ދުނިޔެ

ދުނިޔޭގައި ފާނަބަސަންދު ޖެހޭ އަދަދު މައްޗަށް

ފާނަބަސަންދު ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު މުޅި ދުނިޔޭގައި ވެސް ތިން ގުނައަށް އިތުރު ވެއްޖެ ކަމަށް އދ. ގެ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފި އެވެ.

އދ. ގެ މަޖިލީހުން ފާހަގަކޮށްފައިވާ ގޮތުގައި މި ބަލި ޖެހޭ އަދަދު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ދަނީ އިތުރު ވަމުން ނެވެ. ނަމަވެސް ބަލި ޖެހުމުން ސިއްހީ އިދާރާތަކަށް ރިޕޯޓް ކުރަނީ ބަލިޖެހޭ ކޮންމެ 10 މީހުންގެ ތެރެއިން އެކަކަށް ވުމުން ބަލި ޖެހޭ މީހުންގެ އަސްލު އަދަދު މިއަށްވުރެ ގިނަކަމުގެ ބިރު އޮތްކަންވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެންމެ ގިނައިން މި ބަލި ފެނިފައިވާ ގައުމެއްގެ ގޮތުގައި އެފްރިކާ ވަނީ ފާހަގަ ކުރެވިފަ އެވެ.

ޔުކްރެއިން، މަޑަގަސްކަރާ އަދި އިންޑިއާ ފަދަ ގައުމުތަކުގައިވެސް ހަލުވު ކަމާއެކު މިބަލި ފެތުރެމުންދާއިރު 10 ހާހުން މީހުންނަށް މި ބަލި ޖެހެމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިހާާތަނަށް ހަމައެކަނި މަޑަގަސްކަރާގައި ވެސް 800 މީހުން މިބަލީގައި މަރުވެފައި ވެއެވެ. ބްރެޒިލް، ޔަމަން އަދި ޕާކިސްތާނުގައި ވެސް ހަލުވި ކަމާއެކު މި ބަލި ފެތުރި ގިނަ އަދަދެއްގެ ކުޑަކުދިން ދަނީ މަރުވަމުން ނެވެ. މީގެ އިތުރުން ފަސޭހައިން ބައްޔަށް ވެކްސިން ލިބެން ހުރި ގައުމުތަކުގައި ވެސް މި ބަލި ޖެހޭ އަދަދު ގިނަވަމުން ދާކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފަ އެވެ.

އދ. އިން ބުނާގޮތުގައި މި ބައްޔަކީ ރަނގަޅު ވެކްސިންއާއެކު ފަސޭހަ ކަމާއެކު ރައްކާތެރިވެގެން ތިބެވިދާނެ ބައްޔެކެވެ. އެކަމަކު ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ވަނީ 85 ޕަސެންޓުގައި ހުއްޓިފަ އެވެ. ބަލި ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ 95 ޕަސެންޓް މީހުންނަށް ވެކްސިން ދޭން ޖެހެއެވެ.

ސީއެންއެންއަށް އިންޓަވިއު ދެއްވަމުން ޑަބްލިއުއެޗްއޯގެ އިސް ބޭފުޅުން ކަމަށްވާ ހެންރިއޭޓާ ފޯ އަދި ޓެޑްރޯޒް އަދަނޮމް ވިދާޅުވަނީ ވެކްސިން އާއި މެދު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދުނިޔޭގައި މިބަލި ފެތުރޭ އަދަދު އިތުރުވަމުންދާ ކަމަށެވެ.

ފާނަބަސަންދަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ވައިރަލް ބައްޔެކެވެ. މި ބައްޔަށް ރަނގަޅަށް ބޭސް ނުކުރެވިއްޖެ ނަމަ ބައެއްފަހަރު ފުއްޕާ މޭ، ސިކުނޑި އަދި އެތެރެހައްޓަށް ބަލީގެ އަސަރުކޮށް ސިއްހީ ބޮޑެތި މައްސަލަތަކާއި ކުރިމަތިވާ ފަހަރުވެސް ދިމާވެ އެވެ. އަދި ބަލިޖެހުނު މީހާގެ ފުރާނައަށް ނުރައްކާވެ މަރުވާ ފަހަރުވެސް ދިމާ ވެއެވެ.