ހަބަރު

އާސަންދައިގެ ތެރޭ އިންތިހާއަށް ކޮރަޕްޝަން އޮތް: ރައީސް

ދައުލަތުގެ ފަރާތުން ރައްޔިތުންންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް އާސަންދަ މެދުވެރިކޮށް ދެމުންގެންދާއިރު، އާސަންދައިގެ ހިދުމަތުގެ ތެރެއަށް ކޮރަޕްޝަން އިންތިހާއަށް ވަދެފައިވާ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ އިއްޒަތްތެރިންގެ ސަބިޓް ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އާސަންދަ ހިލޭ ބޭސް ފަރުވާގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭއިރު އެއިން ހިޔާނާތްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތްދޭއިރު، އާސަންދައިގެ ތެރެއަށް ކޮރަޕްޝަން ވަދެފައިވަނީ އިންތިހާއަށް، އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ވަރަށް ގިނަ ފައިސާތަކެއް އިސްރާފުވެގެން އެބަދޭ،" ރައީސް ވިދާޅުވި އެވެ.

އޭގެ ތަފްސީލްތަކެއް ރައީސް ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް މިފަހުން އާންމުކުރި އާސަންދައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ.

ރައީސް ވިދާޅުވީ، އެކަންކަން ހުއްޓުވުމަށްޓަކައި އާންމު ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ސްރީލަންކާއާ މެލޭޝިއާ އަދި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް މެރެނާ އާސަންދަ ސްކީމް ތައާރަފް ކޮށްފައިވާކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެފަދަ ސްކީމްތަކުގެ ބޭނުން ހިފުމުގައި ޒިންމާދާރުވާންޖެހޭ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިއެރުންތަކެއް ލިބިއްޖެ ކަމަށާއި ނަމަވެސް ރައްޔިތުން ކުރާ ޝަކުވާތައް އަދިވެސް މަދު ނޫން ކަމަށެވެ. ކުރިމަތިވަމުން އަންނަ ގޮންޖެހުންތައްވެސް މަދު ނޫން ކަމަށެވެ.

"މިއަދު ރައްޔިތުން ކުރާ އެންމެ ބޮޑު އެއް ޝަކުވާ އަކީ އެކަށީގެންވާ ސިއްހީ ހިދުމަތްތައް ރަށުން ލިބެން ނެތުން، ހާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ދުވަހަކު ތިބެން ޖެހުން، ތަމްރީނާއި ތަޖުރިބާހުރި މީހުން ސިއްހީ އެއްވެސް ދާއިރާއެއްގައި ނެތުން، އެތެރެކުރެވޭ ބޭހުގެ ކޮޮލިޓީ ރަނގަޅަށް ނުބެލި، ފެންވަރުދަށް ބޭސް އެތެރެ ކުރެވުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ ކޮންމެ ޝަކުވާއަކާ ގުޅިގެން އެތައް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހުރިހާ ގޮންޖެހުންތަކެއްގެ އަސްލަކީ މަރުކަޒީ ގޮތެއްގައި ރާއްގެ ތަރައްގީ ކުރަން އުޅުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ތަރައްގީ ކުރުމުގެ ބަދަލުގައި މާލޭގައި ހުރި ހޮސްޕިޓަލް ތަރައްގީ ކުރުން ކަމަށެވެ. އޭގެ ނަތީޖާއަކަށްވީ ޑޮކްޓަރަކަށް ދައްކަންވީ ނަމަވެސް ޓެސްޓެއް ހަދަން ނަމަވެސް މާލެއަށް އަންނަން ޖެހުން މަޖުބޫރުވުން ކަމަށެވެ.

"ދެން ދިމާވަނީ އަދި މާ ގޯސް މައްސަލައެއް، އެއީ އައިޖީއެމްއެޗުން ލިބޭ ހިދުމަތްތައް އެކަށީގެންވާ ވަރަށްވުރެ ގިނަ ބަޔަކަށް ފޯރުކޮށްދޭން ޖެހުންް، އެކަމަކު ޒަމާނުއްސުރެ ރޭވިފައި މިވަނީ ރައްޔިތުން އެބުރަ އުފުލަންޖެހޭ ގޮތައް، ޖީބަށް ނުކަތާ ވަރުގެ ހަރަދުތައް އުފުލަންޖެހޭ ގޮތައް، މިއީ އަޅުގަނޑުމެން މަޝްވަރާކޮށް ހައްލު ހޯދަންޖެހޭ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ސިއްހީ މަރުކަޒުތަކުގައި އަސާސީ ހިދުމަތްތައް ލިބުމުގައި ދަތިތައް އެބަހުރި ކަމަށެވެ. ސިއްހީ މަރުކަޒަކަށް ބޭނުންވާ ޕެނެޑޯލް ނުވަތަ އައިވީ ފުޅިއެއް ލިބެނީ އެތައްތަނަކަށް ލިޔެގެން، އެތައް މަރުހަލާއެއް ހުރަސްކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މިއަދު ނިކުމެ ހުންނެވީ ރައްޔިތުން އެ ކަންބޮޑުވުންތައް ފިލުވައިދީ ފަހި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.