ދުނިޔެ

ނަގޫރޯޅީގައި ޖެހި އެމެރިކާގައި ނުވަ މީހަކު މަރުވެއްޖެ

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެފައި ވަނިކޮށް އުފެދުނު ނަގޫ ރޯޅިތަކެއްގެ ސަބަބުން އެމެރިކާގެ އެކި ސަރަހައްދުތަކުން ނުވަ މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާާ ވެއްޖެ އެވެ.

ޓެކްސަސްގެ އަވަށަކަށް އެރީ ނަގޫރޯޅީގައި ކާރެއްގެ މައްޗަށް ގަހެއް ވެއްޓި އެ ކާރުގެ ފަހަތު ސީޓުގައި ތިބި އަށް އަހަރާއި 10 އަހަރުގެ ދެ ކުއްޖަކު މަރުވެފައިވާއިރު ކުރީ ސީޓުގައި ތިބި އެ ކުދިންގެ ބެލެނިވެރިންނަށް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

ޓެކްސަސްގެ އަލްޓޯގައި އެކަކު މަރުވެ އިތުރު އެތައް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ. އަދި ޓެކްސަސް ގެ ފްރޭންކްލިންގައި 60 ވުރެ ގިނަ އިމާރާތް ހަލާކުވެފައި ވެއެވެ. އޭގެ ތެރޭގައި މީހުން ދިރި އުޅޭ 55 ގެއެއް ހިމެނެ އެވެ.

މިސިސިއްޕީ، ހެމިލްޓަން ގައި ބަޔަކު މަރުވި ހަބަރު ލިބެމުންދިޔައިރު އެ ސިޓީގެ އެތައް އިމާރާތަކަށް ގެއްލުން ލިބި އެތަނުގައި ހުރި ހަމައެކަނި ފަޔާ ސްޓޭޝަން ވެސް ވަނީ ބިމާ ހަމަވެފަ އެވެ.

މިސިސިއްޕީގެ މޮންރޯ ކައުންޓީގައި މޮބައިލް ގެއެއްގެ މައްޗަށް ގަހެއް ވެއްޓި 95 އަހަރުގެ ފިރިހެނެއް ވަނީ މަރުވެފަ އެވެ.

ބައުކޮމްވިލް ގައި ކުއްލިއަކަށް ފެން ބޮޑުވުމުގެ ސަބަބުން 13 އަހަރު ކުއްޖަކު މަރުވެފައިވާއިރު ކާރެއްގައި ޖެހި ތާށިވެ ސަލާމަތް ނުވެވުނު މީހަކުވެސް ފެންގަނޑު ތެރެއިން ވަނީ ފެނިފަ އެވެ. ބާމިންގަމް ކައިރީގައި މަގުމައްޗައް ވެއްޓިފައި ހުރި ގަސްތައް އެއްކައިރި ކުރަން އުޅުނު މަސައްކަތު މީހެއް މަރުވެފައި ވަނީ ދުއްވާފައި އައި އުޅަނދަކުން ޖެހިފަ އެވެ.

މަގުތަކަށް ފައިބާފައި ހުރި ކުނިބުނީގެ ސަބަބުން އަނިޔާވެފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައި ވާކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

އެމެރިކާގެ އޮފިޝަލުން ހާމަކުރާގޮތުގައި އެގައުމުގެ ތިން ސްޓޭޓަކަށް މަދުވެގެން 17 ނަގޫރޯޅި އަރާފައި ވެއެވެ.

ނަގޫރޯޅި އެރުމުގެ ސަބަބުން އެ ސަރަހައްދުގެ އެއާލައިންތަކުގެ ފްލައިޓުތައް ޑިލޭކުރަން ވަނީ މަޖުބޫރުވެފަ އެވެ.