ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި، އެކޮލެޖުގައި ހިންގި އޯޕަން ޔުނިވަރސިޓީ މެލޭޝިއާގެ (އޯ.ޔޫ.އެމް) ޕްރޮގްރާމްތަކުން 309 ދަރިވަރުން ދަސްވެނި ވެއްޖެއެވެ.
ވިލާ ކޮލެޖު ހޯލްގައި ތިން ސެޝަންއަކަށް ބަހާލައިގެން ކުރިއަށް ގެންގިޔަ މި ގްރެޖުއޭޝަން ހަފްލާގައި ފުރަތަމަ ސެޝަންގައި ދަސްވެނިވީ ވިލާ ކޮލެޖުގައި ހިންގުނު އޯ.ޔޫ.އެމް ޕްރޮގްރާމްތައް ނިންމި 77 ދަރިވަރުންނެވެ. އޭގެތޭރޭގައި މާސްޓަރ އޮފް ބިސްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލަރ އޮފް އެކައުންޓިންގ ވިތް އޮނަރސް، ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވިތް އޮނަރސް، ބެޗްލަރ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް ވިތް އޮނަރސް، މާސްޓަރސް އޮފް އެޑިއުކޭޝަން، ބެޗްލަރ އޮފް އެޑިއުކޭޝަން (މެތެމެޓިކްސް) ވިތް އޮނަރސް، ބެޗްލަރ އޮފް އެޑިއުކޭޝަން (ޓީޗިން އިންގްލިޝް އެސް އަ ސެކަންޑް ލެންގުއޭޖް) ވިތް އޮނަރސް އަދި ބެޗްލަރ އޮފް އިންފޮރމޭޝަން ޓެކްނޮލޮޖީ ވިތް އޮނަރސް ނިންމި ދަރިވަރުން ހިމެނެއެވެ.
އެ ކޮންވޮކޭޝަން ހުޅުއްވައި ދެއްވީ އޯޕަސް ޔުނިވަރސިޓީ މެލޭޝިއާގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ދާތޯ މަންސޫރު ފަޟީލެވެ. އޯޕަނިންގ އަށް ފަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ދަސްވެނިވުމުގެ މިހަފްލާއާއި އެކު އޯ.ޔޫ.އެމް ވިލާ ކޮލެޖު ޗެޕްޓަރ ގައި މިހާރު 1823 އެލްމްނައި ރާއްޖޭގައި ތިބޭނެ ކަމަށް ފާހަގަ ކުރެއްވިއެވެ.
އެއަށްފަހު، ދަސްވެނީންގެ ފަރާތުން ވާހަކަ ދެއްކީ ބެޗްލަރ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް ވިތް އޮނަރސްއިން ގްރެޑުއޭޓް ވި ދަރިވަރު މަރިޔަމް ޝަޒްރާ އެވެ. މެންދުރުފަހު ބޭއްވުނު ދެ ހަފްލާގައި 237 ދަރިވަރުން ވަނީ ދަސްވެނި ވެފައެވެ. މި ސެޝަންތަކުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބެވެ. ވައިސް ރެކްޓަރގެ ވާހަކަފުޅުގައި މި އަހަރުގެ ނޮވެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވަ އިތުރު ގްރެޑުއޭޝަން އަކާއި އެކު މި އަހަރުގެ ތެރޭގައި ވިލާ ކޮލެޖުން މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީގެ ލެވެލް 7 އިން މަތީގެ ކޯސްތަކުން ޖުމްލަ 758 ދަރިވަރުން ދަސްވެނިވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މިފަހަރު ވިލާ ކޮލެޖުން ގްރެޖުއޭޓްވި ގްރެޓުއޭޓުންގެ %30 އަކީ ވިލާ ކޮލެޖުގެ އަތޮޅުތެރޭގެ ކެމްޕަސްތަކާއި ލާރނިންގް ސެންޓަރތަކުން ކިޔެވުން ނިންމި ދަރިވަރުންނެވެ. އަދި މި ފަހަރު ގްރެޖުއޭޓްވި ދަރިވަރުންގެ %51 އަކީ އަންހެން ބޭފުޅުންނެވެ.