ވިޔަފާރި

ރޯދަ މަސް ނިމެންދެން ފިޔާ، އަލުވި، ބިސް ހުސްނުވެ ލިބޭނެ: އެސްޓީއޯ

Apr 16, 2019
1

މި އަހަރުގެ ރޯދަ މަސް ނިމެންދެން ފިޔާ، އަލުވި އަދި ބިސް ހުސްނުވެ، އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ދީފި އެވެ.

ރޯދަ މަހު އެންމެ ޑިމާންޑް އުފުލޭ، ފިޔާ، އަލުވި އަދި ބިސް އަގުހެޔޮކޮށް ލިބޭނެކަމުގެ ޔަގީންކަށް ދެއްވައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެެއިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިހާއި އަލުވި އަދި ފިޔާގެ ޝިޕްމަންޓް ރާއްޖެ އައިސްފައިވާ ކަމަށެވެ.

"ފިޔާ، އަލުވި އަދި ބިސް ރާއްޖެ އަތުވެއްޖެ، މާކެޓުގައި ހުރި އަގަށް ވުރެ ހެޔޮ ކުރެވިއްޖެ. މިއަދުން ފެށިގެން ރޯދަ މަސް ނިމެންދެން މި އަގުގައި އިރާދަކުރެއްވިއްޔާ ހުސްނުވެ ލިބެން ހުންނާނެ،" އަމްރު ވިދާޅުވި އެވެ.

މި އަހަރުގެ ރޯދަ މަސް ފަށާނީ މޭ މަހުގެ ހަވަނަ ދުވަހު އެވެ. ރޯދަ މަސް ފެށެންވާއިރަށް އެސްޓީއޯ އިން ވަނީ އެންމެ ޑިމާންޑް އުފުލޭ ފިޔާ، އަލުވި އަދި ބިސް ވިއްކާނެ އަގުތައް ވެސް އިއްޔެ އިއުލާނުކޮށްފަ އެވެ.

އެސްޓީއޯ އިން މިއަދު ބުނި ގޮތުގައި، އެ ކުންފުނީގެ ފިހާރަތަކުން ރީޓޭލްކޮށް ފިޔާ ކިލޯއެއް 7 ރ. އަށް ވިއްކާނެ އެވެ. އަލުވި ކިލޯއެއް 8.50 ރ. ވިއްކާނެ އިރު ބިހެއް 1.50 ރ. ވިއްކާނެ އެވެ. ސުޕަމާޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 140 ރުފިޔާއަށް ވިއްކާނެ އެވެ.

އަލުވި ބަސްތާއެއް 180 ރުފިޔާއަށެވެ. ބިސް ކޭހެއް 270 ރުފިޔާ އަށެވެ. މީގެއިތުރުން، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮއް 25 ކޭހަށްވުރެ މަތިން ނަގާ ފަރާތްތަކަށް ފިޔާ ބަސްތާއެއް 130 ރުފިޔާއަށް ވިއްކާނެ އެވެ. އަލުވި ބަސްތާއެއް 170 ރުފިޔާއަށް ވިއްކާ އިރު ބިސް ކޭހެއް ވިއްކާނީ 260 ރުފިޔާ އަށެވެ.

އެސްޓީއޯ އިން އިތުރަށް ބުނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި މި ބާވަތްތައް އާންމުންނަށް ފަސޭހަ އިން ލިބޭނެ ގޮތަށް މި ފަހަރު ވެސް އިންތިޒާމުކޮށްފައިވާ ކަމަށާ މިގޮތުން އިންޑަސްޓްރިއަލް ވިލެޖުން ހެނދުނު 8:30 އިން ހަވީރު 5:00 އަށް ފިޔާ އާއި އަލުއްވާއި ބިސް ލިބޭނެ އެވެ.