ވިޔަފާރި

ބީއެމްއެލްއިން އުނގޫފާރުގައި ސެލްފްސާވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ރ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކޮށް މިހާރު ބޭންކުގެ ހިދުމަތް ދެމުންދާ ބްރާންޗް އެންމެ ޒަމާނީ ބްރާންޗަކަށް ބަދަލުކޮށް ސެލްފް ސާވިސް ބޭންކިން ސެންޓަރެއް އުނގޫފާރުގައި ގާއިމްކޮށްފި އެވެ.

އެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ. ބޭންކުން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އުނގޫފާރުގައި ގާއިމްކުރެވުނުއާ ބްރާންޗް ހުޅުވާފައިވަނީ މިއަދު އެރަށުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

ބީއެމްއެލްއިން ބުނީ އުނގޫފާރު ބްރާންޗް ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ އޭޕްރިލްމަހުގެ ބައްދަލުވުން ބާއްވާފައިވަނީވެސް އާ ބްރާންޗްގައި ކަމަށެވެ.

"އުނގޫފާރުގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފްސަރވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުނގޫފާރަކީ ވިޔަފާރި އާއި އިޤްތިސާދީ ގޮތުން ބަލާއިރު މިއަތޮޅުގެ މައި ރަށަށްވުމާއެކު އިންވެސްޓްމަންޓްތަކުގެ ފައިދާ މި ރަށާ ކައިރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ލިބިގެންދާނެ." މިއަދުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 40 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 100 އޭޓީއެމް، 5300 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން ވަނީ ބުނެފަ އެވެ.