ހަބަރު

ކްރިކެޓް މެޗެއް ބައްލަވަން ރައީސް މާދަމާ އިންޑިއާއަށް

Apr 20, 2019
8

އިންޑިއާގައި މާދަމާ ކުޅެ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، ރައީސް ސޯލިހު އިންޑިއާއަށް ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ކަމަށެވެ. އެ ދަތުރުފުޅަކީ އިންޑިއާއިން ލިބިވަޑައިގަތް ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ހޫދު ވިދާޅުވީ، މި ދަތުރުފުޅަކީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ވިރާޓް ކޯލީ ކެޕްޓަންކަން ކުރާ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ މެޗް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ މެޗް އޮންނާނީ މާދަމާ ރޭ، ރާއްޖެ ގަޑިން 7:30 ގައި ބެންގަލޫރުގައި އެވެ.

އައިޕީއެލްގައި 14 ޕޮއިންޓާއެކު އެއްވަނާގައި އޮތީ ޗެންނާއީ އެވެ. ބެންގަލޫރު އޮތީ ހަތަރު ޕޮއިންޓާއެކު ނުވަ ވަނައިގަ އެވެ.

ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ހޯމަ ދުވަހު އެވެ. މި ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރައްވާނެ އެވެ.