(15 އެޕްރިލް 2019 އާ ގުޅޭ)
މަންހާ އާއި އިމީ ކެބިންއަށް ވަނުމުން ދާއިން އޭނަގެ ގޮނޑިން ތެދުވިއެވެ. އަދި އިމީ ނުކުތުން މަންހާ އާއި ވާހަކަދައްކަން ފެށިއެވެ. އޭނަ މަންހާ އަށާއި ލައިގެން ކޮފީތަށި ހަދަންފެށުމުން އެކަން މަންހާ މަނާކުރިއެވެ.
"ބުނީމެއްނު އަހަންނާއިއެކު ކޮފީގައި ބައިވެރިވާނަމޭ" ދާއިން ހައިރާންކަމާއިއެކު ބަލާލަމުން ބުނެލިއެވެ.
"ހޫމް، އެހެންވެއެއްނު މިއައީ، މިވެސް ބައިވެރި ވެވުނީއެއްނު، ތެދަށް ބުނަންޏާ އަޅުގަނޑު ކޮފީއެއް ނުބޮން، ދިސް މައިޓް ސައުންޑް ސިލީ، އިންސްޓެޑް އައި ޕްރިފަރ އަ ކަޕް އޮފް މިލްކު" މަންހާ ބުނެދިނެވެ.
ދާއިން ލުއި ހިނިތުންވުމަކާއިއެކު ހުސްކިރު ޖޯޑަކަށް އަޅާލުމަށްފަހު މަންހާއަށް ދިއްކޮއްލިއެވެ. އަދި އޭނަގެ ކޮފީތަށި ހިފައިގެން މީޓިން ބާއްވާ ވައްމޭޒާ ދިމާލަށް ދިޔައެވެ. އޭނަ މަންހާގެ ހިޔާލު ހޯދަން ބޭނުންވީ ކުރަހަންފަށާފައިވާ އިމާރާތްތަކުގެ ކުރެހުމާއިބެހޭގޮތުންނެވެ. އުފަލާއިއެކު މަންހާ އޭނަގެ އެހީތެރިކަން ފޯރުކޮއްދިނެވެ. ދާއިން މަންހާގެ ގާތުގައި މަޑުކޮއްލައިގެން ހުރި އިރު އޭނަގެ ހަށިގަނޑުން ދުވާ މީރު ސެންޓުގެ ވަސް ދާއިންގެ ނޭފަތުގައި ހަރުލަމުންދިޔައެވެ. ވާހަކައިގެ ތެރެއިން މަންހާގެ އަތުގައި ދާއިން ހިފާލިއެވެ. މަންހާއަށް ވާހަކަދައްކަން އުނދަގޫވިކަން ދާއިންއަށްވެސް ފާހަގަކުރެވެއެވެ. ފަހަކަށް އައިސް އޭނައަށް މަންހާގެ ފަރާތުން ކިތަންމެ ކަމެއް ފާހަގަވެއެވެ. އަދި މަންހާ ކޮއްދޭ ކަންތައްތަކަށް ޝުކުރުއަދާކުރާލެއްވެސް ގިނައެވެ.
މެންދުރުފަހު ދޭއްޖަހަންވިއިރު އޮފީހުގެ ކޮންފަރެންސް ރޫމްގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމުގެ ކަންތައްތައް ކާއިލްގެ އެހީގައިކޮށް މަންހާއަށް ނިންމާލެވުނީ ކިރިޔާއެވެ. މީޓިންއަށް އަންނަ އިސްމަގާމުތަކުގެ ފަރާތްތަކާއި ބައްދަލު ކުރަމުން ދިޔައީ ކާއިލްއެވެ. މަންހާ ހުރީ ދާއިންގެ ކެބިންތެރޭގައެވެ. އޭނަގެ ހުރިހާކަމެއް ފައިނަލް ކޮއްދިނުމަށެވެ. ކެބިންއިން ނުކުމެ ނުކުމެ ހުރި ދާއިންއަށް މަންހާ ގޮވާލިއެވެ. އޭނަ ހުއްޓުމުން މަންހާ ހާސްކަމާއިއެކު އައިސް އޭނަގެ ޓައީ ރަނގަޅުކޮއްލަދިނެވެ. އަދި އަވަހަށް ދިއުމަށް އެދުނެވެ.
ދާއިންގެ ފަހަތުން ގޮސް ކޮންޕަރެންސް ރޫމަށް މަންހާވަނެވެ. އޭރު ކާއިލް އޭނަގެ ގޮނޑީގައި އިށީނދެއްޖެއެވެ. އެންމެންވެސް ދާއިންއަށް ބަލާލަމުން އޭނަގެ ގާތުގައި ހުރި ޒުވާން ރީތި އެސިސްޓެންޓަށްވެސް ނަޒަރު ހިންގާލިއެވެ. ކުއްލިއަކަށް މަންހާގެ ހަތަރެސްފައި ގަނޑުވިއެވެ. ދާއިން ގޮނޑީގައި އިށީނުމުންވެސް އޭނަ ހުރީ އިށިންނަން ނޭގިފައެވެ. އެމީޓިންއަށް އައިސް އިން ފަރާތަކަށް ބަލަހައްޓައިގެން ހުރިގޮތަށް ހުރެވުނީއެވެ. ކާއިލް މަންހާގެ އަތަށް ދަމާލަމުން އިށީނުމަށް ބުންޏެވެ. ދާއިންއަށްވެސް މަންހާއަށް ވީގޮތް ފާހަގަކުރެވުނެވެ. މަންހާގެ ދެލޯވަނީ ބޮޑުވެފައެވެ. ހީވަނީ ބޮޑު ބިރެއްފެނިގެން ހުއްޓުން އަރާފައި ހުރިހެނެވެ. ދާއިންގެ ފަހަތުގައި ހުރި ގޮނޑީގައި އޭނަ އިށީނެވެ. އެހެންނަމަވެސް އޭނަގެ ނަޒަރު ހުއްޓިފައިވަނީ އެހެންދިމާލަކަށެވެ.
އަތުގެ ނުފުށުން ނިތްކުރިން ހިއްލަމުން ދިޔަ ދާތިކިތައް މަންހާ ފޮހެލިއެވެ. މިނެޓްސް ލިޔުމަށްޓަކައި ގަލަން ފޮތުގައި ޖައްސާލިއެވެ. އެހެންނަމަވެސް އަތްތުރުތުރު އަޅާވަރުން ހީވަނީ އަތުގައި އޮތްގަލަންވެސް ވެއްޓިދާނެހެނެވެ. މަންހާއަށް އަނެއްކާވެސް ބަލާލެވުނީ އޭނައާއި ކުރިމަތިވާގޮތަށް ދުރުގައި އިށީނދެގެން އިން ޒުވާނާ އާއި ދިމާލަށެވެ. އެޒުވާނާ ފެނި މަންހާއަށް އެހުރިހާ ގޮތްތަކެއްވަމުންދިޔައީ އެއީ އޭނަގެ އެއްބަނޑު އެއްބަފާ ބޭބެ ކަމުގައި ވީމައެވެ. އޭނަގެ ކުރިމައްޗަށްވާގޮތަށް އިނީ ޝަރަފްއެވެ. ތެދުބުނަންވީ ވަގުތުއައިސް ޖެހިއްޖެކަން މަންހާއަށް އެނގިއްޖެއެވެ. އެހެންނަމަވެސް ދެރައީ އެއްޗެއް ބުނުމުގެ ކުރިން އެހުރިހާ ކަމެއް ލޮލަށްފެނުނީމައެވެ. އާއިލާއަށް އޮޅުވާލެވުނީމައެވެ. މަންހާއިނީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ.
ޝަރަފްއަށް ކުރިއަށްދިޔަ މީޓިންގައި ދައްކަމުންދިޔަ އެއްޗެއް އަޑުއިވުމަށްވުރެ އޭނަގެ ސަމާލުކަން ދެވިފައިވަނީ ދާއިންގެ ފަހަތުގައި ގޮނޑިއެއްގައި އިށީނދެލައިގެން އިން އޭނަގެ ކޮއްކޮ މަންހާއަށެވެ. އޭނަ އަދާ އެކުރަނީ ޑިރެކްޓަރ ފެންވަރުގެ ވަޒީފާއެއްބާއޭ އަމިއްލަ ހިތާ ސުވާލުކުރިއެވެ. އޮފީސްތަކުގެ ވެރިން ތިބީ އެމޭޒުކައިރީގައެވެ. ޝަރަފްއަށް މަންހާގެ ހަގީގަތް އެނގުނެވެ. އޭނައަކީ އާދައިގެ ސެކެޓްރީ ލެވެލްގެ އަންހެން ކުއްޖެއްކަން އެނގުނު ހިނދު އޭނަގެ މޫނު ރަތްވެގެން ދިޔައީ އައި ގަދަ ރުޅިންނެވެ. އިންތިހާއަށް ލަދުވެސް ގަތެވެ. މަންހާއަކީ ނުކިޔަވާ ހުރި ކުއްޖެއްނޫނެވެ. އޭނަގެ ފެންވަރަކީ، އެމީހުން ފަދައިން އެކުކުޅުބިސް ބުރުގޮތަށް ހަދާފައިވާ މޭޒުގެ ކައިރީ އެމީހުންނާއި އެއްހަމައެއްގައި އިނުމެވެ. މަންހާ އެވަރުގެ ކަމެއް ސިއްރުކޮއްފާނެ ކަމަކަށް ޝަރަފް ހިތަކަށް ނާރައެވެ. އޭނަ މަންހާއަށް ބަލަހައްޓައިގެން އިންއިރު ހުދު އޭނައަށްވެސް މަންހާގެ ސިއްރު ހާމަވެގެން ހިނގައްޖެކަން މަންހާގެ މޫނުމަތިން ފެންނަމުންދިޔައެވެ. ޝަރަފް އެންމެ ހިނދުކޮޅަކަށްވެސް މަންހާއާއި ދުރަށް މޫނު އަނބުރާނުލައެވެ. އެފަދަ ބޮޑު އޮޅުވާލުމެއް މަންހާ އޮޅުވާލަން ޖެހުނީ ކީއްވެބާއޭ ޝަރަފްގެ ހިތަށް އަރަމުންދިޔައެވެ. އެހެންނަމަވެސް އޭނަގެ ގާތަށް އައިސްފައިވާ ރުޅިއަށް ގޮތެއްނުވެއެވެ. މަންހާއަށް ދިމާވާ ކޮންމެ ކަމެއްގައި އޭނަގެ އާއިލާގެ އެހީތެރިކަން ވާއިރު މިފަދަ ނިންމުމެއް ނިންމަން ޖެހުނީ ކީއްވެބާއޭ އޭނަގެ އަމިއްލަ ޒަމީރާ ސުވާލު ކުރަމުންދިޔައެވެ. ޝަރަފްގެ ނަޒަރު ކުއްލިއަކަށް ދާއިންއަށް އަމާޒުވިއެވެ. އޭނަ ދާއިންގެ ބޮލުގައިވެސް އިލްޒާމުތަކެއް އަޅުވަމުންދިޔައެވެ. މަންހާއަށް އެވަޒީފާ ދާއިންދިނީތީ އެކަމާ އޭނަ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
މީޓިން ނިމުނުއިރަށް އަވަސް އަވަހަށް މަންހާ ކޮންޕަރެންސް ރޫމުތެރެއިން ނުކުމެގެން ދިޔައެވެ. ޝަރަފްއާއި އިތުރަށް ކުރިމަތިލާހާ ހިތްވަރެއް އޭނަގެ ނެތެވެ. ޝަރަފްއަށް މަންހާ ނުކުމެގެން ދިޔަތަންފެނުނެވެ. އޭނަ މަންހާގެ ފަހަތުން ދިއުން އެހާ މުހިއްމު ކަމެއްކަމުގައި ނުދެކުނީ އެއީ އޮފީހެއްކަމުގައިވީތީއެވެ. އެހެންމީހުންގެ މޫނަށްވެސް ބަލަންޖެހިފައިވުމުންނެވެ.
"ގްރޭޓް ވޯކް......" ޝަރަފް ދާއިންއަށް ސަލާމްކޮއްލަން އަތްދިއްކޮއްލަމުން ބުނެލިއެވެ. އޭނަގެ އެތެރެހަށީގައި އަނދަމުންދިޔަ ރުޅިވެރިކަން ކޮންޓްރޯލް ކުރަމުން އޭނަ ދާއިން އާއި ވާހަކަދެއްކިއެވެ.
"މީގެ ކުރިން ފެނުނު ހަނދާނެއްނުވޭ....."ދާއިން ބުނެލިއެވެ.
"ކުރިން މީޓިންތަކަށް އަންނަނީ އުބެއިދު، އޭނަގެ މަގާމުގައި މިހާރު ހުރީ އަޅުގަނޑު" ޝަރަފް އޭނަގެ އަމިއްލަ ތަޢާރަފެއް ކުޑަގޮތަކަށް ދިނެވެ. މީޓިންއަށް އައި އެހެންމީހުންނަށްވުރެ ޝަރަފްގެ ސުވާލުތަށް ދާއިންއަށް ކުރިމަތިވިލެއް ގިނަވިއެވެ.
ފާހާނާގެ ތެރޭގައި ހުރި މަންހާ އިރުއިރުކޮޅާ އޭނަގެ އަތުގައި އޮތް ފޯނުން ގަޑިބަލާލައެވެ. އިރުއިރުކޮޅާ ނިތްކުރީގައި ހިފަހައްޓާލާނެއެވެ. ދެން ހަދާނީ ކިހިނެތްބާއޭ މަންހާގެ ހިތަށް އަރަމުންދިޔައެވެ. އޭނައަށް ޝަރަފްގެ ރަތްވެގެންދިޔަ މޫނު އަދިވެސް ފެންނަކަހަލައެވެ. މަންހާ އެންމެ ކަންބޮޑުވަނީ މަންމަ އާއި ބައްޕައާއި ހަމައަށް އެޚަބަރުދާނެކަން އެނގޭތީއެވެ. ހުރިހާ އެންމެންނަށް އޮޅުވާލެވުނީތީއެވެ. އެހެންނަމަވެސް އެއީ ސަބަބަކާއި ނުލައެއްނޫނެވެ. އޭނަގެ ފުރާނަފަދަ ލޯބިވާ މީހާ ބޭނުންވެފަ ހުރިވަރުން މަންހާއަށް އަޅަން ޖެހުނު ފިޔަވަޅެކެވެ. އޭނަގެ ހަޔާތުގައި ދާއިންގެ ހިޔަނި ކޮންމެ ސިފައެއްގައި ވިޔަސް ވުމީ އެއީ އޭނަގެ ހިތްބޭނުންވާގޮތެވެ. މަންހާ ފާހާނާއިން ނުކުތީ ދާއިން އޭނަގެ ފޯނަށް ގުޅުމުންނެވެ.
"ކަމެއްގޯސްވީތަ، މީޓިންގަ މިއަދު ކިހިނެތްތަ އެވީ" ދާއިންގެ ކެބިންއަށް މަންހާ ވަނުމާއިއެކު އަހާލިއެވެ. މަންހާ ކަމެއްނުވާކަމުގައި ބުންޏެވެ. އަދި ދާއިން އޭނަ ހޯދީ ކޮންކަމަކުތޯ އަހާލިއެވެ.
"ވަކި އަނެއްހެން ކަމެއްވެގެންނެއްނޫން މަންހާއަށް ގުޅީ، މީޓީންގަ ކަމެއް ގޯސްވިހެން ހީވެގެން އެވާހަކަ އަހާލަން މިގެނައީ" ދާއިން މާބޮޑުވިސްނުމަކާއިނުލާ ބުނެލިއެވެ.
ދާއިންއަށް ޖަވާބުދީފައި މަންހާ އޭނަގެ ކެބިންއިން ނުކުތީވެސް ވަރަށް އަވަސް ފިޔަވަޅުގައެވެ. މަންހާއަށް ކޮންމެވެސް ކަމެއްވެއްޖެކަން ދާއިންއަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް މަންހާގެ އަމިއްލަ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް އޭނައަކީ ކާކުހެއްޔެވެ. މަންހާ އިތުރަށް ހިތްހަމަ ނުޖެހިދާނެތީ ދާއިން އިތުރު އެއްވެސް ސުވާލެއްނުކުރެއެވެ. އަދި އޮފީސްގަޑި ނިމުމާއި ދޭތެރޭ މާގިނައިރެއް ނެތުމާއިއެކު ދާއިން މަންހާއަށް އިތުރު މަސައްކަތެއްވެސް ނުޖެއްސިއެވެ.
ފަހެއްޖެހިއިރު އޮފީހުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ގެއަށް ދިއުމަށް އޮފީހުން ނުކުތްއިރުވެސް މަންހާ އޭނަގެ ގޮނޑީގައި އިނެވެ. ވިޝާލް އޭނައަށް ގުޅީ ކިތަށްފަހަރުކަންވެސް އޭނައަކަށް ނޭގެއެވެ. ހުރިހާ ކަމަކާއި ދޭތެރޭ ވިސްނިވަރަކަށް މަންހާގެ ބޮލުގައި ރިއްސަން ފެށިއެވެ. އޭނަ ފޯނު ނިއްވާލާފައި މޭޒު މައްޗަށް އެއްލާލާފައި އޮތެވެ. އިން ޓްރޭ އަށާއި އައުޓް ޓްރޭއަށް ލާންވި ލިޔުންތައްވެސް އެއްވެސް ތަރުތީބެއްނެތި މަންހާގެ މޭޒުމަތީގައި ހުއްޓެވެ. އެހެންނޫނީ އޭނަ އޮފީހުން ދިއުމުގެ ކުރިން ކުރާ އެންމެ ފަހު މަސައްކަތްކަމުގައި އެލިޔުންތައް ތަރުތީބުކޮށް ބައިބަޔަށް ބަހާލުން ހިމެނޭނެއެވެ. އޮފީސްތެރެ އަޑުމަޑުވެ ހުރިހާ މުވައްޒަފުން ދާހާއިރުކޮއްލާފައި ދާއިން އޭނަގެ ކެބިންއިން ނުކުތީ އޭނަގެ އެޕާރޓްމަންޓަށް ދިއުމަށެވެ. ނަމަވެސް ހައިރާންކަން ލިބުނީ މަންހާ އޭރުވެސް އޮފީހުގައި އިނުމުންނެވެ.
"މިއަދު ގެއަށް ނުދަނީތަ، ތިމަސައްކަތް މާދަން އައިސް ކޮއްލަން ބަހައްޓާ ދެން" ދާއިންއަށް މަންހާގެ މޭޒުމަތީ ހުރި ލިޔުންތައް ފެނި ބުނެލިއެވެ.
"ރަނގަޅުވާނެ، މިކަންތައް ކޮއްލާފަ ދާނީ، އަޅުގަނޑު ދަމުން އޮފިސް ތަޅުލާނަން" މަންހާ ހިނިތުންވާން މަސައްކަތްކުރަމުން ބުނެލިއެވެ.
"މައްސަލައެއްނެތް.....މަންހާއަށް ފެންނަގޮތެއް" ދާއިން ހިނިތުންވެލަމުން އޮފީހުން ނުކުންނަން ހިނގައިގަތެވެ.
ރޭގަނޑުގެ އަށެއްޖެހިއިރެވެ. ކާމޭޒުކައިރީ ޒާރާ ކަންދެން ދާއިން މަޑުކޮއްލައިގެން އިނެވެ. ހަމައެއްގޮތަކަށްވެސް ދާއިންގެ މަންމަ މޫމިނާ ބުނާގޮތެއް ޒާރާ ނުހަދައެވެ. ކިރިޔާވެސް އޭނަ ރުއްސެނީ ދާއިން ކައިރީގައި ހުރެއެވެ. ޒާރާ ކައިނިމުމުން އޭނަ އާއިއެކު ގޮސް ކޮޓަރިއަށް ވަންނަމުން ދާއިން އޮފީހަށް ވަދެލާފައި އެބައަންނަންކަމުގައި ޒާރާގެ ގާތު ބުނެލިއެވެ. އަދި ކުޑަކުއްޖަކަށް ނަސޭހަތްދޭފަދައިން މަންމަ އާއި ދެބަސްނުވެ ބަސްއަހައިގެން އުޅުމަށް ބުންޏެވެ. ޒާރާ އެއްވެސް ކަމަކަށް ބޭނުންވެއްޖެނަމަ ފޯނުން ދާއިންއަށް ގުޅުމަށް ބުންޏެވެ. އޭރުން ވަގުތުން އަންނާނަން ކަމުގައި ބުންޏެވެ. ދާއިން ޓީޝާރޓު ބަދަލުކޮއްލައިގެން ގޮސް ލިފްޓަށް އެރިއެވެ. އަދި ޒައުލްއަށް ގުޅާލިއެވެ.
"އޭ ޒައްލޭ، އަހަރެން ފަހުން ގުޅާލާނަން......އެހަށް ބާއްވަނީ" ފޯނުން ވާހަކަ ދައްކަމުން ލިފްޓުން ނުކުމެ އޮފީސް ދޮރުގައި ހިފާލިއިރު ހުޅުވާފައި ހުރުމުން ހައިރާންވިއެވެ. އަވަސް އަވަހަށް ފޯނު ބާއްވަމުން އޮފީސްތެރެއަށް ވަނެވެ. ލިބުނު ހައިރާންކަން އިތުރުވެގެންދިޔައީ ގޮނޑީގައި މަންހާއިންތަންފެނި އޭނަ އިންގޮތުންނެވެ. ގޮނޑިއަށް ދެފައިނަގައިގެން ކަކޫމަތީ އެއްއަތްބާއްވާލައިގެން އަނެއްއަތުން ބޮލުގައި ހިފަހައްޓާލައިގެންނެވެ.
"މަންހާ.....އަދިވެސް ގެއަށް ނުދަނީތަ" ދާއިންއަށް އަހާލެވުނެވެ. އޭރު މޭޒުމަތީގައި ހުރި ކަރުދާސްތައް އޭނަ ދިޔައިރުވެސް ހުރިގޮތަށް ހުއްޓެވެ. އޭރުއްސުރެ މަންހާ އެހެންއިނީކަން ދާއިންއަށް ޔަގީންވިއެވެ. މަންހާގެ މޭޒުގެ ކައިރީ އޭނަ ޖެހިލައިގެން ހުރެ ދެވަނަ ފަހަރަށް ބުނިއެއްޗެއް ތަކުރާރުކޮއްލިއެވެ.
"އެއްޗެއް ކައިފިންތަ، އޭރުއްސުރެ އޮފީހުގަ ތިއިނީ.....އަހަންނަށް އެނގޭ ކޮންމެވެސް ކަމެއްވެއްޖެކަން، ނުބުންނަންޏާ އެހީއެއްވެސް ވެވޭނީ ކިހިނެތް.......މަންހާ......އަހަންނަށް އެނގޭ މިއަދުގެ މީޓީންގެ ކަންތައް އަދިވެސް ތިއުޅެނީ.............މަންހާ..............." ދާއިންގެ އެއްވެސް ކަމަކަށް ބަހެއްވެސް ބުނެނުލާ މަންހާއިންގޮތަށް އިންނަން ފެށުމުން ދާއިން އޭނަގެ ކޮނޑުގައި ދެއަތުން ހިފާ ތަޅުވައިގަތެވެ. އަދި ތިރިވެލަމުން މަންހާއާއި އެއްހަމައަކަށް ދިޔައެވެ. އެވަގުތު މަންހާގެ އިސްޖެހިފައިވާ މޫނު ހިއްލާލިއެވެ. ދާއިންގެ ސުވާލުތައް ހައްތަހާވީ ގިނައެވެ. މަންހާގެ ދެލޯވަނީ ރޮއެ ރޮއެ ރަތްވެފައެވެ. ކުއްލިއަކަށް މިވީ ގޮތެއް އޮޅުން ފިލުވަން ދާއިން ބޭނުންވިއެވެ.
މަންހާއަށް ދާއިންގެ މޫނު ފެނުމާއިއެކު އިތުރަށް ހިތަށްތަދުވިއެވެ. އަދި އެމޫނަށް ބަލާލި އެންމެ ފަހުފަހަރަށް ބަލާލާ އުސޫލުންނެވެ. މިރެއަށްފަހު އޭނައަށް ދާއިން ގެއްލިދާނެއޭ ހީވަނީއެވެ. ދާއިން އާއި މަންހާގެ ހަތަރުކަޅި ބައްދަލުވި ހިނދު ދާއިންގެ ހިތުގެ ހިނގުންވެސް އަވަސްވެގެންދިޔައެވެ. މަންހާގެ ލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތުން ފައިބައިގެން ދިއުމުގެ ކުރިން ދާއިންގެ އަތުގައި ރައްކާކުރިއެވެ. މަޑުމަޑުން ދާއިން ބޯހޫރުވާލީ ނުރޯށޭ ބުނާފަދަގޮތަކަށެވެ. އޭނަގެ ދޫއެވަގުތު ހަރަކާތެއް ނުކުރިއެވެ. ދާއިން މަންހާގެ އަތްތިލާގައި ދެއަތުން ހިފާލާމުން ތެދުވިއެވެ. މަންހާވެސް މަޑުމަޑުން ދާއިން އާއިއެކު ތެދުވިއެވެ. މަންހާއަށް ކޮންމެވެސް ބޮޑުކަމެއް ޖެހިއްޖެކަން ދާއިންއަށް ޔަގީންވެއްޖެއެވެ. އޭނަގެ ހިތް މަންހާއަށް އެހީވުމަށް އެދެނީ ކީއްވެކަމެއް އޭނައަކަށް ނޭގެއެވެ. މަންހާ ކުއްލިއަކަށް ދާއިންގެ އަތުގެ ތެރެއިން އަތްދަމައިގަންނަމުން އޭނަގެ މޫނު ފޮރުވާލިއެވެ. ކުރިއަށްވުރެ ބޮޑަށް އޭނައަށް ރޮވުނީއެވެ. ދާއިންގެ ހާސްކަންވީ އިތުރެއެވެ. އަނެއްކޮޅުން މަންހާގެ ރުއިމުގެ އަޑު އޭނަގެ ކަންފަތަށްވުރެ ހިތަށް އިވޭލެއް މާބޮޑެވެ. މާއަސަރުގަދައެވެ. އެމަޑު ގިސްލުން ދާއިންގެ ހިތަށްވެސް ތަދުކުރަން ފަށައިފިއެވެ. އޭނަ މަންހާގެ ގާތަށް މަޑުމަޑުން ޖެހެމުންދިޔައެވެ. އެބާރުގަދަ އަތުގެ ތެރެއަށް މަންހާ ގެނެސް ލުމަށް ދާއިންގެ ހިތްބުނަމުންދިޔައެވެ. އެހެންނަމަވެސް އޭނަގެ ސިކުނޑި އެކަމާއި އެއްބަހެއްނުވެއެވެ. ދާއިން މަންހާގެ އަތްތިލާގައި އަތްޖައްސާލުމާއިއެކު މަންހާ އޭނަގެ މޭގައި މޫނުފޮރުވާލިއެވެ. އަދި ދާއިންގެ ޓީޝާރޓުގައި ހިފަހައްޓައިގެން ހުރެ ރޮމުން ގިސްލަމުންދިޔައެވެ. ކީއްވެކަމެއްނޭގެއެވެ. ދާއިންގެ ދެއަތް މަންހާ ވަށާލެވުނެވެ. އަދި ގަޔާއިކައިރިކޮއްލެވުނެވެ.
އެތަށް އިރެއްވަންދެން ދާއިންގެ އަތުގެތެރޭ ހުރެ މަންހާ ރުޔެވެ. ހިތްފުރޭވަރުވީކަމެއް ނޫނީ ލޮލުން ކަރުނަ ހުސްވީކަމެއްނޭގެއެވެ. މަންހާގެ ރުއިން ހުއްޓި މަޑުގިސްލުމެއްނޫނީ ނީވެއެވެ. ދާއިންގެ ދެއަތް ހުޅުވިގެންދިޔައީ މަންހާ ދުރަށް ދިއުމަށް އޭނަގެ މެޔާއި މޫނު ދުރުކޮއްލުމުންނެވެ. އޭރު ދާއިންގެ ޓީޝާރޓުގައި ތެމިފައިހުރި ތަންގަނޑެއް ހުއްޓެވެ.
"ސޮރީ....." ރޮވިފައިވާ އަޑަކުން މަންހާ ބުނެލިއެވެ.
"އެއްޗެއް ކައިފިންތަ...." ދާއިން އަހާލިއެވެ. އެއާއިއެކު މަންހާ މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލިއެވެ. ދާއިން މަންހާގެ މޭޒުމަތީގައިވި ފޯނުގެ އަތްގަނޑު ނެގުމަށްފަހު ގުޅާލިއެވެ.
"ހެލޯ ކާކު، ސޯފިއާ މީ ދާއިން.......އިމީ ގާތު ބުނޭ އެކަކަށް ކެވޭނޭގޮތަށް ކާއެއްޗެއްހި ޓެރެސްގައި ތައްޔާރުކޮއްލަދޭށޭ، އަދި ބުނާތި ކޮފީ ބޮވޭނޭގޮތެއްވެސް ހަމަޖައްސައިދެއްޗޭ.......ވަރަށް އަވަސް އެނގޭ" ދާއިން ފޯނުބޭއްވިއެވެ. އަދި މަންހާއަށް އަތްދިއްކޮއްލަމުން އަންނާށޭ ބުންޏެވެ.
"ނުކެރޭނެ....." މަންހާ ޖެހިލުންވިއެވެ.
"އަހަރެންގެ މައްސަލައެއްނެތް މަންހާ މިއޮފީހުގެ ކިތަންމެ އިރެއްވަންދެން އިނަސް، އެކަމަކު ބުނަން ކައިގެން ހުންނަންޖެހޭނީ، މެންދުރު ކޭކަމެއްވެސް ނޭގޭ، މިހާރު އެއޮތްގެން ނުވައެއްޖެހީ..........." ދާއިން ކަންބޮޑުވުމާއިއެކު ބުނެލިއެވެ.
"ނުކެރޭނެ......އެހެންމީހުން ބުނާނީ ކީކޭ" މަންހާއަށް އަނެއްކާވެސް ބުނެވުނެވެ.
"އަހަރެންގެ މެހެމާނުންނަށް އެއްޗެއް ބުނާނެ މީހަކު ނުހުންނާނެ، ގަބޫލުކުރޭ" ދާއިން އޭނަގެ އަތްދިއްކޮލިގޮތަށް އަނެއްކާވެސް ބުނެލިއެވެ. މަންހާ އެއަތުގައި ހިފިއެވެ. އަދި ދާއިން އާއިއެކު އޮފީހުން ނުކުމެގެން އެގޭ ޓެރެސްއަށް ދިޔައެވެ.
"އަހަންނަށް މިއަދު އެނގިއްޖެ މަންހާ ކޮންމެވެސް ކަމަކާ ވަރަށް ދެރަވެއްޖެކަން، އަހަންނާ ހިއްސާކުރެވޭވަރުގެ ވާހަކައެއްނޫންވީމަތަ ނުބުނަން ތިއުޅެނީ...." ދާއިން ޓެރެސްއަށް ނުކުންނަމުން ބުނެލިއެވެ.
"އުހުން........." މަންހާ ކުރުކޮއްލިއެވެ. އޭނަ ދާއިންގެ ފަރާތުން ފެންނަމުންދާ ގާތްކަމާއިމެދު ހުރީ ޔަގީންނުވެފައެވެ. ދާއިން އޭނަގެ ހާލާމެދު ހަމްދަރުދީވަނީބާއޭ އޭނަގެ ހިތަށްއެރިއެވެ. އެހެންކަމުގައިވާނަމަ މަންހާ ދާއިންގެ ހަމްދަރުދީއެއް ބޭނުމެއްނޫނެވެ.
ޓެރެސްގައި ހިޔާކޮއްފައި ހުރި ބައިގައި ކުޑަމޭޒެއްގައި ކާއެއްޗެއްހި އަތުރާފައި ހުއްޓެވެ. އަދި ދާއިންގެ ކޮފީތަބަށްވެސް ހުއްޓެވެ. މަންހާ ގޮނޑީގައި އިށީނުމުން ދާއިން އޭނަގެ ތައްޓަށް ކާއެއްޗެހި އަޅައިދެން އުޅުނެވެ. މަންހާ ވަގުތުން ދާއިންގެ އަތުގައި ހިފެހެއްޓިއެވެ.
"އަޅުގަނޑު އަމިއްލައަށް....." ބުނަންއުޅުނު އެއްޗެއް ފުރިހަމަ ނުކުރިކަމުގައިވިޔަސް ދާއިންއަށް މަންހާ ބުނަން އުޅުނުއެއްޗެއް އެނގުނެވެ. އޭނަ މަންހާ ހިތްހަމަޖެހޭ ގޮތަކަށް ކަންތައްތައް ކުރުމަށް ދޫކޮއްލިއެވެ. ދާއިންގެ ކޮފީތަށިވެސް ތައްޔާރުކޮއްދިނީ މަންހާއެވެ. މަންހާ ކޭލެއް މަދުކަމުން ދާއިން އެކަމާ ފާޑުކިޔެވެ. އަދި ކައިނިމިގެން ޓެރެސްގައިވާ ބެލްކަނިކައިރީ ދާއިން އާއި މަންހާ މަޑުކޮއްލައިގެން ތިއްބެވެ.
"މަންހާގެ ފެމެލީ މީހުން މަންހާ ނައިސްގެން ލަސްވެގެން ނޫޅޭތަ، ކީއްވަތަ ގެއަށް ދާން ބޭނުންނުވެގެން ތިއުޅެނީ......އަނެއްކާ މިހެން އެހީމަ ހީނުކުރާތި އަހަންނަށް މަންހާ އާއިހެދި އުނދަގޫވިއްޔޭ.......އެހެނެއްނޫން، އަހަރެންގެ އަމިއްލަ ސިކުނޑިއަށްވެސް ވަރަށް އުނދަގޫކުރެވޭ އެބަ، މަންހާއަށް ވެގެން އުޅޭގޮތެއް ނޭގިގެން....." ދާއިން ކޮފީ ޖޯޑުން އެތިފޮތެއް ބޯލަމުން ބުނެލިއެވެ.
"އަޅުގަނޑު އަދާކުރަނީ ކޮންވަޒީފާއެއްކަމެއް މިހާތަނަށް އައިއިރުވެސް އެކަކު ކައިރީވެސް ނުބުނަން، ވަރަށް ގާތް ތިން ރަޙުމަތްތެރިން ތިބޭނެ، އެމީހުންނަށް އެކަނި އެނގޭނީ، އަޅުގަނޑު އާއިލާއަކަށް ނޭގޭނެ އަޅުގަނޑު އުޅެނީ ފީއޭ އެއްގެ މަގާމުގަކަމެއް، އެހެނީ އަޅުގަނޑު މިވަޒީފާއަށް އައީ ޑިރެކްޓަރ ފެންވަރުގެ އޮފާރއެއް ދޫކޮއްލުމަށްފަހު......މިއަދު މީޓިންގަ އިނދެފަ އެދިޔައީ އަޅުގަނޑުގެ އެއްބަނޑުއެއްބަފާ ބޭބެ.....އަޅުގަނޑު މަންމަމެން ގާތު ބުނަންށޭ ހުރީ.....އެކަމަކު......މިހެންވެދާނެއެކޭ ހިއެއްނުކުރަން......ތިއްތޭ އަޅުގަނޑުދެކެ ހުރީ ވަރަށް ރުޅިއައިސްފަކަން އެނގޭ، ގެއަށްގޮސް މަންމަމެން ގާތު ބުނާނެކަން އެނގޭ.....އަޅުގަނޑު ދުވަހަކުވެސް ދޮގެއްނުހަދަން.....ޙާއްޞަކޮށް އާއިލާގެ މެމްބަރުންނަށް.....އެހެންވެ ގެއަށް ދާން ނުކެރިގެން މިއުޅެނީ، ބައްޕަ ބުނުއްވާނީ ކީކޭ ކަމެއްވެސް ނޭގޭ.....އަޅުގަނޑަށް ކުރާ އިތުބާރު ގެއްލުނީ" މަންހާއަށް އަނެއްކާވެސް ރޮވޭގޮތްވިއެވެ.
"މި ވަޒީފާ މަންހާ ދޮގުހަދާވަރަށް މުހިއްމުވީ ކީއްވެތަ؟ ތިހެން ބުނީމަ މިހަނދާންވީ.....މަންހާގެ ބޭބެ ދޯ އަހަންނާ އޭރުއެ ވާހަކަދެއްކީ، މަންހާއަކީ ކާކުތޯވެސް ސުވާލުކުރި......ހިތަކަށް ނާރާ މަންހާގެ ބޭބެއެކޭ އެހުރިހާ ސުވާލެއް އެކުރަނީ......އެކަމަކު ބުނަން، ތީ އަދި ރަނގަޅު ގޮތެއްނޫން، މަންމަމެން ދަރިންދެކެ ވަރަށް ލޯބިވާނެ، އެދަރިން ވީތަނެއް ނޭގޭހާ ހިނދަކު ލޮލުފިޔަވެސް ޖަހާނުލާނެ، އާއިލާމީހުންނަށް ތެދަށް ކިޔާދީ ވީގޮތް، ދޭ ވިލް އަންޑަރސްޓޭންޔޫ" ދާއިން ނަސޭޙަތްތެރިވިއެވެ.
"ނޫން......އެއްބަހެއްނުވާނެ...." މަންހާ ކުޑަކުއްޖަކުފަދައިން ބުނެލިއެވެ.
"ތީ މަންހާއަށް ހީވާގޮތް، ޓްރައިނުކޮށް ނިންމުމެއްނިންމާކަށް ނުވާނެ...ހިނގާ އަހަރެން މަންހާ ގެއަށް ލާދޭނަން.....އޭރުން މިކަން ހައްލުވެސް ވާނީ....މަންމަމެން ދެކޭގޮތްވެސް އެނގުނީމަތާ....އަހަރެން ބުނީތީވެސް މަންހާ ގަބޫލުކޮއްބަލަ، އެމީހުން މަންހާދެކެ ރުޅިއެއް ނާންނާނެއޭ...." ދާއިން ބުނިބަސް ގަބޫލު ކޮށް މަންހާ ގެއަށް ދާން އެއްބަސްވިއެވެ.
"އައި އެމް ޓްރައިންގ ފޯ ޔޫ...." މަންހާ ބުނެލިއެވެ. ދާއިން ހިނިތުންވެލަމުން ބޯޖަހާލިއެވެ.
"އަދި އެއްވާހަކަ އަހާލަންތަ؟ މަންހާ އަދިވެސް އަހަންނަށް އެސުވާލުގެ ޖަވާބެއް ނުދޭ....ތިހުރިހާ ކަމެއް މަންހާ ތިކުރީ މިޖޮބު ބޭނުންވެގެންތަ؟ ކީއްވެ؟ މިޖޮބުގެ ޙާއްޞަކަމަކީ ކޮބާތަ؟" ދާއިން ކޮފީ ތަށި ބެލްކަނިމަތީ ބައިންދާލަމުން ސުވާލުކުރިއެވެ. އޭނަ އެސުވާލުގެ ޖަވާބު މަންހާގެ ފަރާތުން އެނގެން ވަރަށް ބޭނުމެވެ. މަންހާ ދާއިންއަށް ބަލާލިއެވެ. ދާއިންވެސް މަންހާއަށް ބަލަހައްޓައިގެން ހުރީ އޭނަ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އެހެންނަމަވެސް މަންހާ އަނގައަކުންނުބުންޏެވެ. އޭނަ މަޑުމަޑުން އައިސް ދާއިންގެ ގައިގާ ބައްދާލިއެވެ. ދެހަށިގަނޑުގެ މެދުގައި ހުސްކަމެއްނުވާހާ ގާތްކަމާއިއެކުއެވެ. އަދި ގިނައިރެއްނުވެ ދާއިންއާއި ދުރަށްޖެހިލަމުން ޓެރެސްއިން ފައިބަން ހިނގައިގަތެވެ. އެވަގުތު ދާއިންއަށް ކުއްލިއަކަށް މަންހާގެ އަތުގައި ހިފާލެވުނެވެ. އޭނަގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. މިވީ ކިހިނެތްހެއްޔޭ ބުނާކަހަލައެވެ. މަންހާއަށް ހުއްޓުން އެރުމާޢިއެކު ދާއިންއަށް ބަލާލިއެވެ. މަންހާގެ ދެލޯ ދޮގެއްނަހަދައެވެ. މަންހާ އަނގައިން ނުބުނިކަމުގައިވިޔަސް އޭނަ މިރޭ ދާއިންގެ ގާތު ވަރަށް ގިނަ ވާހަކަދައްކައިފިކަން ދާއިންއަށް އެނގިއްޖެއެވެ. އެދެމެދުގައި ބަދަލުކޮއްލެވުނު ބަލާލުމާއިއެކު ދާއިން މަޑުމަޑުން މަންހާގެ އަތުގައި ހިފަހައްޓައިގެން ހުރި އަތްތިލަ ހުޅުވާލިއެވެ. މަންހާ އަމިއްލައަށް އަތްދުރަށްލުމަށް ދޫކޮއްލީއެވެ. ދާއިންއަށް ކުއްލިއަކަށް ހަނދާންވީ މަންހާއާއި ކުރެވުނު އިންޓަރވިއުއެވެ. އެދުވަހު އޭނަ ބުނީ ތެދުކަމުގައި އޭނަ އެއްގޮތަކަށްވެސް ހިއެއްނުކުރެއެވެ. މަންހާ ދޮގެއްނުހަދައެވެ. މަންހާ ދިޔަދިމާލަށް ބަލަހައްޓައިގެން ދާއިންއަށް ހުރެވުނީއެވެ.
(ނުނިމޭ)