރަތަމަ ފަހަރަށް، އޭނާއަކީ ޝައުގުވެރިކަމުން ފުރިގެންވީ ކުއްޖެއްކަން އަހަރެން މިތަނަށް އަންނަން ޖެހުމުން ވެސް އެނގިއްޖެ، އަހަރެން ހީކުރީ އޭނާގެ މަންމަގެ އަހުލުވެރީންގެ ތެރެއިންކަމަށް ބައިވެރިޔަކު ޚިޔާރުކުރާނީ، މީ ތަފާތު ނިންމުމެއް، ފެށުނީއްސުރެން އަހަރެމެންނާއި ކަނޑުގެ ވެރީންގެ ދެމެދުގައި ބޮޑު ފަރަގެއްވޭ" އަބްދުﷲގެ ވާހަކަތަކަށް މީކާޢިލް އެއްވެސް އެއްޗެއް ނުބުންޏެވެ.

އަބްދުﷲއަށް ރައުލްމެން ފެނުމުން އޭނާ ސަލާމް ގޮވާލީ ހިނިތުންވުމަކާއެކުއެވެ. އަދި ކަނޑުގެ އަޑިން ފާޅުވި ވޮށްތަކެއް ފަދައިން އެ މީހުން ސިފަކޮށް ތަޢުރީފު ކުރިއެވެ. މެންދުރު ނަމާދަށް ދާންވާއިރަށް އަބްދުﷲ އޭނާގެ މަސައްކަތް ފެށިއެވެ. ޔޫޝައުއާ ދެ މީހުން ވެގެން ރައުލްމެންނަށް އިސްލާމީ ރިވެތި ޢަދަބުތަކާއި ރުކުންތައް ކިޔައިދެމުންދިޔައެވެ. އަދި ހިނައިގަންނާނޭ ގޮތާއި ނަމާދަށް ތައްޔާރުވާނޭ ގޮތް ކިޔައިދިނެވެ. އަބްދުﷲގެ ހުންނަ ކެތްތެރިކަމާއި އޭނާގެ ވާހަކަދެއްކުމުގައި ހުންނަ ސާފުކަމުގެ ސަބަބުން ކަންކަން ދެނެގަތުން ރައުލްމެންނަށް ފަސޭހަވިއެވެ. މިސްކިތްތަކާއި ޖަމާޢަތްތަކުގައި ނަމާދުކުރާ ތަން ރައުލްއާއި އެހެން މެންބަރުންނަށް ވެސް ހުރީ ފެނިފައެވެ.

އަބްދުﷲއާއި ޔޫޝައުގެ މަސައްކަތްތައް ނިމެންދެން އެ މީހުން ޒިޔަޒެލްގެ ގޭގައި ހުރުމުގެ އިންތިޒާމް އޮތީ ހަމަޖައްސާފައެވެ. ރައުލްއާއި އޭނާގެ ބައިވެރިންނަށް އުނގަންނައި ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމީ ގޮނޑު ދޮށުގައެވެ. އެންމެންނަށް ހަމަޖެހިލާނޭ ވަގުތު ލިބުނީ އިޝާ ނަމާދުގެ ފަހުންނެވެ. އޭރު ރައުލް ހުރީ އީޝަލްއާ ބައްދަލުކުރާހިތުން ކެތްމަދުވެފައެވެ. މުޅި ދުވަސް ގާތްގަނޑަކަށް ނިމުމަކަށް އައިއިރު އީޝަލް ފެނުނީ މަދު ފަހަރަކުއެވެ. އެއިން ފަހަރަކު ވެސް އީޝަލްގެ ސަމާލުކަމެއް އޭނާއަކަށް ނުލިބުނެވެ.

އެންމެން ބޮޑު ތުނޑިއަށް ދިއުމަށް ގެއިން ނުކުތެވެ. އެވަގުތު ޔާފިއާ އައިސް ޒިޔަޒެލްގެ ގާތުން އީޝަލް ވެސް އެ މީހުންނާއެކު ފޮނުވަން އެދުނެވެ. އީޝަލް ބޭނުންވާނަމަ ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ޒިޔަޒެލް ބުންޏެވެ. އޭނާގެ ޖަވާބުން މީކާޢިލްއަށް ހައިރާންކަމެއް ލިބުނެވެ. ޔާފިއާ ކިޔާވަރުން އޭނާއާއެކު އީޝަލް ވެސް ނުކުތެވެ. އެ މީހުންގެ ފަހަތުން ލުގަލްބަންދާ ދިޔައެވެ. ޒިޔަޒެލް އޭނާގެ ނިންމުން މީކާޢިލްއަށް އޮޅުން ފިލުވައިދިނީ ދެނެވެ. ރައުލްމެންގެ ތެރޭގައި ހުއްޓާ ހިނގި ކަންތައްތައް ކިޔާދިނެވެ. އަދި ރައުލްއާއި އީޝަލްގެ ދެމެދުގައި ދުރުކަމެއް ވެރިވެފައިވާކަމާއި އެ ދެ މީހުން ވާހަކަދައްކަން ފުރުޞަތު ދިނީކަން ޒިޔަޒެލް ބުންޏެވެ. މީކާޢިލް އިތުރަށް ސުވާލުކުރީ ރައުލްމެންގެ ތެރެއިން އީޝަލްއާ ދިމާކުރީ ކާކުކަން އެނގޭތޯއެވެ.

* * * * *

އީޝަލްގެ އަތުގައި ހިފައިގެން އައިސް ތުނޑީގެ ވަކި ހިސާބަކުން ޔާފިއާ ހުއްޓުނެވެ. އަދި އީޝަލް އެ މީހުންނާއެކު ގެނައުމަށް އެދުނީ ރައުލްކަން ހާމަކުރިއެވެ. އޭނާ މަޢާފަށް އެދެމުން ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައި ރާވިން ހުރި ދިމާއަށް ދިޔައެވެ. އޭރު އީޝަލްގެ ކުރިމަތިން އޭނާގެ ގާތަށް ރައުލް ހުރެ އާދެއެވެ. ލުގަލްބަންދާ މަޑުކޮށްލައިގެން އޮތީ އީޝަލްގެ އިޝާރާތަކަށެވެ.

"އީޝަލް އަހަރެންނާ ކުރި ސުވާލަށް ޖަވާބު ދޭން މިއައީ، އަހަރެމެން ދެ މީހުން އެކަނި ވާހަކަދައްކާލެވިދާނެތަ؟" އީޝަލްގެ ކުރިމަތީގައި މަޑުކޮށްލައިގެން ހުރެ ރައުލް ބުންޏެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އީޝަލް ބަލާލީ ލުގަލްބަންދާއަށެވެ. އަދި އޭނާ އެބަ އަންނަން ކަމުގައި ބުނެ ދުރަށް ހިނގައިގަތެވެ. އީޝަލްގެ ފަހަތުން ރައުލް ދިޔައެވެ. އެ މީހުން ދާތަން ބަލަން ލުގަލްބަންދާ މަޑުކޮށްލުމަށްފަހު އޭނާ ހުރި ދިމާގައި އިށީނެވެ. ދެންތިބި މެންބަރުންނާ ބައިވެރިވުމުގެ ޝައުގުނެތް ކަހަލައެވެ.

އެންމެންނާ ދުރަށް އާދެވުމުން ވެސް އީޝަލް ނުހުއްޓުމުން ރައުލް އޭނާގެ އަތުގައި ހިފައި މަޑުކުރުވިއެވެ. މަޑުމަޑުން އީޝަލްގެ ފުރަގަހުން ގާތްވެލައި އޭނާގެ ދެއަތް ރައުލް ހައްޔަރުކޮށްލިއެވެ. ރައުލްގެ ނޭވާގެ ހޫނުކަން އީޝަލްގެ ކަންފަތަށް އެޅެމުންދިޔައެވެ.

"އީޝަލް ނުރުހޭކަމަށް އަހަރެންނަށް ކުރެވިފައިވާނަމަ މަޢާފަށް އެދެން، ޔަގީނުން ވެސް އެނގިހުރެ އެފަދަ ކަމެއް ނުކުރާނަން... އަހަރެން އީޝަލްނޫން އަންހެނެއްގެ މަތިން ޚިޔާލެއްނުކުރަން، މިހާތަނަށް އެއްވެސް އަންހެނަކާ ގާތް ގުޅުމެއް ވެސް ނޯންނާނެ، ސަމިއާނާގެ ނަން އީޝަލްއަށް އަޑުއިވިފައިކަން އޮތީ އެނގޭ، އަހަރެން އޭނާގެ ނަންނުގަތީ އީޝަލްއަށް ކަމެއް ސިއްރުކުރާކަށްނޫން، އޭނާއަކީ އަހަރެންނަށް މުހިންމު އަންހެނެއްނޫން، ޒަގަންގެ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާތި، އޭނާއަކީ އެއްވެސް އިރަކު އަހަރެންގެ މައްޗަށް ހެޔޮ އެދުނު މީހެއްނޫން" ޒަގަންގެ ނަން ރައުލް ބުނުމާއެކު އީޝަލްއަށް ބޭއިޚްތިޔާރުގައި ރައުލްގެ އަތުގައި ހިފައި ގަޔާ ކައިރިކޮށްލައި ބާރަށް ހިފަހައްޓާލެވުނެވެ. ޒަގަންގެ ސަބަބުން އީޝަލްއަށް އައި ބަދަލު ރައުލް ފެނުނު މީ ދެވަނަފަހަރެވެ. އޭނާ ނިކަން އަވަހަށް އީޝަލް އަނބުރާލައި އެ މޫނަށް ފުންކޮށް ބަލާލިއެވެ.

"ޒަގަން ކީކޭ ބުނީ" ހާސްވެފައި ރައުލް އެއްސެވެ.

(ނުނިމޭ)