މިއޮއް ފެށެނީ ރޯދަ މަހެވެ. ބާޒަރުމަތި ވެސް މަޑުމަޑުން މިއޮއް އަންނަނީ ދޮންވަމުން ތިޔާގި ވަމުންނެވެ. ޕިކަޕު ޕިކަޕުގައި ކަރާ ލޯޑްކޮށްގެން މިހާރު ވެސް ބާޒަރަށް ބާލަން ފަށައިފި އެވެ. އަނބު ތިޔާގިވެ ބާޒާރު ދިގު މޭޒުތައް މަތީ ބައިބަހާފައި އަނބު ބައިތައް އަތުރަން ފަށައިފި އެވެ. ބާޒަރުމަތި ބަދަލުވަނީ އެވެ.
މޭވާ އާއި ތަރުކާރީން ބާޒަރު ފުރާލަނީ އެވެ. މިފަހަރު ތަފާތު އެއްޗެއް އާ އެއްޗެއް ރޯދަ ވީއްލާ ގަޑިއަށް ހެދޭތޯ ބަލަންވާނެ އެވެ.
އަނބު މޫސުން އައިސް ބާޒަރު ދޮންކޮށްލާއިރު ވެސް އަނބަކީ އަގު ތިރިވާ އެއްޗަކަށް ނުވެ އެވެ. އައްޑުއާއި ފުވައްމުލަކުގެ އަނބު ވަކިން މީރޭ ކިޔައި ވެސް އުޅެ އެވެ. ދެކުނުގެ މި ދެވައްތަރުގެ އަނބުގައި ތަފާތު ރަހެއް ހުންނަނީ އެވެ. ދޮންއަނބު ހުހާ ކާލުމުގެ އިތުރުން ފަނި ގިރާލުމަށް ވެސް ވަރަށް ކަމުދެ އެވެ. ދިވެހި އަނބު ކަމުދަނީ އިންޑިއާ ހިސާބުން ރާއްޖެއަށް ގެންނަ އަނބުގައި ހުންނަ އާވި ރަހަގަނޑު އެއްވެސް ގޮތަކަށް ނުހުންނާތީ އެވެ.
މިފަހަރުގެ ރޯދަ މަހު އާއިލާއަށާއި ރައްޓެހިންނަށް ކަމުދޭތޯ ބަލަން ދޮން އަނބުގެ ރިހަ ކައްކަން ހިނގާބަލާށެވެ.
އަނބު ފަނީގެ އިތުރުން ދޮން އަނބުގެ ރިހަ މި ދުވަސްކޮޅު ވަރަށް ހިނގަ އެވެ. އަނބު މޫސުން އައިސްގެން އުޅޭ މި ދުވަސްވަރާ ދިމާކޮށް މާލޭގެ ބައެއް ކެފޭތަކުން ވެސް ވަނީ އަނބުރިހަ ތައްޔާރުކޮށް މި ދުވަސްކޮޅު އެމީހުންގެ މެނޫގައި ހިމަނަން ފަށާފަ އެވެ. މި ރިހައަށް ޒުވާނުންގެ މެދުގައި ވެސް ތަރުހީބު އެބައޮތެވެ.
މަހާއި ހަވާދު އަޅައިގެން މި ރިހަކެއްކި ކަމުގައިވިއަސް އާންމުކޮށް މި ކައި ކުޅި ރިހަތަކާއި އަނބުރިހަ ތަފާތުވަނީ ދޮން އަނބުން ރިހަގަނޑުގެ ތެރެއަށް ފޮނި ރަހައެއް ލައްވައިދީފައި ވާތީ އެވެ.
މިހާރު މި ދޮން އަނބު ރިހައަކީ ވަރަށް ހިނގާ އަދި އާއްމުކޮށް ބަތާއެކު ކާ ރިހައަކަށް ވަނީ ވެފައެވެ. އެކަމަކު ކެއްކުމުގައި ދޮން އަނބު ރިހަ ބޭނުން ކުރުމުން މިއީ ހުރިހާ އެއްމެން ގަޔަވާ ކަހަލަ ރަހައަކަށް ނުވެދާނެއެވެ.
ނަމަވެސް މުގުރިހަ ކަހަލަ ރިހަތަކަށް ހުތް އަނބުލައިގެން ކެއްކުމުން މީރުވާ ގޮތަށް ދޮން އަނބުގެ ރިހަ ވެސް ހަމަ ވަރަށް މީރެވެ.
ބާޒަރުގައި ދޮންއަނބު ތިޔާގި ވެފައިވާ މި ދަނޑިވަޅުގައި ދޮންއަނބު ރެސިޕީއެއް ހޯދާނަމަ ފުޑްބޮލަގާ ލޮނުމެދު.ކޮމް އިން އެކުލަވާލާފައިވާ ދޮންއަނބު ރިހަ ތައްޔާރު ކުރާނެގޮތް ކިޔައިދޭ މި ރެސިޕީ ޓެސްޓް ކޮށްލާށެވެ.