ވާހަކަ

އީޝަލް

(16 އެޕްރިލް 2019 އާ ގުޅޭ)

"ޒަގަން ކީކޭ ބުނީ" ހާސްވެފައި ރައުލް އެއްސެވެ.

"އީޝަލް! އަނގައިން ބުނެބަލަ... ކިހާ ދުވަހަކު ތިޔަ ހާސްކަމުގައި އުޅޭނަންތަ؟... އަހަރެންގެ ކެތްތެރިކަން އިމްތިހާނުނުކުރޭ، މިގޮތުގައި ދެ މީހުން ތިބެ ކައިވެނި ކުރެވުނަސް އެކަމުގައި ޞުލްޙަވެރިކަމާއި ހަޤީޤީ ހިތްހަމަޖެހުމެއް ނުވާނެ، ޒަގަންއަކީ އަހަރެންގެ ދުޝްމިނަކަށްވުރެ ވެސް ނުބައި މީހެއް، އެންމެ ބޮޑަށް އީޝަލް ރައްކާތެރިކުރަން ބޭނުންވީ އޭނާގެ ކިބައިން، އޭނާގެ ހިޔަނި ވެސް އެޅޭކަށް ނޭދެން، އެކަމަކު... އަހަރެންނަށް އެކަމެއްނުވި، މިހާރު ޔަގީން ވެސް ވެއްޖެ... އޭނާގެ ނުބައިކަމުން އަހަރެން އެންމެ ލޯބިވާ ފަރާތް ވެސް ސަލާމަތެއް ނުކުރެވުނު" ރައުލް އިސްޖަހާލީ އީޝަލް އޭނާއަށް ފުރަގަސްދިނީމައެވެ. ނަމަވެސް ހައިރާންކަން ލިބިގެންދިޔައީ އީޝަލްގެ ރުއިމުގެ އަޑު އިވުމުންނެވެ.

"އީޝަލް..." ނިކަން އަވަހަށް އީޝަލްގެ ކުރިމަތީ ރައުލް ހުއްޓިލިއެވެ. އޭރު އީޝަލްގެ އެ ތޫނުފިލި ދެ ލޯ ފުރި ބަންޑުންވަމުންދިޔައެވެ. ކޯތާފަތުގައި ކަރުނައިގެ ކޯރު ދެމެމުންދިޔައެވެ. އެ ދެ ލޮލުގައިވަނީ މީގެ ކުރީން ދުވަހަކުވެސް ރައުލް ދުށް ފަދަ އަސަރެއްނޫނެވެ. އީޝަލްގެ މޫނުގައި ދެއަތުން ހިފާލުމާއެކު ކޯތާފަތުގެ ދެ ފަރާތުގައި ރައުލް ބޮސްދިނެވެ. އަދި އޭނާގެ ދެއަތުގެ ހިމާޔަތަށް އީޝަލް ގެނެސްލިއެވެ.

"ސަމިއާނާގެ ވާހަކަ ދެއްކީ އޭނާ، އަހަރެންގެ ޟަމީރު ދެނެގަތް އޭނާގެ ބޭނުން އެހެންނަމަވެސް ހިތުގައި ފިލާ އޮތް ކަޅުކަން ފާޅުވާން ސަމިއާނާއޭ ކިޔާ އެ ދެއްކި ވާހަކަ ފުދުނު، އަހަރެންގެ އަމިއްލަ ލޯތްބާއިމެދު އަހަރެންނަށް ސުވާލު އުފެދުނީ... ރައުލް!... އަހަރެން ކަލެއަށް އިތުބާރުކުރަން، އެހެންވިޔަސް އެ ވާހަކަތަކުން އުފެދުނު ޚިޔާލުތައް އަހަރެންނަށް ދެއްކީ ހިތް ހަލާކުވާ ފަދަ މަންޒަރުތަކެއް، ރައުލް... އަހަރެންގެ ގައިގާ އޭނާ ބީހިދާނެތީ ބިރުގަނޭ، އަހަރެންގެ މި ޖިސްމު ރައުލްއަށް ދެވިފައިވާ ފަދައިން އަހަރެން ޤަބޫލުކުރަނީ ތީ ވެސް ހަމައެކަނި އަހަރެންގެ ހައްޤެއްކަމުގައި، ދުވަހަކުވެސް އެހެން މީހެއްގެ ހައްޤަށް އަހަރެން ވުމަކަށް ޚިޔާލު ވެސް ނުކުރަން، އަހަރެންގެ ހިތުގައި ނިދާފައި އޮތް ލޯތްބާއި އެ ލޯތްބާއި ގުޅިފައިވީ އިޙްސާސްތައް ހޭލައްވާލި މީހަކީތީ" ރައުލްގެ ކަރުދޮށުގައި މޫނު ފޮރުވާލައިގެން ހުރެ އީޝަލް ވާހަކަދެއްކިއެވެ.

"އަހަރެން ފަހުން ބުނަން މަޑުކުރީތީ މިހެންމިވީ... އެހާ ކުޑަކުޑަ ކަމަކުން މިހާ ބޮޑު އަސަރެއް އީޝަލްއަށް ކުރަނޭކަން އެނގޭނަމަ އެކަން ހިނގިގޮތް އޮޅުންފިލުވައިދިނީމުސް، އީޝަލް... ދެން ނުރޮއެ... އަހަރެންނާ ކުރާ ކޮންމެ ސުވާލަކަށް އަހަރެން ޖަވާބުދޭނަން، އޮޅުވާލުމެއްނުވާ ތެދު ބަހުން އަބަދުވެސް އީޝަލްއާ ވާހަކަދައްކާނަން، އަހަރެންގެ ހައްޤަކަށް ފުރިހަމަ ގޮތުގައި ނުވެގެން އުޅެނިކޮށް އަހަރެންގެ ސަބަބުން އީޝަލް ރޯންޖެހުނީމަ ވަރަށް ދެރަވެއްޖެ، ޚާއްޞަކޮށް މީކާޢިލްއަށް އީޝަލް ރުއިކަން އެނގިއްޖެނަމަ ވާނޭގޮތް ހިތަށް ވެސް ގެންނަން ނޭނގޭ، އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އަހަރެންނަށް ހިބަކޮށްދޭން ނިންމީ އެ ދަރިފުޅުގެ ހުރިހާ އުފާތަކެއް ގުޅިފައިވަނީ އަހަރެންނާކަން ވިސްނިގެން، އެކަމަކު މިހާރު މި ފެންނަނީ އެހެން މަންޒަރެއް" އީޝަލްގެ ކޯތާފަތުގައިވި ކަރުނައިގެ ތެތްކަން ރައުލްގެ ކަނާއަތުން ފުހެލަދިނެވެ. އޭނާގެ ކަރުދޮށުގައި މޫނު ފޮރުވާލައިގެން ހުރެފައި އީޝަލް ދުރަށް ޖެހިލީ ދެނެވެ. ކަރުނައިގެ ތެތްކަމުގެ ސަބަބުން އިތުރަށް އެ ރީތި ދެ ލޮލުގެ ބެބުޅުން އިތުރުވެފައިވާ ކަހަލައެވެ. މަޢުނަވީ ހިނިތުންވުމެއް ރައުލް ހަދިޔާކޮށްލަމުން ލޯބިވެތި ބީހުމަކުން އީޝަލްގެ ކޯތާފަތުގައި ފިރުމާލިއެވެ.

"ސަމިއާނާއަކީ ކާކު؟ ޒަގަންގެ ވާހަކައިގައި އެއްވެސް ވަރެއްގެ ހަޤީޤަތެއްވޭތަ؟ ރައުލް!... މިކަންތައްގަނޑު ފެށުނީއްސުރެން ނިކަން ކިޔައިދީބަލަ" އީޝަލް އެދުނެވެ. ރައުލް ބޯޖަހާލަމުން އީޝަލްގެ އަތުގައި ހިފައިގެން އައިސް ރުކެއްގެ ބުޑުގައި މަޑުކޮށްލިއެވެ. އަދި އެތަނުގައި އިށީނދެ އޭނާގެ އުނގުގައި ކަހަލަ ގޮތަކަށް އީޝަލް ބައިންދާލިއެވެ. އެއާއެކު ބޭރީތާއި ރައުލްއާ ދެމެދު ވެވުނު އެއްބަސްވުމުން ވާހަކަފެށިއެވެ. އެއަށްފަހު ސަމިއާނާ ބައްދަލުކުރަން އައިސް ހިނގައިދިޔަ ކަންތައްގަނޑު އެއްވެސް ކަމެއް އުނިކުރުމެއްނެތި އީޝަލްއަށް ރައުލް ކިޔައިދީފިއެވެ. އެއާއެކު އީޝަލްއަށް ހީވީ ރައުލްގެ އަތުން އެހިތަށް ޒަގަން ހަރާލި ކަށި އުފުރައިލީހެނެވެ. ލިބުނު ބަޔާންކުރަން ދަތި ހިތްހަމަޖެހުމާއެކު ރައުލްގެ ގައިގާ އޮޅުލައިގަނެވުނެވެ.

"އީޝަލް، އަހަރެމެންގެ ތެރޭގައި އޮޅުވައިލުމާއި ވަސްވާސް ފެތުރުމަކީ އާންމުކަމެއް، އެފަދަ ޢަމަލުތަކުން ތި ހިތް ރައްކާތެރިކުރޭ، ޤަބޫލުކުރޭ... އަހަރެންނަކީ އީޝަލްގެ ހައްޤެއް، އަހަރެން ދިރިހުރިހާ ދުވަހަކު އަހަރެން ހުންނާނީ އީޝަލްއާއެކު، އަހަރެންގެ މުސްތަޤުބަލް ވަނީ އީޝަލްއާއެކު، ތިއަށްވުރެ ލޯބިވާ އެހެން އަންހެނަކު ނުހުންނާނެ... ދެން އަދި އެއްކަންތައް... އީޝަލް ވެސް އަހަރެންނަށް ކިޔައިދޭންޖެހޭ ކަމެއް އެބައޮތް" ރައުލް ބުންޏެވެ.

"ޒަގަން... އެރޭ އަހަރެން ނިދީގައިވަނިކޮށް އައީ ޒަގަން، އޭނާއަކީ ރައުލް ނުރުހޭ މީހެއްކަން އެނގޭ، އޭނާގެ ނިޔަތް ގޯސް... ރައުލް!... އޭނާ... އޭނާ ބޭނުންވަނީ އަހަރެން، އޭނާ އަހަރެންގެ ގައިގާ ބީހެން މަސައްކަތްކުރީ، މީގެ ކުރިން ދުވަހަކުވެސް އަހަރެންނާ ޖިންނިއަކު ދިމާކޮށްފައެއްނުވޭ، އެފަދަ އެދުންވެރި ބެލުމަކުން އަހަރެންނަށް ބަލާ ވެސް ލާފައެއްނުވޭ، އެވާހަކަ ބުނަން ޖެހިލުންވީ އަހަރެމެންނަށް ތިބެވުނުތަނުން، ބައްޕަ ބުނި، ބަހުރުގެ އަޑީގައި ވުމަކީ ދުވަހަކުވެސް ސަލާމަތް ނުވެވޭނޭ ހިލަހިލާގަނޑެއް ފަދައޭ، އެހެންވެ... އެހެންވެއޭ އަހަރެމެން ކަނޑުގެ ދަރީން ކުރާ ކަންތައްތަކުގެ ތެރެއަށް ނުވަންނަނީ، އެ މީހުންނަށް ވެސް އަހަރެމެންގެ ތެރޭގައި އުޅުމަކީ ފަސޭހަކަމަކަށްނުވާނޭ، އަހަރެމެންގެ ތެރޭ ވެސް ނަސްލުތައް އެކި ބައިބަޔަށް ބެހިފައިވަނީ ސަބަބެއްނެތިއެއްނޫނޭ... ރައުލް!... އޭނާގެ އިނގިލިކުރި ވެސް އަހަރެންގެ ގައިގާ ޖެހޭކަށް ނޭދެން" އީޝަލްގެ ވާހަކަތައް ނިމުމުން ވެސް ރައުލް އިނީ ބަހެއް ނުބުނެއެވެ. އެހެންވެ އޭނާއާ ދުރަށް ޖެހިލައި އެ މޫނަށް އީޝަލް ބަލާލިއެވެ. ބަހެއްނުބުނި ނަމަވެސް ރައުލްގެ މޫނުން އޭނާއަށް ކޮއްފައިވާ އަސަރު ފާޅުވޭވޭ ހުއްޓެވެ. ވިލުނޫކުލައިގެ ދިހުން އަރާ ކަޅި ހުރީ ދިއްލިފައެވެ. ދަތްކުނޑިވިކާލައިގެން އިންކަން އޭނާގެ ކަތުރުކަށިގަނޑަށް އާރާފައި ހުރި ވާންކަން ހެކިދެއެވެ.

"ރައުލް" އީޝަލް ގޮވާލީ މަޑުމަޑުންނެވެ. ވެފައި އިން ގޮތެއް ބުނާށޭ ބުނާ ފަދަ ބެލުމަކާއެކުއެވެ. އެހިނދު އޭނާގެ ދެ ކޮނޑުގައި ހިފައި ރައުލްގެ ހަށިގަނޑާ ގާތްކޮށްލިއެވެ.

"އަހަރެންގެ ކޮންމެ އެއްޗަކަށް އޭނާ އަރައިގަތަސް އޭނާގެ ހައްޤަކަށް ހަމައެކަނި ނުވާނެ އެއްޗަކީ އީޝަލްގެ ހިތުގައިވީ ލޯބި، އެޔެއް އޭނާއަކަށް ނުހޯދޭނެ، އަހަރެންގެ ފުރާނަހުއްޓާ ތި ހަށިގަނޑު އެހެން މީހަކަށް އިނގިލިކުރި ވެސް ޖައްސާލިޔަ ނުދޭނަން، އޭނާ އެކުރީ ދުވަހަކުވެސް މަޢާފުނުދެވޭނޭވަރު ބޮޑު ކުށެއް" ރައުލްގެ އަޑުގައިވި ނަފުރަތުގެ ދިލައިގެ އަސަރު އީޝަލްއަށް އިޙްސާސް ކުރެވުނެވެ. އެ ނަފުރަތުގައި ރައުލްގެ ޠަބީޢަތް ގޯސްވެދާނޭ އީޝަލްއަށް ހީކުރެވުނެވެ. ރައުލްގެ ވިސްނުން ބަދަލުކޮށްލުމަށް އީޝަލް އުކުޅަކަށް ބޭނުންކުރީ ދެމެދުގައިވީ ގާތްކަމެވެ. ދެ ނޭވާ ގުޅިގެން ދިޔަ ހިނދު ރައުލްގެ ހަރަކާތް ވެސް ބަދަލުވެއްޖެކަން އީޝަލްއަށް އެނގުނެވެ. ނަމަވެސް އެހިނދުކޮޅުން ދެ ނަފްސު ހޭލައްވާލީ އެ ދިމާއަށް ޖިންނިއަކު ފޭބިކަން އެނގުމުންނެވެ. ދެ މީހުން ދުރަށް ޖެހިލައި ނިކަން އަވަހަށް ކޮޅަށް ތެދުވެއްޖެއެވެ. އޭރު އެ ތަނުގައި ހުރީ ޒިޔަޒެލްއާއި ޔޫޝައުއެވެ. އީޝަލްއާއި ރައުލްއާ ދެ މީހުންކުރެ އެކަކަށް ވެސް އެ މީހުންނާ ނަޒަރު ހަމަކޮށްލާކަށް ނުކެރުނެވެ.

"އެކަހެރި ބައްދަލުވުންތައް ބޭއްވުން މިރެއަށްފަހު ނިމުނީ، ރައުލް!... ޔޫޝައުއާއެކު އެނބުރި ދޭ، އަބްދުﷲ ކަލޭގެ އިންތިޒާރުގައި އެބައިން" ޒިޔަޒެލް ބުންޏެވެ. އީޝަލްއަށް ލިބުނު ހައިރާންކަމުގައި އަވަސް ނަޒަރެއް ޒިޔަޒެލްއާއި ރައުލްއާ ދެމެދު ހިންގާލެވުނެވެ. އީޝަލްއަށް ބަލާލުމަށްފަހު ރައުލް އައިސް ޔޫޝައުގެ ގާތުގައި މަޑުކޮށްލިއެވެ. އެހިނދު އެންމެންގެ ލޯ މައްޗަށް އެ ދެ މީހުން ޣައިބުވެއްޖެއެވެ.

"ހިނގާ..." ޒިޔަޒެލް އަތްދިއްކޮށްލައި ބުނެލިއެވެ. އީޝަލް އައިސް އެ އަތުގައި ހިފާލުމުން ޒިޔަޒެލް ހިނގައިގަތީއެވެ. ތުނޑިއާ ދިމާއަށް މަޑުމަޑުން އައިއިރު ތުނޑީގެ ކޮޅުގައި އެންމެން އިށީނދެ ތިބިތަން ފެނުނެވެ. ނަމަވެސް ޒިޔަޒެލްގެ މިސްރާބު ހުރީ އެ މީހުންނާ ދިމާއަކަށް ނޫނެވެ.

"އީޝަލް" ޒިޔަޒެލް ގޮވާލިއެވެ. އެއާއެކު އީޝަލް "ހޫން" ލައްވާލިއެވެ. އޭނާ މަޑުކޮށްލީ ރާޅިފަށް ފެންނަ ހިސާބުގައި މޫދަށް ކުރިމަތިލައިގެން ހުރެއެވެ. އީޝަލްގެ އަތުން ދޫކޮށްލައި އޭނާގެ ކޮނޑުގައި ހިފައި ގާތްކޮށްލައިގެން ޒިޔަޒެލް އިރުކޮޅަކު ހުރެފައި ވާހަކަދެއްކިއެވެ.

"އެރޭ ދިމާވި ފަދަކަމެއް ދެން ވެސް ދިމާވެދާނެ، އީޝަލް... ތައްޔާރުވެ ހުންނާތި، މަޢާފަށް އެދެފިނަމަ އޭނާގެ ފުރާނައިގެ މައްޗަށް ގަދަވެނުގަންނާތި، އެނގޭތަ... އެންމެ ނުބައި ދުޝްމިނުންނަކީ ތިމާގެ އެންމެ ގާތުގައިވާ މީހުން، ތިމާގެ ހަޤީޤަތް އެނގޭ މީހުން، ތިމާގެ ޢާއިލާ... އެބައެއްދެކެ ނަފުރަތު ނުކުރެވޭނީ އެހެންވެ، މަޢާފު ހައްޤު ނުވިޔަސް މަޢާފު ދެވެނީ އެހެންވެ، އެހެންވިޔަސް ކަލޭގެ ނަފްސު ރައްކާތެރިކުރަން ޖެހިއްޖެ ކޮންމެ ކަމެއް ކުރާތި، އެ އައްޑަނަ ތިރިނުކުރާތި، ރައުލްއާއެކު ކަލޭގެ ދިރިއުޅުން ފަސޭހަވުމަށް އަހަރެމެން އެންމެން ވެސް އެދެން، އެކަމަކު އަހަރެންގެ ހިތާއި އެ ވިސްނުން ސުލްޙައެއްނުވި، ބަދަލުހިފުމުގެ ގޮތުން އެކަކާ ވެސް ކުރިމަތިނުލާތި، ލިބިފައިވާ ބާރާމެދު ބޮޑާވެނުގަންނާތި... ހަތުރުވެރިޔާ ކުރިހޯދާނީ އެފަދަ ވަގުތެއްގައި، ހުރިހާ ވަގުތަކު ބުއްދީގެ ބޭނުން ހިފާތި، ބޭރީތާއި އޭނާގެ މީހުން ނުބައި ރޭވުމެއް އެބަ ރާވާ، ޖިންނީންގެ ތެރޭގައިވާ އަނދިރިކަމަށް ކަލޭގެ ނަފްސު ހޭލައިފިކަން އެނގޭ، އެހެންވެ ސަމާލުވެ ހުންނަންޖެހެނީ، އެ އަނދިރިކަމުގެ ތެރެއަށް ނަފްސު ވެއްޓުނަނުދޭން އެންމެ ފަހުނޭވާއާ ހަމައަށް ވެސް ހަނގުރާމަކުރާތި، ތީ އެކަނި ހުރި ނަފްސެކޭ ހީނުކުރާތި، އެންމެ ފަހުވަގުތާ ހަމައަށް ވެސް އަހަރެންނާއި ކަލޭގެ ބައްޕަ ހުންނޭކަން ހަނދާންކުރާތި، އަހަރެމެން ވެއްޓުނަސް އީރާދަކުރެއްވިއްޔާ ކަލޭ ވެއްޓުނަކަނުދޭނަން، އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ގެއްލުވާނުލާތި، ތިޔައީ އައިޒަންގެ ކާފަދަރިއެއް، ކަލޭގެ ގައިގާ ކޫރުމެއްހާ ހިސާބު ވެސް އަޅުވާލުމަކީ ފަސޭހަކަމެއްނޫން، ބަލްޤިސްގެ މި ކަނޑިއަކީ އައިޒަންގެ ބެލުމުގެ ދަށުން އޭނާގެ ޚާއްޞަ ކަނބުރުން ލައްވާ އެންމެ ލުއި، މޮޅު މައުދަނުން އެކުލެވާލެވިފައިވާ ހަތިޔާރެއް، ކޮންމެ ހަތިޔާރެއްގެ ބާރާއި ކުޅަދާނަކަން ގުޅިފައިވަނީ އެ ހަތިޔާރުގެ ވެރިފާރާތާ، އޭނާގެ ބުއްދިއާއި، ލިބިފައިވާ ހުނަރާއި ހަލުވިކަމުގެ މައްޗަށް" ޒިޔަޒެލްގެ ވާހަކަ ހުއްޓާލީ އޭނާގެ އަތްތިލަ އީޝަލްގެ ކޮނޑުން ދުރަށް ޖައްސާލައި އީޝަލް ކުރިއަށް ޖެހިލީމައެވެ.

"އަހަރެމެންގެ ވާހަކަތައް ޒިޔަޒެލް އަޑުއެހީތަ؟" އީޝަލް ހުރީ ޒިޔަޒެލްއާ ނަޒަރު ސީދާކޮށްލައިގެންނެވެ. އެހިނދު ފިނިނޭވާއެއް ދޫކޮށްލައި ޒިޔަޒެލް ބޯޖަހާލިއެވެ.

"ޖިންނީން ހިތަކީ ފާޑެއްގެ އެއްޗެއް، އެ ހިތް ކަމަކަށް ލެނބިއްޖެނަމަ އަމިއްލަ ނަފްސު ހިފެހެއްޓޭނީ ހިތުގައި އަލިކަމެއްވާނަ، ރައުލްގެ ފުށުން ފެންނަ އަލިކަމުގެ އަސަރު ޒަގަންގެ ފަރާތަކުން އަހަރެންނަކަށް ނުފެނުނު، އޭނާ ކަލޭ ބޭނުމޭ ބުނިނަމަ އެކަމާ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ، އެހެންވެ މިބުނަނީ ސަމާލުވެ ހުރުމަށް، ބައެއް ކަންކަމަކީ ނަފްސުގެ ސާބިތުކަން ބޭނުންވާ ކަންކަން، އެ ބާރުތަކުގެ ބޭނުން ހަމައެކަނި ކުރެވޭނީ ނަފްސު ޠާހިރު ކުރެވިގެން، އެހެންވެއްޖެނަމަ ގުޑުވާނުލޭވޭ ފަދަ ގަދަފަދަ ބާރެއް ލިބިގެންދާނެ" ޒިޔަޒެލް ބުންޏެވެ.

"ރައުލްގެ މީހުން ރައުލްއަށް ދެރައެއްދޭން ރާވަނީތަ، އެހެންވިޔަކަ ނުދޭނަން، އެމީހުންގެ އެއްވެސް ރޭވުމެއް ކާމިޔާބުވިޔަ ނުދޭނަން... އޭނާއާއި އޭނާގެ ބައިވެރީން ރައްކާތެރިކުރާނަން" އީޝަލް ބަލާލީ ޔަގީންކަމާއެކުއެވެ. ޒިޔަޒެލް ބުނެދޭން އުޅޭ އެއްޗެއް އޭނާއަށް ސާފުވެއްޖެއެވެ. އަމާން ލިބެންދެން އޭނާ ހުންނާނީ މައިދާނުގައި ސާބިތުވެއެވެ. ރައުލްއަށް އަންނަ ހަމަލާތައް ދިފާއުކުރުމުގައެވެ. ރައުލްއާ ނުލައި އީޝަލްގެ އެއްވެސް އުންމީދެއް ފުރިހަމަ ނުވާނޭކަން ޚުދު އީޝަލްއަށް އެނގޭތީއެވެ. އޭނާ ބޮޑުވީ ޒިޔަޒެލްއާއި މީކާޢިލްގެ ހިތްވަރުގަދަކަމުގެ އަޑުތައް އަހަމުންނެވެ. އެމީހުންގެ އުންމީދުތައް ގުޅިފައިވަނީ އޭނާއަށް ވާއިރު މިއަދު އީޝަލް ވެސް ހިތްވަރުކުރަން ޖެހެއެވެ. އެ މީހުންގެ ފަރާތުން ލިބިފައިވާ ތަޢުލީމުގެ ފުރިހަމަ ބޭނުން އޭނާ ހިފާނެއެވެ.

* * * * *

އަބްދުﷲގެ ވާހަކަތައް އަޑުއަހަން އިން ރައުލް ސިހުނީ އޭނާގެ ބުރަކަށީގައިވާ ލަކުނާ ގުޅުވައި ސުވާލުކުރުމުންނެވެ. އިރުކޮޅަކު އިނދެފައި ރައުލް ވާހަކަދެއްކިއެވެ. ހަނދާން ހުންނަން ފެށީއްސުރެ ބުރަކަށީގައި އެ ލަކުނު ހުންނަ ކަމުގައި އޭނާ ބުންޏެވެ. ނަފްސުގެ ހަމަޖެހުން ގެއްލި ޠަބީޢަތް ގޯސްވެއްޖެނަމަ އެ ލަކުނުގައި ރިހޭކަމެއް ރައުލް ނުބުންޏެވެ. އަދި ޠަބީޢަތަށް އަންނަ ކުއްލި ބަދަލުތަކާއެކު ލޮނުގަނޑުގެ ތެރޭގައި އޭނާ ހުރެއްޖެނަމަ ފެނުން މަތީގައި ރެދަން އުފެދޭކަން އޭނާއަށް ވެސް ފާހަގަވެފައިވެއެވެ. އެކުގައި އުޅޭ އެންމެންނަކީ ތަފާތު ބާރުތައް ލިބިފައިވާ ޖިންނީންނެވެ. ރައުލްގެ ކިބައިން ފާޅުވާ ލިސާންތައް ގުޅިފައިވަނީ އޭނާގެ ބާރާކަން އެނގޭތީ އެކަމާ މާބޮޑު ވިސްނުމެއް އޭނާ ނުގެންގުޅެއެވެ. ރައުލް ނަޒަރު ސީދާނުކޮށް ވާހަކަދެއްކުމުން އަބްދުﷲ އިތުރަށް އެ ލަކުނާ ގުޅުވާ ސުވާލެއް ނުކުރިއެވެ. އޭނާ ދެއްކި ވާހަކައިން ރައުލް ގަޔާނުވީކަން އެނގުނީއެވެ. އެހެންވިޔަސް އޭނާގެ އެ ލަކުނާ މެދު ވިސްނިއެވެ.

* * * * *

"ބޭރީތު، ޒަގަން ހުރީ ވަގުތަކަށް ބަލަބަލައި... އޭނާގެ ފަހަތުން ދާންވީތަ؟" ފިކުރުބޮޑުވެފައި ހުރި ބޭރީތުގެ ގާތުގައި ހުއްޓިލި ލާވީ ވާހަކަދެއްކީ ހަމައެކަނި ބޭރީތަށް އިވޭނޭހެނެވެ. އޭނާ ހުރީ ލޮނުގަނޑުގެ ތެރެއިން ފެންނަ ދިރިއުންތަކަށް ބަލާށެވެ.
"އޭނާއަށް ފާރަލެވޭނީ ވަރަށް ކުޅަދާނަ ޖިންނިއަކަށް، އެވަރުގެ ޖިންނިއަކު ހުރިއްޔާ ފޮނުވާ، ނޫނީ ޚުދު ކަލޭ އޭނާގެ ފަހަތުން ދޭ" ބޭރީތު ބުންޏެވެ.

"ތިކަން ހަމަޖެހިދާނެ، އަހަރެން ދިއުމުން ކަލޭގެ ނުތަނަވަސްކަންވަނީ އިތުރު، އެ މީހުން ހިނގައްޖެ... ކީއްވެ މިތަން ބަންދުނުކުރަން ތި ހުންނަނީ" ލާވީ ވާހަކަދެއްކިއެވެ. އެއާއެކު ބޭރީތު އެނބުރި ލާވީއަށް ބަލާލިއެވެ.

"މިތަނުގައިވަނީ ޖިލައްޔާގެ ހަނދާންތައް، އަހަރެންނަށް ހަނދާންނައްތާނުލެވުނު ހަމައެކަނި ކަމަކީ އެއީ... އަހަރެން އޭނާއަށް ހުރިހާ އެއްޗެއް ދިނިން، މިތިބަ ގިއްނޯސްއާއި މާވަރުގެ އައިންތައް މިތަނަށް ޖަމާވީ އެދުވަހު، އެމީހުން މިތަން ދޫކޮށް ދާން ބޭނުންނުވާ ކަހަލަ... މިތަނަށް ވަދެވުމުން އަހަރެންނަށް ވެސް ކުރެވެނީ އެފަދަ އިހްސާސެއް، މިތަނުން ނުކުންނާކަށް ހިތެއް ނޭދޭ، އެކަމަކު އަހަރެންގެ ނަފްސަށް އޭނާގެ ހަނދާންތަކުން ހިތްހަމަޖެހުމެއްނުލިބޭ، އަހަރެން އޭނާއާއެކު ބޭނުންވީ އެންމެ ދަރިއެއްނޫން، އަހަރެންގެ ހަޤީޤީ ބައިވެރިޔަކީ އެއީ ކަމުގައިވުމަށް އެދެވުނު، އަހަރެންގެ ރަސްކަމުގެ ޢިއްޒަތާއި ޝަރަފަށްވުމަށް އެދެވުނު، ހުރިހާ އަނބީންނަށްވުރެ އޭނާ މުހިންމުކަން ބުނެދިން... އެކަމަކު އޭނާ އެދުނީ ހަމައެކަނި އަހަރެން ނުކުރާނޭ ކަމަކަށް" ބޭރީތު އައިސް ފައްވާރުގައި ހުރި ބުދަށް ބަލަން ހުއްޓެވެ.

"ބޭރީތު، މާޒީގެ ތެރެއަށް ކިތަންމެ ވަރަކަށް ފީނިޔަސް އެއްވެސް ކަމެއް ބަދަލެއްނުވާނެ، މިތަން އިހު ހުރިހެން ބަންދުކުރަން އުޅޭ، ކަލޭގެ ބުއްދިއަށް މިތަނަކީ ރަނގަޅުތަނެއްނޫން، އަންހެނަކާ ހެދި ކަލެއަކީ ބަލިކަށި ވެރިއެއްކަމުގައި އެކަކަށް ވެސް ހީވާކަށް އަހަރެން ނޭދެން، އަމިއްލަ ނަފްސު ހިފަހައްޓާ ބޭރީތު... މިއަދު ކަލޭގެ ދެ ދަރީން އެވަނީ އެ ނަސްލުގެ ތެރެއިން އަންހެނަކު ޚިޔާރުކޮށްފައި، އެ ދެ މީހުންނަކީ ކަލޭގެ ދެއަތް، އެ ދެ މީހުން ކުރިމަތިލައިފިނަމަ ޔަގީނުން ވެސް ކަލޭ ޖެހޭނީ ކަލޭގެ ހަށިގަނޑާއި ދެއަތުން ކުރެ ކޮންމެވެސް އެއް އަތެއް ވަކިކޮށްލަން، ޒަގަން އޭނާގެ މަސައްކަތް ފަށައިފި" ބޭރީތުގެ ޚިޔާލުތަކުން އޭނާ ހޭލައްވާލަން ލާވީ މަސައްކަތް ކުރިއެވެ.

(ނުނިމޭ)