ދުނިޔެ

ލަންކާގެ ފުރަތަަމަ ސެޓެލައިޓް މާދަމާ ލޯންޗު ކުރަނީ

ސްރީލަންކާއިން އެ ގައުމުގެ ފުރަތަމަ ސެޓެލައިޓް މާދަމާ ލޯންޗު ކުރާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފި އެވެ.

"ރާވަނާ 1" ގެ ނަން ދީފައިވާ މި ސެޓެލައިޓް އުފައްދާފައިވަނީ ޔުނިވާސިޓީ އޮފް ޕެރަދެނިޔާ އަދި މަޝްހޫރު ސައިންސް ވެރިޔާ އާތާ ސީ ކްލާކް އިންސްޓިޓިއުޓް އޮފް މޮޑަން ޓެކްނޮލޮޖީގެ ދަރިވަރުން އަދި ސްރީލަންކާގެ ދެ އިންޖިނިއަރުން ކަމަށްވާ ތަރިންޑު ދަޔަރަތުނޭ އަދި ދުލާނީ ޗަމީކާ، ޖަޕާނުގެ ކިޔޫޝޫ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގައެވެ.

ސެޓެލައިޓުގެ ބޮޑު މިނުގައި 1000 ކިއުބިކް ސެންޓިމީޓަރު ހުންނައިރު ބަރުދަނަކީ 1.1 ކިލޯ އެވެ. އަދި މީގެ އުމުރަކީ ގާތްގަނޑަކަށް ދޮޅު އަހަރެވެ.

ލަންކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރާވަނާ 1 ސެޓެލައިޓް ޖައްވަށް ފޮނުވާލުމަށްޓަކައި ޖަޕާނުގެ އެއިރޯސްޕޭސް އެޖެންސީއަށް މި އަހަރުގެ 18 ފެބްރުއަރީގައި ވަނީ ފޮނުވާލެވިފަ އެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ސެޓެލައިޓް ގުޅާލުމުގައި ޔޫއެސްގެ ސްޕޭސް އުޅަނދު ސިގްނަސް 1 އެހީތެރި ވެދޭނެ އެވެ.