ހަބަރު

މަހުލޫފާއި އަކުރަމްގެ ސަސްޕެންޝަން އުވާލައިފި

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތު މައްޗަށް އޭސީސީން އެކުލަވައިލި ތަހުގީގު ރިޕޯޓުގައި، އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން އެސްއޯއެފުން ފައިސާ ޖަމާވި މައްސަލާގައި ސަސްޕެންޝަންގައި ހުންނެވި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނުގެ ސަސްޕެންޝަން އުވާލައިފި އެވެ.

އޭސީސީން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އާންމުކުރި ރިޕޯޓްގައި އެ ހިޔާނާތުގައި ޝާމިލްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޑޮލަރު ގަނެފައިވާ ގިނަ ފަރާތްތަކާއި، ކުންފުނިތަކެއްގެ ނަންތަކުގެ ތެރޭގަައި މިނިސްޓަރު މަހުލޫފާއި އަކުރަމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މަހުލޫފު ވަނީ އެސްއޯއެފުން 33000 ޑޮލަރު ބައްލަވައިގަތްކަމަށް ވިދާޅުވެ، ޑޮލަރު ގަތުމަށްފަހު އެ ކުންފުންޏަށް ފައިސާ ދެއްކި ރަސީދު ވެސް އާންމު ކުރައްވާފަ އެވެ. އަކުރަމްގެ އެކައުންޓަށް ވެސް 30،000 ޑޮލަރު ޖަމާވެފައި ވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެ ދެބޭފުޅުންގެ ސަސްޕެންޝަން ވެސް ރައީސް އުވާލައްވާފައިވާ ކަމަށެވެ.

މަހުލޫފާއި އަކުރަމް މަސައްކަތްތަކުންް އެއްފަރާތް ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. މަހުލޫފްގެ ސަސްޕެންޝަނަށްފަހު ވަގުތީ ގޮތުން ޔޫތް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

މަހުލޫފް ވަނީ އޭނާގެ ސަސްޕެންޝަން އުވާލާފައިވާކަން މިއަދު ޓްވީޓަކުން ހާމަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، އޭސީސީ އާއި ޕޮލިހުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރެއްވުމަށްފަހު އިތުބާރު ކުރައްވައި އަލުން މަސައްކަތަށް ނެރެދެއްވި ކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ތެދުވެރި ކަމާއެކު މަސައްކަތުގައި ދެމިހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.