ޣައްޒާއަށް އެތެރެވެވެން ހުރި ކޮންމެ ދިމާއަކުން އިންސާނީ އެހީ ވެއްދުމަށް ފުރުސަތު ދެވިދާނެ ކަމަށް އިޒުރޭލުން ބުނެފި އެވެ.
އިޒުރޭލުގެ މިޒާޖަށް މިވަރުގެ ބަދަލެއް އައިސްފައި މިވަނީ ޣައްޒާ ރައްޔިތުން ބަނޑަށް މަރުވެދާނެ ކަމަށް ބައިނަލްއަގްވާމީ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން ތަކުރާރުކޮށް ގޮވާލައި، އިޒުރޭލަށް ކުރިމަތިކުރުވާ ޕްރެޝަރާ ހެދި އެވެ.
އިޒުރޭލު އަސްކަރިއްޔާގެ ތަރުޖަމާން ރިއާ އެޑްމިރަލް ޑެނިއެލް ހަގާރީ ވިދާޅުވި ގޮތުގައި ޣައްޒާއަށް އެހީ ވައްދަން ބޭނުން ބަޔަކު ވައްދަންވީ އެވެ. އިންސާނީ އެހީއާއިގެން މުޅި ޣައްޒާ ފުރާލަންވީ އެވެ.
ތަރުޖަމާން ވިދާޅުވި ގޮތުން ޣައްޒާއަށް އިންސާނީ އެހީ ނުވެއްދިގެން އުޅެނީ އިޒުރޭލުން ހުރަސްއަޅާތީއެއް ނޫނެވެ. އެކަން ނުވެގެން އުޅެނީ ބައިނަލްއަގްވާމީ އޭޖެންސީތަކުގައި އެވަރުގެ ކަމެއް ކުރާނެ ފެންވަރު ނެތިގެން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޣައްޒާއަށް އެހީ ވެއްދުން އިޒުރޭލުން މަނާނުކުރާ ކަމަށެވެ. އެޖެންސީތަކުގައި ރޭވުންތެރިކަން ނެތުމަކީވެސް ޣައްޒާއަށް އެހީ ވެއްދުމަށް އޮތް ހުރަހެއް ކަމަށް ވިދާޅުވި އެވެ.
އިޒުރޭލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ފަސްމަސް ފުރިފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ 2.3 މިލިއަން މީހުން ކައިބޮއި އުޅޭނެ ގޮތެއް ވަނީ ނެތިފަ އެވެ.
އިޒުރޭލުގެ ފަނާކުރަނިވި ހަމަލާތަކުގައި ޣައްޒާގެ ދަނޑުބިންތައް ސުންނާފިކޮށް ބޯފެން ހޯދުމަށް ކޮނެފައި ހުރި ވަޅުތައްވެސް މިހާރު ހުރީ މުޅިން ވަޅުލެވިފަ އެވެ.
ޣައްޒާ ބަނޑަށް ޖެހި އާންމު ރައްޔިތުން ބަނޑަށް މަރުވެދާނެ ކަމަށް މުޅި ދުނިޔެ ގޮވާލައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަލާތައް ހުއްޓާލުމަށް އިޒުރޭލުގެ ކިބައިން ތަކުރާރުކޮށް އެދުނު ނަމަވެސް ވަނީ އިޖާބީ ކުރިއެރުމެއް ނުލިބިފަ އެވެ.
ޣައްޒާއަށް އެހީ ވެއްދުމަށް އިޒުރޭލުން ހުއްދަ ދިން ނަމަވެސް މިފަދައިން ހުއްދަދޭ ކޮންމެ ފަހަރަކު އެހީ ހިފައިގެން ދަތުރުކުރާ އުޅަނދުތަކަށް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ހަމަލާދީފަ އެވެ.
އެއްގަމު މަގުން އެހީ ވެއްދޭނެ ގޮތެއް ނެތުމުން އަރަބި ގައުމުތަކުން -- އުރުދުން، ގަތަރު އަދި މިސްރުން ދަނީ ވައިގެ ތެރެއިން އެހީ ފޯރުކޮށްދެމުންނެވެ. ނަމަވެސް މިއީ ޣައްޒާގެ އަބާދީއަށް އަބަދު ކާންދެވޭނެ ގޮތަކަށް ނުވާތީ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން މިހާރު މަސައްކަތްކުރަނީ ކަނޑުމަގުން އެހީ ފޯރުކޮށްދެވޭތޯ އެވެ.
ޣައްޒާއަށް ކަނޑުމަގުން އެހީ ފޯރުކޮށްދިނުމަށް ޣައްޒާއަށް މުދާ ބޭލޭނެ ފާލަމެއް އެޅުމުގެ މަސައްކަތްތައް -- އެމެރިކާގެ އެހީތެރިކަމާ އެކު މިހާރު ދަނީ ކުރިއަށެވެ.