މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯ އަށް ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ބުނެފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ނެރެފައިވާ ކުންފުނިތަކުގެ މާލީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި އެސްޓީއޯއަށް 2.5 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ. މި އަދަދަކީ ކުރީ އަހަރު ލިބުނު ދެ ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު 26 ޕަސެންޓުގެ އިތުރު ވުމެކެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށެވެ. އެ ކުންފުންޏަށް 1.3 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އެ ކުންފުންޏަށް 2017 ވަނަ އަހަރު ލިބުނު 1.1 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 19.2 ޕަސެންޓް އިތުރު ވުމެކެވެ. ދެން ހިމެމެނެނީ ބީއެމްއެލް އާއި ދިރާގު އަދި އައިލެންޑް އޭވިއޭޝަނާއި އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީ އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނެފައިވާ ގޮތުގައި ސަރުކާރުގެ 21 ކުންފުނިން މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި 7.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދި އެވެ. މިއީ ކުރީ އަހަރުގެ މި ކްއާޓަރުގައި ކުންފުނިތަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 6.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 15 ޕަސެންޓް އިތުރުވުމެކެވެ.