ހަބަރު

ޕާޓީއާ ދެކޮޅަށް ކެމްޕޭން ކުރި މެންބަރުންނަށް ފިޔަވަޅު އަޅަންޖެހޭ: ހަސަން

Apr 18, 2019
2

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނާއި ދެކޮޅަށް ކެމްޕެއިން ކުރި އެ ޕާޓީގެ އިސް ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާއަށް އިންތިހާބުވެ ވަޑައިގެންފައިވާ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ކެނޑިޑޭޓުން ނެރެފައިވަނީ ޕްރައިމަރީއަކަށްފަހު އެވެ. އެންމެ ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވަނީ ކުރިމަތިލާފަ އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީ ކެނޑިޑޭޓުންނާއި ދެކޮޅަށް ކެމްޕެއިން ކުރެއްވި އެ ޕާޓީގެ އިސް ފަރާތްތަކަށް އަޅާނެ ފިޔަވަޅެއް ނެއްތޯ އެ ޕާޓީގެ އާންމު މެންބަރަކު ވަނީ ހަސަން ލަތީފަށް ޓްވީޓަކުން ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ހަސަން ވިދާޅުވީ، ޕާޓީގެ އިސް މަގާމެއްގައި ހުންނަވައި ޕާޓީގެ ކެނޑިޑޭޓް ނޫން އެހެން ކެނޑިޑޭޓަކަށް ކެމްޕޭން ކޮށްދިނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި އެބޭފުޅުންނާމެދު ޕާޓީން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

މެންބަރުންގެ މައްސަލަތައް ބެލުމަށް އެމްޑީޕީގައި ހާއްސަ ކޮމިޓީއެއް އޮވެ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ބޭފުޅަކަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ޕްރައިމަރީއާމެދު ހިތްހަމަ ނުޖެހިގެން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އަމިއްލަ ގޮތުން ވާދަ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ކާށިދޫ ދާއިރާ ކާމިޔާބު ކުރެއްވި އަބުދުﷲ ޖާބިރާއި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބުދުލް ކަރީމް (ރުކުމާ) ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ދެ ބޭފުޅުން އަމިއްލަ ގޮތުން ކުރިމަތިލެއްވީ، ޕްރައިމަރީގައި ބަލިވި ނަމަވެސް މަޖިލިސް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމެވުމާއި ގުޅިގެންނެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގައި ތާރީހުގައި ލިޔެލާފަ އެވެ. އެމްޑީޕީ އިން ވަނީ 65 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.