ހަބަރު

ގާބިލު ނޫން މީހުން މަގާމްތަކަށް އައްޔަން ކުރާތީ ސީއެސްސީގެ މެންބަރުން ހާޒިރު ކުރަނީ

Apr 16, 2019
3

ގާބިލު ނޫން މީހުން ސަރުކާރުގެ މަގާމުތަކަށް އައްޔަން ކުރާ ކަމަށް ބުނާ މައްސަލައެއްގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރު ކުރުމަށް އެ ކޮމިޓީ އިން ނިންމައިފި އެވެ.

ވަޒީފާ ދިނުމުގައި އިލްމީ ގޮތުން އެންމެ ގާބިލު ފަރާތްތަކަށް އިސްކަންދޭން ޖެހޭ ކަމަށް ސިވިލް ސާވިސްގެ ގާނޫނުގައި ބުނެފައިވީ ނަމަވެސް ޝަރުތުހަމަނުވާ ފަރާތްތަކަށް ވަޒީފާ ދެމުންދާ ކަމުގެ ހަބަރު ފެތުރިފައިވާތީ ސީއެސްސީގެ މެންބަރުންނާ ސުވާލު ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މައްސަލަ ހުށަހެޅީ އިދިކޮޅު ޕީޕީއެމްގެ ފަރާތުންނެވެ.

ޕީޕީއެމްގެ ތިން މެންބަރަކު ސޮއިކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދެއްކެވި އެމްޑީޕީގެ މެންބަރުން ވިދާޅުވީ މީގެ ކުރިން ސަރުކާރު މުއައްޒަފުން ލައްވާ ސިޔާސީ މަސައްކަތް ކުރި އިރު ސީއެސްސީއިން އެއްވެސް ވަރަކަށް އެ މައްސަލަ ނުބަލާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއްވެސް މުއަައްޒަފަކަށް ނުފޫޒެއް ނުފޯރުވާނެ ކަން ޔަގީން ކުރާ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެއްވެސް އިއުތިރާޒް އެއް ނެތް ސީއެސްސީގެ މެންބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރު ކުރާކަށް،" އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒް ފަހުމީ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ސީއެސްސީގެ މެންބަރުން ހާޒިރު ކުރުމަށް ކޮމިޓީއިން ފާސް ކުރި އެވެ. އަދި އެ ކޮމިޓީގައި ނުނިންމާ ހުރި އިތުރު މަސައްކަތްތައް މި މަހުގެ ނިޔަލަށް ނިންމެވުމަށް ވެސް ފާސް ކުރި އެއވެ.