ހަބަރު

ޝޯކޯ، ގާސިމާއި އިމްރާނާ ބައްދަލު ކުރައްވައިފި

Apr 20, 2019

އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ޔޫއެންޑީޕީ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ޝޯކޯ ނޯޑާ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަދި މަޖިލިސް ރައީސް ގާސިމް އިބްރާހިމާއި ބައްދަލު ކުރައްވައިފި އެވެ.

އެ ދެބޭފުޅުންނާއި ޝޯކޯ ބައްދަލު ކުރައްވާފައި ވަނީ ވަކި ވަކިންނެވެ. އެގޮތުން މިނިސްޓަރު އިމްރާނާއި ބައްދަލު ކުރައްވާފައި ވަނީ އަދާލަތު ޕާޓީގެ އޮފީހުގައި އެވެ. އެ ބައްދަލުވުމުގައި ސިޔާސީ ހަމަޖެހުން ރާއްޖޭގެ ތަރައްގީއަށް މުހިންމުކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ. އަދި ރާއްޖެއަށް އަބަދުވެސް އެހީތެރިވެ، އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ގާސިމާއި ޝޯކޯ ބައްދަލު ކުރައްވާފައިވަނީ މަޖިލިސް އިދާރާގައި އެވެ. އެ ބައްދަލުވުމުގައި ޑެމޮކްރަސީ ރާއްޖޭގައި ދެމެހެއްޓުމަށް އދ. ގެ އެހީތެރިކަން އަބަދުވެސް ދެއްވާނެ ކަމަށް ޝޯކޯ ވަނީ ވިދާޅުވި އެވެ.

ޝޯކޯ ވަނީ ޕީޕީއެމްގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާފަ އެވެ. އެގޮތުން އިދިކޮޅު ޕާޓީއެއްގެ މުހިންމު ރޯލާމެދު މަޝްވަރާ ކޮށްފައިވެ އެވެ. މީގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާ ވެސް އޭނާ ބައްދަލު ކުރެއްވި އެވެ.