ހަބަރު

އަފްރާޝީމްގެ މަރާ ގުޅިގެން އިތުރަށް ދޭނެ މައުލޫމާތެއް ނެތް: ރިޔާޒު

ޑރ. އަފްްރާޝިމް އަލީގެ މަރާ ގުޅިގެން މަރުތައް ބަލާ ކޮމިޝަނަށް ދޭންޖެހޭ އިތުރު މައުލޫމާތެއް ނެތް ކަމަށާއި އޭނާގެ އަތުގައި ހުރި މައުލޫމާތުތައް ފުލުހުން ކޮމިޝަނާ ހިއްސާ ކޮށްފަައިވާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ، އަފްރާޝިމް އަލީގެ މަރުގެ މައްސަލައިގައި ލިބިފައި ހުރި ހުރިހާ މައުލޫމާތުތަކެއް ހުންނާނީ ފުލުހުންގެ އިދާރާގައި ކަމަށާއި އޭނާއަށް ލިބިފައު ހުރި މައުލޫމާތަކީ ފުލުހުންގެ ކޮމިޝަނާ އަކަށް ހުރެގެން ލިބުނު މައުލޫމާތުތަށް ކަމަށެވެ. އަދި، ފުލުސް އިދާރާގައި ހުރި އެ މައުލޫމާތުތައް މިހާރު ވާނީ ރައީސް އުފެއްދެވި މަރުތައް ބަލާ ކޮމިޝަނުން ހޯދާފައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ދަންނަވަމުން ދަނީ އަޅުގަނޑަށް ލިބިފައި ހުރި ހުރިިހާ މައުލޫމާތުތަކެއް ހުންނާނޭ ފުލުހުންގެ އިދާރާގައި. އެއީ ފުލުހުންގެ ކޮމިޝަނާ އަކަށް ހުރެގެން އަޅުގަނޑަށް އެ މައްސަލައިގަ ލިބިފައި ހުރި މައުލޫމާތުތައް. އެހެންވީމާ އެ މައުލޫމާތުތައް، މިހާރު ވާނީ ރައީސް އުފެއްދެވި ކޮމިޝަނުން ހުރިހާ މައުލޫމާތެއް ހޯއްދަަވާފަ"

އިތުރަށް ވިދާޅުވީ، ކޮމިޝަަނުން އެ މައްސަލަ އާ ގުޅޭ ގޮތުން ހުރިހާ މައުލޫމާތުތައް ނަންގަވާފައިވާތީ އިތުރަށް ދޭން ޖެހޭ މައުލޫމާތެއް އޮތިއްޔާ އެކަން އަންގާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެ ކޮމިޝަަނަށް މިހާރު ލިބިފައި ހުރި އެންމެ ފަހުގެ މައުލޫމާތުުތައް އެއްކޮށް އަންނަ ޖުލައިގައި ރިޕޯޓެއް ނެރުއްވާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެއީ އަދިވެސް ތަހުގީގު ހިނގަމުން ދާ ކަމެއް. އަޅުގަނޑު އަދިވެސް ބުނަމުން މިދަނީ އަޅުގަނޑަކަށް އެއާބެހޭ ގޮތަކުންނެއް ނުވަތަ އެ މަރާ ބެހޭ ގޮތުން މީޑީއާގައި ނުވަތަ ސޯޝަލް މީޑިއާގައި ވާހަކަ އެއް ނުދެއްކޭނެ. މިއީ ތަހުގީގު ހިނގަމުންދާ މައްސަލައެއްވެސްމެ. އަދި ޝަރިއަތް ވެސް ހިނގަމުންދާ އެބަ ދޭ. އެހެންވީމާ، މަގާމެއްގައި ހުރެގެން އަޅުގަނޑަށް ލިބޭ މައުލޫމާތެއް ޕަބްލިކް ކޮށެއް ނުދެވޭނެ" އަފްރާޝިމްގެ މަރުގެ މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރަން ފެށި އިރު ކޮމިޝަނާ އެއްގެ ގޮތުގައި ހުންނެވި ރިޔާޒު ވިދާޅުވި އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނާ އަދި ކިނބިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުﷲ ރިޔާޒު ވިދާޅުވީ، އެ މަގާމުގައި ހުންންވައިގެން ސާފު ކުރަންޖެހޭ އެއްވެސް ކަމެއް އޮވެއްޖެ ކަމުގައި ވާނަމަ ފުލުހުން ވިދާޅުވުމުން މިއަދުވެސް މާދަަމާވެސް ވަޑައިގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް، އަމިއްލަފުޅަށް އިސްނަންގަވައިގެން ދާން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

ރައީސް އިިބްރާހިމް މުހައްމަދު ސޯލިހް މި އަހަރު ވަނީ މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ވަނީ ކޮމިޝަނެއް އުފައްދަވާފަ އެވެ. އެކި މައްސަލަތަކާ ގުޅޭ ގޮތުން މި ކޮމިޝަނަށް މައުލޫމާތު ހިއްސާ ކުރަން ބޭނުންވާ މީހުން އަަމިއްލަ އަށްވެސް މައުލޫމާތުު ހިއްސާ ކުރެވެ އެވެ.

ޑރ. އަފްރާޝީމް އަލީ ރަހުމްކުޑަ ގޮތަކަށް އަވަހާރަކޮށްލެއްވިއިރު ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ރިޔާޒު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މަރާ ގުޅޭ މައުލޫމާތުތައް ވަގުތުން ޖެހުމުން ހާމަ ކުރައްވާނެ އެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ. އަހަރެއްހާ ދުވަހަށް އެ މައްސަލަ ތަހުގީގު ކުރީ ވެސް ރިޔާޒުގެ ކޮމިޝަނާ ކަމުގެ ތެރޭގަ އެވެ.