ހަބަރު

ރެޑްނޯޓިސްތައް ބާތިލް ކުރީ ސަރުކާރު ބޭނުންވާ ބަޔަކު ހައްޔަރުކުރަން ހެކިބަސްދޭން: ނިހާން

އިންޓަޕޯލުން ނެރެފައިވާ ހަތަރު ރެޑް ނޯޓިސްއެއް ބާތިލްކޮށްފައިވަނީ ސަރުކާރުން ބޭނުންވާ ބަޔަކު ހައްޔަރު ކުރުމަށް ހެކިބަސް ދިނުމަށް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ތުހުމަތު ކުރައްވައިފި އެވެ.

އިންޓަޕޯލްއިން އެމްއެމްޕީއާރުސީ މައްސަލައިގައި ރެޑް ނޯޓިސް ނެރެފައިވާ 4 މީހެއްގެ ނޯޓިސް ނަގާފައިވާކަމަށް ބުނާ ހަބަރެއްގެ ލިންކު ޝެއާކުރައްވާ ނިހާން ކުރެއްވި ޓުވީޓްގައި ބުނެފައިވަނީ ސަރުކާރު ބޭނުންވާ ގޮތަށް ބަޔަކު ހައްޔަރުކުރުމަށް ހެކިބަސް ދިނުމާއި ގުޅޭ ހަބަރެއް ކަމަށެވެ.

ނިހާން އެގޮތަށް ޓުވީޓް ކުރައްވާފައިވާއިރު، ފުލުހުން ވަނީ ރެޑް ނޯޓިސް ނެރެފައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި، މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި، އަހުމަދު އިޝްފާހު އަލީގެ އިތުރުން، އެމްއެމްޕީއާރްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސީލް އަހުމަދުގެ ރެޑް ނޯޓިސް ބާތިލް ކޮށްފައިވަނީ ދައުލަތުން އެދިގެން ކަމަށް ބުނެފަ އެވެ.

ފުލުހުން އިތިުރަށް ބުނެފައިވަނީ އެގޮތައް ނިންމާފައިވަނީ އެމީހުން ހޯދަން ރެޑްނޯޓިސް ނެރުނީ ތަހުގީގަށް ހާޒިރު ނުކުރެވިގެން ކަމަށާއި، އެހެން ނަމަވެސް މިހާރު ތަހުގީގަށް ބޭނުންވާ ބަޔާންތައް އެމީހުންގެ ފަރާތުން ލިބިފައިވާތީ ކަމަށެވެ.

ނިހާން ކުރެއްވި ޓުވީޓް

ނިހާން އެފަދަ މޭރުމަކުން ޓުވީޓް ކުރައްވާފައިވައިރު، މަޖިލިސް އިންތިހާބުގެ ދުވަސްވަރުވެސް ނިހާން ނިސްބަތްވެވަޑައިގަންނަވާ ޕާޓީއާއި، އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން އިދިކޮޅު ފަރާތްތަށް ފްރޭމް ކުރުމަށް އެފަދަ ކަންކަން ރާވަމުންދާ ކަމުގެ ތުހުމަތު ކުރައްވާފަ އެވެ. އެގޮތުން އެމްއެމްޕީއާރުސީ ފައިސާ ލިބުނު ކަމަށްބުނެ އިދިކޮޅު ބައެއް ފަރާތްތައް ހައްޔަރު ކުރަން އުޅޭކަމަށް އޭރު އަޑުފެތުރުނެވެ.