ހަބަރު

ކުޅުދުއްފުށީ ސިޓީއަކަށް ހަދަން އިސްލާހެއް ހުށަހަޅައިފި

ހދ. ކުޅުދުއްފުށީ ސިޓީއަކަށް ހެދުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށްޓަކައި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެއީ ސިޓީއެކެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުން ލަސްވެފައިވަނީ ގާނޫނީ ހުރަސްތަކެއް ހުރުމުންނެވެ.

މިހާތަނަށް ސިޓީއަކަށް ބަދަލުކޮށްފައިވަނީ އައްޑޫ އަތޮޅާއި ފުވައްމުލަކެވެ. ވަކި ރަށެއް ސިޓީއަކަށް ހަދަން މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީއަކަށް ހެދުމަށްފަހު އެ އަތޮޅުގެ ވެރިކަން ކުރާ ރަށެއް ކަނޑައަޅަން ޖެހެ އެވެ. އަދި އަތޮޅު ކައުންސިލަށް ބަދަލު ގެނެސް، ކުޅުދުއްފުށީ ރަށު ކައުންސިލް އުވާލައި ސިޓީ ކައުންސިލެއް ނަގަން ޖެހެ އެވެ.

އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ސިޓީއެއްގެ ގޮތުގައި އަތޮޅެއްގެ ވެރިކަން ކުރާ ވަކިން ކަނޑައަޅާނަމަ، އެ އަތޮޅެއްގެ ވެރިކަން ކުރާ އެހެން ރަށެއް ކަނޑައަޅަން ޖެހޭނެ އެވެ. އިސްލާހުގައި އިތުރަށްވާ ގޮތުން ރަށެއް ސިޓީއެއްގެ ގޮތުގައި ކަނޑައަޅަނީ އެ ރަށުގެ ކައުންސިލްގެ ދައުރުގެ މެދު ތެރެއިން ކަމަށްވާނަމަ، އެ ސިޓީއެއް ފުރަތަމަ ހިންގާނީ އެ ރަށު ކައުންސިލްގެ ދަށުން ކަމަށެވެ. ސިޓީ ކައުންސިލެއް ހޮވަނީ ދެން އެންމެ އަވަހަށް އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގަ އެވެ. އެ މުއްދަތުގައި ރަށު ކައުންސިލަކީ ސިޓީ ކައުންސިލަށް ލިބޭ ހުރިހާ ބާރަކާއި ހިދުމަތްތަކާއެކު ހިންގާނެ ކައުންސިލެކެވެ.

މި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހަށް ވަނީ އިއްވާފަ އެވެ. ނަމަވެސް އިސްލާހާ ގުޅޭ ގޮތުން ބަހުސްކޮށް، އަދި ކޮމެޓީ މަރުހަލާއަކަށް ނުދެ އެވެ.

ހދ. އަތޮޅުގެ ވެރިކަމަކީ މީގެ ކުރިން ވެސް ބަދަލުވެފައިވާ ކަމެކެވެ. އެންމެ ފުރަތަމަ އަތޮޅު ވެރިކަން ކޮށްފައިވަނީ ބިމުގެ ގޮތުން ބޮޑު ނޮޅިވަރަމްފަރުގަ އެވެ. ނަމަވެސް ހިތްފަސޭހަ ގޮނޑު ދޮށެއް އޮންނަ ނޮޅިވަރަމްފަރުގެ އާބާދީ ކުޑަވެ، ކުޅުދުއްފުށީގެ އާބާދީ ސުޕީޑްގައި އިތުރުވާތީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުޅުދުއްފުއްޓަށް އަތޮޅުގެ ވެރިކަން ބަދަލުކުރީ އެވެ.

އަލުން ވެރިކަން ބަދަލުވުމުގެ މަރުހަލާ ފެށެން ކައިރިވެފައިވާއިރު އެކަމަށް އެންމެ ބޮޑަށް ފައި ނަގާފައިވަނީ ނޮޅިވަރަމްފަރުންނެވެ. އެ ރަށަކީ މިހާރު އިތުރު ތިން ރަށެއްގެ ރައްޔިތުން ވެސް ދިރިއުޅުމެން އަންނަ ރަށެކެވެ. އެއީ މާވައިދޫ އާއި ކުނބުރުދޫ އަދި ފަރިދޫގެ ރައްޔިތުންނެވެ. އެހެންވެ، ނޮޅިވަރަމްފަރުގެ އާބާދީ މިހާރު އަންނަނީ ބޮޑު ތަނުން އިތުރުވަމުންނެވެ.

އެކަމުގެ ވާދަވެރިކަން ހދ.ގެ ބާކީ އޮތް 12 ރަށުގައި ވެސް ވަނީ ބޮޑުވެފަ އެވެ. އެގޮތުން ހަނިމާދޫއަކީ ވެސް ވާދަވެރި ރަށެކެވެ. ހަނިމާދޫއަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ރަށެކެވެ. އެހެންވެ، އަތޮޅުގައި ކުޅުދުއްފުށީ ނަގާފައި އުމްރާނީ ގޮތުން އެންމެ ތަރައްގީ ރަށަކީ ހަނިމާދޫ އެވެ. އާބާދީގެ 2،200 މީހުން ތިއްބަސް އެ ރަށުގައި 3،000 އެއްހާ މީހުން ދިރިއުޅެ އެވެ. އެއާޕޯޓާއި އެ ރަށުގައި ހަދާފައިވާ ސިޓީ ހޮޓެލްގައި ވަޒީފާ އަދާކުރާ މީހުން ގިނަ އެވެ. އޭގެ އިތުރުން ވެސް ކަސްޓަމްސް، އިމިގްރޭޝަން، ޕޯސްޓް ފަދަ ހިދުމަތްތައް ވެސް ހަނިމާދޫގައި ލިބެ އެވެ.