ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑްގެ ހިތްދަތި ސީޒަނަށް އިތުރު ބޮޅެއް!

ލެގަނޭޒް އާ ދެކޮޅަށް ކުޅުނު މެޗު 1-1 ން އެއްވަރުވެ، ރެއާލް މެޑްރިޑްގެ ހިތްދަތި ސީޒަނަށް ބޮޅެއް އިތުރު ވެއްޖެ އެވެ.

އެ މެޗާއެކު، ރެއާލްއަށް ސީޒަން ނިމުމުގެ ވަގުތު އަންނަނީ ކުޑަތަން ވަމުންނެވެ. ބާކީ އޮތީ ފަސް މެޗެވެ. މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ޓީމަށް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ވުރެ ދުރަށް މިއަހަރު ނުދެވުނެވެ. މި ސީޒަންގައި ތިން ކޯޗުން އެ ޓީމަށް ހަމަޖައްސައިފި އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގްގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން، ކުލަބު ވޯލްޑް ކަޕުގައި ވާދަ ކޮށް އެ މުބާރާތުގެ ތަށި ހޯދުން ފިޔަވައި އެހެންއެއްވެސް ކަމެއް އެ ޓީމަށް މި ސީޒަންގައި ނުކުރެވުނެވެ.

ރެއާލްގެ ކޯޗު ކަމުން މިދިޔަ ސީޒަންގައި އަމިއްލައަށް ވަކި ވުމަށް ފަހު، 10 މަސް ފަހުން އަލުން ރެއާލްގެ ކޯޗު ކަމަށް އައި ޒިދާން މެޗަށް ނިކުތީ ބަދަލު ތަކާއެކު އެވެ. ކެޕްޓަން ސާޖިއޯ ރާމޯސް، ޓޯނީ ކްރޫޒް، ސާޖިއޯ ރެގުލެން މެޗަށް ނިކުތް ސްކޮޑުގައި ހިމަނާފައި ނުވެ އެވެ. ކްރޫޒް އުޅެނީ ބަލިވެ އެވެ. ރެގުލެންއަށް ފުރުސަތު ނުދިނީ ޓެކްޓިކަލް ބަދަލެއްގެ ގޮތުގަ އެވެ. ބޭލްއަށް ފުރުސަތު ދިނީ އެންމެ ފަހު 10 މިނެޓްގަ އެވެ. ތިން ބަދަލުގެ ތެރެއިން ޒިދާން ކުރީ ދެ ބަދަލަވެ، އަނެއް ބަދަލަކީ، އިސްކޯގެ ބަދަލުގައި ލޫކަސް ވަޒްކްއޭޒް ކުޅެން ނިކުތުމެވެ.

މެޗުގެ ފުރަތަމަ ހާފް ލެގަނޭޒްއިން ނިންމާލީ ކުރީގައި އޮވެގެންނެވެ. އެ ޓީމުގެ ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖޮނަތަން ސިލްވާ އެވެ. މިއީ އެންމެ ފަހުން ކުޅުނު ދެ މެޗުގައ އޭނާ ކާމިޔާބު ކުރި ދެ ވަނަ ލަނޑެވެ.

ރެއާލްއަށް ނަތީޖާ، ހަމަހަމަ ކޮށްދިނީ ދެ ވަނަ ހާފް ފެށިގެން ހަ ވަނަ މިނެޓްގައި ކަރީމް ބެންޒެމާ އެވެ. ފަހަކަށް އައިސް ބެންޒެމާ ދަނީ އޭނާގެ ލަނޑު ޖެހުމުގެ ރޭޓް ރަނގަޅު ކުރަމުންނެވެ. މި ސީޒަންގައި އޭނާ ވަނީ 27 ލަނޑު ޖަހާފަ އެވެ.