ލައިފްސްޓައިލް

ކަބަޑު ސެޓް ބަދަލު ނުކުރިޔަސް ތަރުތީބުކޮށްލާ!

ރޯދަމަސް ކައިރިވެފައިވާއިރު މިދުވަސްކޮޅު އެންމެން ބިޒީވެގެން އުޅެނީ އެއްކަމަކާ އެވެ. ގޭތެރެ އާއި ބަދިގެ ހަމައަކަށް އަޅުވާށެވެ. ކުރަންޖެހޭ އެކި އެކި މަރާމާތާއި ތަރުތީބުތައް ކުރާށެވެ. ބަދިގެއަކީ ރޯދަމަހެއް ވެއްޖިއްޔާ ހާއްސަ ގެއެވެ. ރޯދަވީއްލުމާއި ތަރާވީސް ގަޑިއާއި ހާރު ކެއްކުމުގައި ވަރަށް ބިޒީކޮށް އޮންނަ ގެއެކެވެ. ބަދިގެއަށް ގޭގެ ގިނަ މީހުންވެސް އެއްފަހަރާ ވަންނަން ޖެހޭ ވަގުތުތަށްވެސް ގިނަ ފަހަރު އާދެ އެވެ. ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ގެއަކުން ވެސް ބަދިގެއަށް ކޮންމެވެސް ބަދަލުތަކެއް ގެނެއެވެ. އާ އެއްޗެހި ހޯދަ އެވެ. އަދި ސާފުކޮށް ނަލަކޮށްލުމަކީ އާދައެކެވެ.

ރޯދަމަހަށް މަރުހަބާ ކިޔަން މިފަހަރު ބަދިގޭގެ ކަބަޑު ސެޓް އާކޮށް ނުލިޔަސް ކުރެވިދާނެ ކަމެއް އެބައޮތެވެ. އެއްޗެހި ހޯދުމަށާއި ނެގުމަށް ފަސޭހަވާނެހެން ތަރުތީބު ކޮށްލަންވީ އެވެ. ބަދިގޭގެ ކަބަޑު ސެޓުގެ ފުރިހަމަ ބޭނުން ހިފަންވީ އެވެ. ކައުންޓަރު މަތީ މާ އެއްޗިހި ގިނަވެ އެއްޗެއް ކޮށައިލާނެ ޖާގައެއް ވެސް ނުލިބި ބައެއް ފަހަރަށް އުޅެން ޖެހޭ ހާލަތްތައް ވެސް އާދެއެވެ. ނަމަވެސް ސްމާޓް ކޮށް އެއްޗެހި ބަހައްޓާނަމަ އެތައް ފަސޭހައެއް ވާނެ އެވެ. ސްމާޓްކޮށް އެއްޗެހި ރައްކާ ކުރަން މިގޮތަށް ބަދިގޭގެ ކަބަޑުގެ ތަރުތީބު ބަދަލުކޮށްލަމާ ހިނގާށެވެ.

ތެލީގެ މަތިގަނޑު ނުފެނިގެން އުޅެންޖެހޭތަ؟

އެކި ސައިޒުގެ ތެލިތަށި ގެންގުޅޭއިރު އާއްމުކޮށް މިތަކެތި ބަދިގޭ ކަބަޑަށް ލާފައި އެކަތީގެ ތެރޭގައި އަނެކަތި ބައިންދަނީ އެވެ. އަދި މަތިގަނޑުތައް ވަކިން ބަހައްޓާނަމަ ކަބަޑުގެ އެތެރެއިން ޖާގަ ގެއްލި ތަރުތީބުގެއްލޭ ފަހަރު އޮންނަނީ ގިނަވެފަ އެވެ. ހޯދާ ތެލީގެ މަތިގަނޑު ނުފެނި އެތައް ވަގުތެއް ހޭދަކުރަންޖެހެ އެވެ. ނަމަވެސް މިތަކެތި ރައްކާކުރުމަށް ފަސޭހަގޮތެއް އެބައޮތެވެ. ހޫކްތަކެއް ނުވަތަ ތުވާލި ކޮޅު އަޅުވާ ކަހަލަ އެއްޗެއް ކަބަޑުގެ ދޮރުފަތުގައި ހަރުކޮށްލާށެވެ. އޭރުން ހޯދަން ފަސޭހަވެފައިވާ ތަރުތީބުވާނެ އެވެ.

ޒިޕްލޮކް ބޭގް ފަދަ ތަކެތި ރައްކާ ކުރަން ފަސޭހަ ގޮތެއް

ފޮއިލް ބޭކިން ޕޭޕާ އަދި ޒިޕްލޮކް ބޭގަކީ އަހަރުމެންގެ ބަދިގޭގައި ވަރަށް އާއްމުއެއްޗެކެވެ. އަދި ރޯދަމަހު ވަކިން ހާއްސަކޮށް މިތަކެތި ބޭނުން ކުރާވަރު ބޮޑެވެ. މިތަކެތި ފަސޭހަކޮށް ކަބަޑުގައި ބަހައްޓަން ދާންވީ ބުކްޝޮޕަކަށެވެ. ބުކްޝޮޕްތަކުގައި މެގަޒިން ހޯލްޑާގެ ގޮތުގައި ވިއްކާ އެއްޗެއް ހޯދުމަށްފަހު ކަބަޑުގެ އެތެރޭ ދޮރުފަތުގައި ތަތްކޮށްލަންވީ އެވެ. މިގޮތަށް ހެދުމުން ވަތްގަނޑުތަކުގައި އެހެން އެއްޗިހި ބެހެއްޓުމަށް އެތައް ޖާގައެއް ހުސްވެގެން ދާނެ އެވެ. މީގެ އިތުރުން ވެސް މެގަޒިން ހޯލްޑާ ބޭނުން ކޮށްގެން ފްރީޒަރުގައި ރައްކާކުރާ ފްރޯޒަން ޕީސް، ކޯން ޕެކެޓްތައް ވެސް ރައްކާކުރުމަށް ފަސޭހަ ވެއެވެ. އަދި ކަބަޑުގައި ހުސްފުޅި ރައްކާކުރުމަށް ވެސް މެގަޒިން ހޯލްޑަރެއް ބޭނުން ކުރެވިދާނެ އެވެ.

ކައްކަން ބޭނުންކުރާ ހަވާދުތަކަށް ހާއްސަ ރެކެއް

ކައްކަން ބޭނުންކުރާ އެކި ބާވަތްތަކުގެ ހަވާދު އެއް ތަނެއްގައި ރައްކާކުރަން ހާއްސަ ސްޕައިސް ރެކެއް ބަހައްޓާށެވެ. މި ރެކުގައި އެއްވައްތަރެއްގެ ފުޅިތަކެއް ބޭނުން ކުރުމުން ބަލާބެލުމަށް ރީއްޗަށް ސްޕައިސް ރެކު ކަބަޑުގެ ދޮރުފަތުގައި ހަރުކޮށްލެވި ދާނެ އެވެ. ނުވަތަ އުދުން ކައިރީ ފާރުގައި ވެސް ހަރުކޮށްލެވިދާނެ އެވެ.

ހުރިހާ އެއްޗެއް ލޭބަލް ކުރުން

ކްރީމްޖެހި ބަނަހަށް އައިސިން ޝުގާގެ ބަދަލުގައި ލޮނު އެޅޭ ފަހަރެއް ހަމަ ޔަގީނުން ވެސް ލޭބަލްކޮށްފިއްޔާ ނާންނާއެވެ. ރޯދަމަހު ވަކިން ހާއްސަކޮށް ތަފާތު އެކި އެކި އެއްޗެހި ގަނެ އެވެ. މިތަކެތި ބިއްލޫރި ފުޅިފުޅިއަށް އަޅާ ލޭބަލް ކޮށްލުމުން ވަރަށް "ހޯމީލުކެއް" ވެސް ހުރެއެވެ. އެއްވައްތަރެއްގެ އެއްޗެހި އެއްތާކުން ފެންނަ އިރު އޮޅިގެން ވެސް އުޅޭކަށް ނުޖެހެއެވެ.

ކަބަޑުތެރޭގައި ތަށިތައް ބަހައްޓަން ހާއްސަ ހަރެއް

ކަބަޑު އެތޭރޭގައި ހުރިހާ ވައްތަރެއްގެ ތައްޓެއް ބަހައްޓާއިރު ވެސް ވަކި ހާއްސަ ރެކެއް ބޭނުންކުރެވިދާނެ އެވެ. މިގޮތަށް މި ރެކު ބޭނުން ކުރުމުން ތަށި ނަގަން ފަސޭހަވެ އެވެ. އާއްމުކޮށް ބޮޑެތި ތަށިތައް އަޑީގައި ކުދިތަށި މަތީގައި ބެހެއްޓުމުގެ ބަދަލުގައި މިގޮތަށް ތަރުތީބު ކުރުމުން ނަގަން ފަސޭހަވެ ބޮލަށް ރިސްކް ވެސް ކުޑަވާނެ އެވެ.

ވަށިގަނޑު ނުވަތަ ކޮންޓެއިނާ ބޭނުންކުރުން

ކަބަޑުގައި ބަހައްޓާ ކާ އެއްޗެހި ރަނގަޅަށް ރައްކާ ކުރުމުގެ ގޮތުން އެކި ކެޓަގަރީތަކަށް ބަހާލާށެވެ. އަދި ކޮންމެ އެއްޗަކަށް ވަކިން ވަށިގަނޑެއް ނުވަތަ ޕްލާސްޓިކް އެތެރެ ފެންނަ ކަހަލަ ކޮންޓެއިނަރެއް ހޯދާށެވެ. މިގޮތަށް ބެހެއްޓުމުން ތަރުތީބުވެފައި ވަކިކުރަން ވެސް ފަސޭހަ ވެއެވެ. ޕާސްތާ، ހަނޑޫ ފަދަ ތަކެތި ބިއްލޫރީ ފުޅިފުޅީގައި ރައްކާ ކުރެވިދާނެ އެވެ. އަދި ގޭގައި އާއްމުކޮށް ބޭނުންކޮށް އުކާލާ ބިއްލޫރި ފުޅިކަހަލަ އެއްޗެއް ރީތިކޮށްލާ ދޭފަތް ފަދަ ތަކެތިލުމަށް ވެސް ބޭނުން ކުރެވިދާނެ އެވެ.

ތެލިތައް އެލުވާލާފައި ބެހެއްޓުން

ކައްކާ ނިމިގެން ތެލިތައް ރީތޮކޮށް ދޮވެލައި ބަދިގޭގައި ސަޅިކޮށް އެލުވާލާފައި ޑިސްޕްލޭ ވެސް ކޮށްލެވިދާނެ އެވެ. މިގޮތަށް ބެހެއްޓުމުން ކައްކަން ބޭނުންވާ ތެލި ހޯދުމަށް ފަސޭހަވެ ބަދިގެއަށް ސަޅި ލުކެއްވެސް ގެނެސްދޭނެ އެވެ.

ސަމްސާ އޫ ވަކި ކުރާ ކަހަލަ އެއްޗެއް ބޭނުންކުރޭ

އެންމެ ފަހު ކަމަކަށް އުލާއި ސަމްސާ އަދި ވަޅިތަށް ވަކިކުރުމަށް ވަތްގަނޑުގައި ހާއްސަ ޑިވައިޑަރެއް ބޭނުން ކުރާށެވެ. މިގޮތަށް މިތަކެތި ބެހެއްޓުމުން ހޯދުމަށް ފަސޭހަ އިތުރުން ބަލައިލަންވެސް ރީތިވާނެ އެވެ.