ހަބަރު

ކުރީގެ ނައިބުންނަށް މަހަކު 35،000ރ. ދޭން ފާސްކޮށްފި

Apr 17, 2019
8

އިނާޔަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސުންނަށް މަހަކު 35،000 ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މމިގޮތަށް ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރެއިން 32 މެންބަރުންގެ ވޯޓާއެކު އެވެ. އެކަމާ ދެކޮޅަށް 12 މެންބަރަކު ވޯޓު ދެއްވި އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި، އެ ބިލް ދިރާސާ ކޮށްފައިވަނީ ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއަކުންނެވެ. ކޮމެޓީއިން ނިންމާފައިވަނީ އިނާއަތުގެ ގޮތުގައި 35،000ރ. ދޭށެވެ.

ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ގޮތުން އެފަދަ ފަރާތްތަކަށް ދޭނެ އިނާޔަތުގެ ގޮތުގައި އެ ބިލުގައި ބުނެފައި ވަނީ، ދައުލަތުގެ އިއްޒަތްތެރިންގެ ލަގަބު އަދި އެ ފަދަ ބޭފުޅަކާ މުހާތަބު ކުރާއިރު، "ނައިބު ރައީސް" ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ދެން އެ ބިލްގައި ހިމެނެނީ، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.

މިހާރު ކުރީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވީ މުހައްމަދު ވަހީދުއްދީން އާއި ޑރ. މުހައްމަދު ޖަމީލާއި އަބްދުﷲ ޖިހާދާއި އަދި އަހުމަދު އަދީބެވެ. ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސް ޑރ. ވަހީދު ވަނީ ފަހުން ރައީސްކަން ކުރައްވާފަ އެވެ.