ހަބަރު

ކައުންސިލުން އިސްނަގައިގެން ގަން ސާފުކޮށްފި

Apr 20, 2019

"ސާފު ގަން، އަހަރެންގެ ޒިންމާ" ގެ ނަމުގައި ލ.ގަން ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެ ރަށު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ސާފުކުރުމުގައި އެ ދާއިރާއަށް އިންތިހާބުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ވިސާމް ވެސް ބައިވެރިވި އެވެ.

ސާފުކުރުމުގެ ހަރަކާތުގައި ގަމުގެ މުއައްސަސާތަކާއި ސްކޫލްތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ވެސް ބައިވެރިވެފައިވެ އެވެ.

މިއަދު ގަމުގެ ސިނާއީ މަގުތަކާއި ބަނދަރު ސަރަހައްދާއި ތުނޑީގައި އާންމުން މޫދަށް އެރޭ ސަރަހައްދު ވަނީ ސާފުކޮށްފަ އެވެ. އެ ތަނުން ނެގި ކުނިތައް ކުނި ކޮއްޓަށް ގެންގޮސްފައިވާއިރު ޕްލާސްޓިކް ކުނި ވަނީ ވަކިކޮށްފަ އެވެ. އަދި އެ ކުނިތައް ތިލަފުއްޓަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ކައުންސިލުން އިސްނައިގެން ގަން ސާފުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.