ލައިފްސްޓައިލް

ޝަރާއަށް ދޭނީ "ވަރަށް ފައްކާ" އިސްޓިކާ!

ފޮތުގެ ބަނޑޭރިގަނޑު ރީތި އިސްޓިކާއެއް ތަތްކޮށްލާ ފޮތް ރީތި ކޮށްލުމަކީ ސްކޫލްއިރުގެ އާދައެކެވެ. ބަބުލްގަމެއް ކެޔަސް އެއިން ލިބޭ އިސްޓިކާ އެއީ ހާއްސަ އެއްޗަކަށް ވެއެވެ. ސްކޫލް ކުދިންނާއި ޒުވާނުންނާއި ބޮޑެތި މީހުން ވެސް އިސްޓިކާއާ ގަޔާ ވެއެވެ. "ފެޓްސޮރެން" ނަމުގައި އިސްންޓަގްރާމްގައި އިސްޓިކާ ވިއްކާ މަރިޔަމް ޝަރާއަކީ ދިވެހި އިސްޓިކާއި ތައްޔާރުކޮށްދޭ ހުނަރުވެރި އާޓިސްޓެކެވެ.

ޝަރާއަކީ ޕްލޭނިންގް މިނިސްޓްރީގެ އާކިޓެކްޗަރަލް ޓެކްނީޝަނެކެވެ. އަމިއްލައަށް ކުރަހައި ދިވެހިން ލިޔެގެން ވަރަށް ފައްކާ އިސްޓިކާ އޭނާ ތައްޔާރު ކުރެ އެވެ. އެ އިސްޓިކާތަކުން ޝަރާގެ ހުނަރުވެސް ފެނެ އެވެ. އިސްޓިކާ ހެދުމުގެ މަސައްކަތް ޝަރާއަށް ފެށުނީ 2017 ވަނަ އަހަރު ބޭއްވި "މޯލްޑިވްސް އާޓްސް ފެސްޓިވަލް" ގައި އޭނާގެ އިސްޓިކާތައް ދައްކާލުމުން ލިބުނު ތަރުހީބާ ހަމައިންނެވެ.

"ފެޓްސޮރެން" މިއީ ޝަރާއަށް ކިހިނެއް ދެވުނު ނަމެއް ހެއްޔެވެ؟

ޝަރާ ބުނި ގޮތުގައި ސްކޫލް ދައުރުގައި އޭނާ ފަލަކޮށް ހުންނާތީ ފެޓްސޮރެންގެ ގޮތުގައި ވަރަށް ބުލީ ކުރި އެވެ. -- ފެޓްސޮރެން ކިޔަނީ ޖަރުމަން ބަހުން ފެޓީ އެސިޑަށެވެ.

"ދެން ހިތަށް އެރީ 'ޓް އެކްސެޕްޓް ހޫ އައި އެމް' ފޫހިވާ ކަމެއް ލައިކްވާ ކަމަކަށް ބަދަލު ކުރަން އާޓިސްޓް ނަމަކަށް މި ނަން ކިޔާނީއޭ،"

ޝަރާ އަމިނީއްޔާގައި ކިޔެވި އިރު އާނާގެ އޮޕްޝަނަކަށްވީ އާޓެވެ. އޭރު ސްކޫލްގައި އުޅުނު އިރު ރައްޓެހިންނާއެކު އަބަދުވެސް ޑޫޑުލް ކުރަހައި އުޅުނެވެ. އެއީ އަބަދުވެސް ވަރަށް ކުރަހާ ހިތްވާތީ އެވެ.

"އެކި އެކި މީޑިއަމްތައް ބޭނުން ކޮށްގެން އާޓް ޕްރޮޑިއުސްކުރަން. ގްރޭޑް 10 ގައި އަލަށް ފޯނެއް ލިބުމުން ދެން ފޯނުން ކުރަހަން ފެށީ. ފޯނުން އެޕެއް ފެނިގެން ޑިޖިޓަލްކޮށް ކުރަހަން ފެށީ. އާޓް ފެސްޓިވަލްގައި ބައިވެރިވެ ދިވެހިން ލިޔެ ތައްޔާރުކުރި އިސްޓިކާތަކަށް ހީވެސް ނުކުރާހާ ތަރުހީބެއް ލިބި ހުރިހާ އެއްޗެއް ވިކުނު،" ޝަރާ ކިޔައިދިނެވެ.

އެ ފެސްޓިވަލްގައި ޝަރާއަށް ހަމައެކަނި ތަރުހީބެއް ލިބުނީއެއް ނޫނެވެ. "މައިވޮންޑާ ބޮކްސް" ގައި ޝަރާ ގެ އިސްޓިކާތައް ވިއްކަން ފުރުސަތެއް ލިބުނެވެ.

"މި އިސްޓިކާތައް ފެނިފައި މައިވޮންޑާ ބޮކްސް އިން ޝައުގުވެރިވީ އެއީ ދިވެހިން ލިޔެފައި ހުންނާތީ. އެހިސާބުން އެމީހުނަށް ކަސްޓަމައިޒްކޮށް ހަދައިދޭން ފެށީ ފޮތާއި ގުޅޭ ކަހަލަ އިސްޓިކާތައް. ފޮތްކިޔަން ބާރުއަޅާ ޕޮޒިޓިވް މެސެޖްތަކެއް ހުންނަ ސްޓިކާތަކެއް އެތަނަށް ހަދައިދެނީ. އެގޮތުން ހެރީޕޮޓާ ތީމްގެ ސްޓިކާތަކަކާއި ފެންޑޮމް އެއްޗެހި. މި އިސްޓިކާތައް ހަމައެކަނި ލިބެން ހުންނާނީ ވެސް އެތަނުން،"

މިއީ ޝަރާ ވަރަށް ގަޔާވާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. ފުރަތަމަ ސްޓްރެސް ފިލުވާލާށެވެ. ނޯޓް ފޯނުން ކުރަހާ މި އިސްޓިކާތަށް މިހާރު ވަނީ މަގުބޫލުކަން ހޯދާފަ އެވެ. އޭނާ ބުންޏެވެ: "އައިޑިއާ އެއް ލިބިއްޖިއްޔާ ކޮންމެ ތާކުހުރެފައި ވެސް ކުރަހާލަން. ދެ ގަޑިއިރު ތެރޭ ސްޓިކާއެއް ނިންމާލެވޭ،"

ކޮންމެ ޖުލައި މަހެއްގައި ޝަރާ ކޮންމެ ދުވަހަކުވެސް އާ ސްޓިކާއެއް ކުރާހާ އޭނާގެ ފޭނުންނަށް ދޫކޮށްލަ އެވެ. ޖުލައި މަހަކީ އޭނާގެ ކަސްޓަމަރުންނާއި ފޭނުން ވަރަށް އިންތިޒާރުކުރާ ހިސާބަކަށް ވެއެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ބާއްވާ "އިންކްޓޯބާ ޗެލެންޖް" ގައި ވެސް ޝަރާ ބައިވެރި ވެއެވެ. އެއީ އޮކްޓޯބަރު މަހުގެ ކޮންމެ ދުވަހެއްގައި ސެޓް ތީމަކަށް ހުރިހާ އާޓިސްޓުން އެމީހުންގެ ހުނަރު ދައްކާލަން އާޓް ހުށަހަޅާ ޗެލެންޖެކެވެ.

ޝަރާގެ މަސައްކަތައް ބޮޑު ޝައުގުވެރި ކަމެއް އޮވެއެވެ؛

"ހުޅުމާލޭގެ އޮމްލެޓް ކިޔާ ކެފޭއަކަށް ހުންނާނެ އެމީހުންގެ ބްރޭންޑް ސްޓިކާއެއް ހަދާދީފާ... ކާޑިވާ ކިޔާ ފެޝަން އެކްސަސަރީސް ވިއްކާ ބަޔަކަށް އެމީހުންގެ ޕްރޮޑަކްތްތަކާއެކު ދިނުމަށް ހެދި ސްޓިކާތަކައް ވެސް ހުންނާނެ"

ޝަރާ ބުނިގޮތުގައި އޭނާގެ އިސްޓިކާތައް ރާއްޖޭއިން ބޭރަށް ފޮނުވުމަށް ވެސް ވަރަށް ގިނަ މީހުން އޭނާގެ އަތުން ގަނެ އެވެ.

"މިހާރު މި މަސައްކަތްކުރަނީ ޓީޗަރުންނަށް ހާއްސަ 'ވަރަށްމޮޅު' މި ކަހަލަ ސްޓިކާ ޝީޓްތަކެއް ނެރެން. މީގެ އިތުރުން މަސައްކަތް ފުޅާކުރުމަށް ފޯނު ކަވަރު ހެދަން ވެސް ވިސްނަން،"