ވިޔަފާރި

ހެޕީީ މާކެޓުން ރަށެއްގައި ހުޅުވި ފުރަތަމަ ފިހާރަ ހިންމަފުށީގައި

Apr 17, 2019

ގިނަ ބާވަތްތަކެއް ވިއްކާ ހެޕީީ މާކެޓުން ރަށެއްގައި ހުޅުވި ފުރަތަމަ ފިހާރަ ހިންމަފުށީގައި ހުޅުވައިިފި އެވެ.

ކ. ހިންމަފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފިހާރަ ހުޅުއްވައި ދެއްވީ އެ ރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ ހުސެއިން އަބްދުރަހުމާނެވެ. މި ރަސްމިއްޔާތުގައި ހެޕީމާކެޓުގެ ޖެނެރަލް މެނޭޖަރު، ކެޕްޓަން އަލީ އިހުސާން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ކުންފުނިން ބުނީ ހިންމަފުށީގައި ހުޅުވި "ހެޕީ މާކެޓު 7" ފިހާރައިން އެ ކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ މުދަލެއް މާލެއެކޭ އެއް އަގެއްގައި ލިބޭނެ ކަމަށެވެ.

ހިންމަފުއްޓަކީ ހެޕީމާކެޓުން ވިއްކާ "ލައިފް" ފެން ބަންދު ކުރާ ކާރުހާނާ ހުންނަ ރަށެވެ.

ހެޕީމާކެޓުން ބުނީ މި ފިހާރަ ހުޅުވުމުގެ މަގުސަދަކީ ހިންމަފުށީ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމުގެ އަގު ވަޒަން ކުރުން ކަމަށެވެ. މި ފިހާރަ ހުޅުވުމާއެކު އެ ކުންފުނިން ވިއްކާ މުދާ ތާޒާކަމާއެކު ފަސޭހައިން މި ފިހާރަ އިން ލިބެން ހުންނާނެ ކަމަށާ، ހާއްސަކޮށް ފިނި ކުރި މުދާ ތާޒާކަން މަތީ ލިބިގެންދާނެ ކަމަށެވެ.

ހިންމަފުށީގައި ހެޕީމާކެޓުން ހުޅުވި އާ ފިހާރައާއެކު ވަޒީފާގެ ފުރުސަތު ތަކެއް ވެސް އެ ރަށުގައި އުފެދިގެންދާނެ އެވެ.

ހެޕީމާކެޓަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓް ރާއްޖެ ގެނެސް ވިއްކާ ކުންފުންޏެކެވެ. އެ ކުންފުނިން ވިއްކާ މި ތަކެއްޗަކީ ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑު ތަކެކެވެ.