ހަބަރު

ޕީޕީއެމަށް ނާކާމިޔާބުވީ އެޖެންޑާއެއް ނެތުމުން: ނިހާން

Apr 20, 2019
2

މަޖިލިސް އިންތިހާބުގައި ޕީޕީއެމަށް ނާކާމިޔާބުވީ އެޖެންޑާއެއްނެތި، ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތައް ދައްކައިނުދެވުމުން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ، ޕީޕީއެމުން އިސްނަގައިގެން މަސައްކަތް ކުރާނެ ވަކި ބަޔަކު ނެތުމުން ކަމަށެވެ. އަދި އާލީޑާޝިޕަކާއެކު ޕާޓީ ކުރިއަރައިގެން ދިއުމުގެ މަގު އަދިވެސް އެބަ އޮތް ކަމަށެވެ.

"ފިކުރަކާ އެކުގައި ރައްޔިތުންނަށް ވިއްކައިދޭން މަސައްކަތް ކުރަން ވާނެ، ފަހުގެ ތާރީހެއްގައި ޕީޕީއެމްއަށް ލިބުނު ގެއްލުންތަކަކީ މި އެޖެންޑާ ރައްޔިތުންނާ ހަމައަށް ގެންގޮސްދޭނެ، ޕީޕީއެމުން ކޮށްދޭނެ ރަނގަޅު ކަންތައްތައް ދައްކައިދޭން އަޅުގަނޑުމެންނަށް އެ މަސަައްކަތް ނުކުރެވުމުން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ޕީޕީއެމަށް ނާކާމިޔާބުވީ އެޕާޓީ އިން ވާންޖެހޭ ތައްޔާރީތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވުމުން ކަމަށެވެ. އަދި ޕީޕީއެމުން ވެރިކަން ކުރިއިރު ސަރުކާރަށް ނިސްބަތްކޮށް ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުތައް އެޕާޓީގެ މަޖިލީހުގައި ވާދަކުރި މެންބަރުންގެ ބޮލުގައި އެޅުވުމަކީވެސް އެޕާޓީނއަށް ނާކަމިޔާބުވީ މައިގަނޑު އެއް ސަބަބު ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

"ޕީޕީއެމްގެ އެންމެ ބޮޑު އެއް މައްސަލައަކީ ބަލި ގަބޫލު ނުކުރުމާއި ބަލިވުމުން ތެދުވެ ދުއްވައިގަންނަން އުސޫލުތަކެއް ކަނޑައަޅަން ނޭންގި ހިމޭންވެފަ މަޑުޖެހިފައި ތިބުން، އަދި އަދި އެ ޖަޒުބާތުތައް ވައިބާ ގްރޫޕްތަކުގައި އެކަނި ބޭނުންކުރުން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ޕީޕީއެމަށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކާމިޔާބު ކަމާއެކު އަނބުރާ އައުމުގެ ފުރުސަތު ތަނަވަސްވެފައި އެބަ އޮތް ކަމަށާއި އެކަމަށްޓަކައި އެޕާޓީގެ އާންމު މެންބަރުން ހިޔާލުފާޅު ކުރުމަށްޓަކައި ސޯޝަލް މީޑިއާގެ ބޭނުން ވަރަށް ފުރިހަމައަށް ހިފަންޖެހޭ ކަމަށެވެ.

"ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ދުވަހަކު ބޭނުންނުވޭ މިއަދު މި ބޭނުންވާ ވަރަކަށް، ޕީޕީއެމް މިއަދު މިކަން ހަނދާން ނައްތާލައި ގެޔަށް ވަދެއްޖެނަމަ ރާއްޖެއަށް، ރައްޔިތުންނަށް ނުލިބޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ގޮތްތަކެއް ހަމަ އެމްޑީޕީގެ ފަރާތުން ކުރިމަތިކުރުވާނެ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމްއަށް ގިނަ ގޮނޑިތައް ގެއްލުނީ ކީއްވެގެންކަން މަޖިލިސް އިންތިހާބުގެ ނަތީޖާއިން ސާފުވެގެންދާ ކަމަށާއި ޕީޕީއެމްއާ ޖޭޕީއާ ކޯލިޝަން ވެސް ނުސީދާ ގޮތެއްގައި ހެދިފައިވުމުން ކަމަށެވެ.

"ގިނަ ގޮނޑިތައް އަޅުގަނޑުމެނަށް ގެއްލިފައިހުރީ ޕީޕީއެމްއާ ޖޭޕީއާ ކޯލިޝަން ވެސް ނުސީދާ ގޮތެއްގައި ހެދި އަދި އެތަނަށް ލައިގެން ފަހުން ޕީޕީއެމް އެތެރެއިން އެހެން މީހަކަށް ވެސް ތާއިދު ކުރި އަދި އެކޮޅުން ވެސް މިކޮޅަށް ތާއިދު ކުރަނީ، ދެކޮޅަށް ވެސް ތާއިދު ކުރަނީ، ބޮޑު މާސިންގާ ސަކަރާތް ގަނޑެއް އަޅުގަނޑުމެން ޖެހިއިރުގައި އެމްޑީޕީ މެންބަރަށް ފަސޭހަ ކަމާއެކު ގޮނޑި ލިބުނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން އިތުރަށް ވިދާޅުވީ، ޕީޕީއެމަށް ނާކާމިޔާބުވީ އެއް ދާއިރާއަކަށް ގިނަ މެންބަރުންތަކެއް ކުރިމަތިލައިގެން ކަމަށާއި އެކަމުގެ ސަބަބުން ސިޔާސީ ގޮތުން އަނގައިން ބުނަން ނޭނގޭ އެމްޑީޕީގެ ކެންޑިޑޭޓުން ފަސޭހަ ކަމާ އެކު ގޮނޑި ކާމިޔާބު ކުރެވުން ކަމަށެވެ.