ރިޕޯޓް

އޭޖީގެ ކުޑަ އިހުމާލެއް، ދައުލަތަށް ބޮޑު ގެއްލުމެއް!

ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާ ދޭން ދައުލަތަށް ޖެހުނީ ބަންޑާރަ ނައިބުގެ ވަރަށް ކުޑަ އިހުމާލަކުންނެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ހިނގައިދިޔަ ގޮތް ބެލުމަކާ ނުލާ ހުކުމް އިއްވީ އެ މައްސަލަ ކުރިއަށް ގެންދިޔުމުގައި ބަންޑާރަ ނައިބުގެ އޮފީހުން ގޯސް ހަދާފައިވާތީ އެވެ.

ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭންޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

އެއްބަސްވުން ބާތިލްކުރީ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ބެލެމަށްފަހު އެއީ ދައުލަތުން ބަދަލު ދޭން ނުޖެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައެޅި އެވެ. ބޮޑު އަދަދެއްގެ ގެއްލުމުން ދައުލަތް ސަލާމަތްވި އެވެ. އެކަމަކު، އޭގައި އިޖުރާއީ ބޮޑު މައްސަލައެއް ނުކުތެވެ.

ބަންޑާރަ ނައިބުގެ ފަރާތުން ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅީ އެކަމަށް ލިބޭ މުއްދަތު މާބޮޑަށް ވެސް ފަހަނައަޅާ ދިޔަ ފަހުންނެވެ. އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ. --- މިހާރު އެކަމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.

ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015 އިގައެވެ. ނަމަވެސް އިސްތިއުނާފު ކުރުމަށް ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް 12، 2015 އެވެ. ސުޕްރީމް ކޯޓުން ހައިިކޯޓުގެ ހުކުމް ބާތިލްކުރި މައިގަނޑު ސަބަބަކީ އެއީ އެވެ. ދައުލަތަށް އެ ބޮޑު ގެއްލުމުގެ ސަބަބަކީ ކުޑަ އިހުމާލެކެވެ. އޭރުގެ ބަންޑާރަ ނައިބަކީ މުހައްމަދު އަނިލެވެ.

ސުޕްރީމް ކޯޓުން މި މައްސަލާގައި ކުރި ހުކުމްގައި ބުނެފައިވާ ގޮތުގައި އިސްތިއުނާފު ކުރުމުގެ ހައްގު ލިބޭ ފަރާތުން އެ ހައްގު ބޭނުން ކުރަން ކަނޑައެޅިފައިވާ ޝަރުތުތަކާއި އިޖުރާއަތްތައް ފަހަނައަޅާ ނުދެވޭނެ އެވެ. އެހެންވެ، އިސްތިއުނާފު ކުރުުމުގެ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ ހައްގު ގެއްލޭނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަނޭޅުމުގެ ގާނޫނީ ނަތީޖާއަކީ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވެގެން ދިޔުން ކަމަށް ހުކުމްގައިވެ އެވެ. ވަކީލުންގެ އިހުމާލުން މުއްދަތު ފަހަނަ އަޅާ ދިޔުމަކީ ގާނޫނީ ގޮތުން ބަަލައިގަނެވޭނެ ކަމެއް ނޫންކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އިސްތިއުނާފަށް މައްސަލައެއް ހުށަހަޅަން މިހާރު 10 ދުވަސް ލިބޭއިރު އޭރު 90 ދުވަސް ލިބުނުއިރު ވެސް އެހާ ބޮޑު މައްސަލައެއް އިސްތިއުނާފަށް ހުށަނާޅާ އޮތުމަކީ ހަގީގަތުގައި ވެސް ބަންޑާރަ ނައިބު އޮފީހުގެ ދޯދިޔާ އިހުމާލެކެވެ. އެ އިހުމާލު ނެތްނަމަ، އެ މައްސަލަ ހައިކޯޓުގައި ކާމިޔާބުކުރި ގޮތަށް ސުޕްރީމް ކޯޓުގައި ވެސް ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތީހެވެ.

ހުކުމް ރިވިއު ކުރަން ޖެހޭ!

ސުޕްރީމް ކޯޓުގެ މި ހުކުމަކީ ގާނޫނީ ބޭފުޅުންނަށް ވެސް ސިހުން ގެނުވި ހުކުމެކެވެ. ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ސުޕްރީމް ކޯޓުން އަލުން ރިވިއުކުރަން ޖެހޭނެ މައްސަލައެކެވެ.

އެ މައްސަލައިގެ ހުކުމާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ ކުރީގެ ޑެޕިއުޓީ އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެފައިވާ އަހުމަދު އުޝާމް ވެސް ވަނީ ސުވާލު އުފައްދަވާފަ އެވެ. އުޝާމް ވަނީ އެއީ ނުފޫޒުތަކެއް ނޫނީ ޑީލްތަކެއްގެ ތެރެއިން އައިސްފައިވާ ހުކުމެއް ކަމަށް ސިފަ ކުރައްވާފަ އެވެ.

އުޝާމް ވިދާޅުވި ގޮތުގައު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ސިވިލް ކޯޓުގެ ގާޒީއަކު އޭނާއަށް ގުޅުއްވުމަށްފަހު އެ މައްސަލާގެ މައުލޫމާތު ހޯއްދެވި އެވެ. އޭރު އުޝާމް ހުންނެވީ ބަންޑާރަ ނައިބު އޮފީހުގަ އެވެ. އެހެންވެ އެކަމުގައި ނުރަނގަޅު ކަންތައްތަކެއް އުޅޭ ކަމަށް ބެލެވޭތީ މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް އެވާހަކަ ދެންނެވި ކަމަށް އުޝާމް ވިދާޅުވި އެވެ.

އެކަން އެގޮތަށް ހިނގާފައިވާތީ އެ މައްސަލައިގެ ތެރޭގައި "ޑީލްތަކެއް" ހިމެނޭ ކަމަށް އުޝާމް ވަރަށް ބޮޑަށް ގަބޫލު ކުރައްވަ އެވެ. އެހެންވެ އުޝާމް ވެސް ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ރިވިއު ކުރަން ހުށަހެޅުމަށް ބަންޑާރަ ނައިބަށް ގޮވާލައްވާފަ އެވެ.

މީގެކުރިން ވެސް ސުޕްރީމް ކޯޓުން، އެ ކޯޓުގެ ބައެއް ހުކުމްތައް ރިވިއުކޮށް، ކުރިން އިއްވި ހުކުމްތައް ބާތިލްކޮށްފައިވެސް ވެ އެވެ. އޭގެ ތެރޭގައި އެ ކޯޓުން ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ހުކުމްތައް ވެސް ހިމެނެ އެވެ.

ސަރުކާރަށް ފާޑުކިޔުން!

ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާ ދޭން އައި ހުކުމާއެކު ސަރުކާރަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އެއީ ސަރުކާރުގެ ނުފޫޒު އެގޮތަށް އޮވެގެން އައި ހުކުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެ ކުންފުންޏަކީ އެމްޑީޕީއާ ގުޅުން އޮންނަ ކުންފުންޏެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ސިފަ ކުރައްވަނީ އެ ކުންފުންޏަކީ އެމްޑީޕީގެ "ރަތްލާޖެހި" ކުންފުންޏެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި އެމްޑީޕީ، ވެރިކަމަށް އައި ހަގީގީ މަގުސަދު މިހާރު ހާސިލް ކުރަން ފެށީ އެވެ.

މީގެކުރިން ވެސް މި ސަރުކާރު އައި ފަހުން އެމްޑީޕީގެ މަސްލަހަތު އޮންނަ ބައެއް ބޭފުޅުން ހިއްސާވާ ކުންފުނިތަކަށް ބޮޑެތި އަދަދުން ފައިސާ ދިނުމަށް ކޯޓުން ހުކުމްކޮށްފައިވެ އެވެ. އެގޮތުން ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލްގެ 90 ޕަސެންޓް ހިއްސާ އޮންނަ ބިގް ކުންފުންޏަށް ދައުލަތުން 78 މިލިއަން ރުފިޔާ ދިނުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ ސަމާލު ކަމަށް ވެސް އައެވެ. އެ ކުންފުންޏަށް 78 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނީ އެމްބީސީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުގެ ސަބަބުން ގެއްލުމުގެ ގޮތުގަ އެވެ.

އޭގެއިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ގާތް ގުޅުމެއް އޮންނަ ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ކަސްޓަމްސްގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ. އެއީ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުންޏަށް އެ މައްސަލަ ކާމިޔާބުވީއިރު މައްސަލާގައި ކޯޓަށް ވަޑައިގެންނެވީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސެއިންނެވެ. އަދި އެ މައްސަލާގައި މިހާރުގެ ބަންޑާރަ ނައިބުގެ ފަރާތުން ވަނީ އެ ފައިސާއަކީ ސީޖީޓީއަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް އިއުތިރާފްވެފަ އެވެ.