މަޝްހޫރޫ ޓައިމް މަޖައްލާއިން ހޮވާ އަހަރުގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓްގައި، ލިވަޕޫލްގެ ފޯވަޑް މިސްރުގެ މުހައްމަދު ސަލާހް ހިމަނައިފި އެވެ.
ކޮންމެ އަހަރަކު ޓައިމްއިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ކުޅިވަރު ތަރިންގެ ތެރެއިން ހަ މީހަކު މިއަހަރު ވަނީ ހިމަނާފަ އެވެ.
ލިސްޓްގައި ހިމެނިގެން ދިޔަ ކުޅިވަރުގެ އެހެން ޝަހުސިއްޔަތު ތަކަކީ، އެންބީއޭ ތަރި އެމެރިކާގެ ލެބްރޯން ޖޭމްސް، އެމެރިކާގެ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އެލެކްސް މޯގަން، ދުނިޔޭގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި މިވަގުތު ހުރި، ޖަޕާންގެ ނައޯމީ އޮސާކާ، ދުނިޔޭގެ އެންމެ މޮޅު މިޑްލް ޑިސްޓެންސް ދުވުންތެރިޔާ، ދެކުނު އެފްރިކާގެ ކާސްޓޯ ސެމެންޔާ، ގޮލްފް ކުޅުންތެރިޔާ އެމެރިކާގެ ޓައިގާ ވުޑްސް އަދި ޕްރޯ ގޭމާ އެމެރިކާގެ ރިޗަޑް ޓެއިލާ ބްލެވިންސް އެވެ.
ޓައިގާ ވުޑްސް ވަނީ މިދިޔަ އާދިއްތަ ދުވަހު ގޮލްފް މާސްޓާސް ޗެމްޕިއަންކަން ހޯދާފަ އެވެ. އޭނާ އެ ކާމިޔާބު ހޯދީ އޭނާގެ ކެރިއާ ފަނޑުވަމުން ދާކަމަށް ބައެއް މީޑިއާތަކުން ސިފަ ކޮށްފައި ވަނިކޮށެވެ. އެހެންވެ އޭނާގެ އެ ކާމިޔާބު ފާހަގަ ކުރެވިފައި ވަނީ ކުޅިވަރުގެ އެންމެ ބޮޑު ކަމްބެކްގެ ގޮތުގަ އެވެ.
ޓެނިސްގެ ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ އޮސާކާ އާއި އެމެރިކާގެ އަންހެން ގައުމީ ޓީމުގެ ފޯވަޑް މޯގަން އަދި ޑަބަލް އޮލިމްޕިކްސް ޗެމްޕިއަން ސެމެންޔާ އަކީ ޓައިމްގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓްގައި އަތުރާލަފައިވާ 48 އަންހެނުންގެ ތެރެއިން ނޮމިނޭޓްވި ކުޅިވަރު ޝަހްސިއްޔަތުތަކެވެ.
ލިވަޕޫލްގައި މިދިޔަ ސީޒަންގައި ދެއްކި އާދަޔާ ހިލާފް މޮޅު ކުޅުމާއެކު ސަލާހްގެ މަގުބޫލުކަން ދުނިޔޭގެ އެކިކަން ކޮޅުތަކުގައި ވަނީ އިތުރުވެގެން ގޮސްފަ އެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ 44 ގޯލް ޖަހައިގެން ޕްރިމިއާ ލީގްގައި ބޮޑު ރެކޯޑެއް ގާއިމު ކޮށްފަ އެވެ. އަދި މި ސީޒަންގައިވެސް، ޕްރިމިއާ ލީގް ތައްޓަށް ލިވަޕޫލުން ވާދަ ކުރާއިރު އޭނާގެ ދައުރު އެ ޓީމުގައި ބޮޑެވެ.
މި ސީޒަންގައިވެސް ލަނޑު ލިސްޓްގެ ކުރީގައި އޭނާ ދަނީ ހިފަހައްޓަމުންނެވެ. މި ދިޔަ ހަފުތާގައި ޗެލްސީ ކޮޅަށް އޭނާ ވައްދާލި މޮޅު ލަނޑާއެކު ލިވަޕޫލް ވަނީ އެއް ވަނައަށް އަރާފަ އެވެ. އަދި މި ސީޒަންގައިވެސް ޗެމްޕިއަންސް ލީގް ފައިނަލަށް ދިއުމުގެ ފުރުސަތު ލިވަޕޫލުން ވަނީ ފަހި ކޮށްފަ އެވެ.