ހަބަރު

މިސްކިތްތަކަށް ކުރާ ހޭދަ އިތުރު ކުރަންޖެހޭ: ފައިސަލް

Apr 20, 2019
1

ބިމުގައިވާ އެންމެ މާތް މުގައްދަސް ތަނަކީ މިސްކިތް ކަމަށާއި މިސްކިތްތަކަށް ކުރާ ހޭދަ މިހާރަށްވުރެ އިތުރު ކުރަންޖެހޭ ކަަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

ފައިސަލް މިހެން ވިދާޅުވީ، "ދަރުމަ ކަމާކެމި" ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ، ހެޔޮ ކަންތައްތަކީ ނިމުން އަންނަ ކަމެއް ނޫންކަން ކަމަށާއި އެކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. މީހުންނަށް އަޅާލުމާއި ހެޔޮ ކަންތައްތަކަށް ހޭދަ ކުރުން އިތުރުކުރަންޖެހޭ ކަމަށެވެ.

"މި ބިމުގައި އެންމެ މާތްވެގެންވާ މުގައްދަސް ތަން ކަމަށްވާ މިސްކިތްތަކަށް ކުރާ ހޭދަ މިހާރަށްވުރެ އިތުރު ކުރަންޖެހޭ، އަޅުގަނޑުގެ އެދުމަކީ މިސްކިތްތަކަށް މިހާރު ދިމާވެފައިވާ ކަންތައްތައް ހައްލު ކުރުމަށްޓަކައި އެންމެންގެ ބައިވެރިވުން އެކަމަށް ދެއްވުން،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކުރިއަށް ގެންދާނީ ރައްޔިތުން ހިތް ހަމަޖެހޭ ގޮތަށް ކަމަށާއި އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ދަރުމަ ކަމާކެމި" އަކީ މިސްކިތް ބިނާ ކުރުމަށް ހެޔޮ އެދޭ ފަރާތްތަކަށް އެ ފުރުސަތު ތަނަވަސް ކޮށްދީ، މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެކަންކަން ފަހިކޮށްދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ރާވާފައިވާ ހަރަކާތެކެވެ.