ހަބަރު

ދުވަސްވީ މީހުންގެ ބޭނުން ހިފޭނެ އިންތިޒާމެއް ރާއްޖެއަށް ބޭނުންވޭ: ރައީސް

އުމުރުން ދުވަސްވީ މީހުންގެ މުޖުތަމައުގައި ބާކީ ނުކޮށް އެ މީހުންގެ ބޭނުން ހިފޭނެ އިންތިޒާމްތައް ރާއްޖޭގައި ވެސް ހަމަޖައްސަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަންފާ ސެންޓަރަށް 15 އަހަރު ފުރުން ފާހަގަ ކުރަން މިރޭ ބޭއްވި ރަސްމިއްޔާތެއް ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދޮށީ އުމުރާ ބައްދަލުވުމަކީ ހަރަކާތްތެރި އުމުރާ ވަކިވާން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެއީ ކުރާ މަސައްކަތްތަކާއި ވަޒީފާ އަދާ ކުރުން ހުއްޓާލަންޖެހޭ ސަބަބެއް ވެސް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ އެފަދަ ފަރާތްތަކަށް ދައުލަތުން އެލަވަންސް ދީފައި ބައިތިއްބުމުން ނުފުދޭ ކަމަށާއި އެއަށްވުރެ ބޮޑަށް ހަރަކާތްތެރި ދިރިއުޅުމަކަށް ފުރުސަތު ދިނުން މާ ރަނގަޅުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވަކި އުމުރެއް ފުރުމުން ވަޒީފާއިން މުސްކުޅި ކުރުމަކީ ގިނަ ގައުމުތަކެއްގައި އޮންނަ އުސޫލެއް ކަމަށާއި ނަމަވެސް އެ މީހުންގެ ބޭނުން ހިފޭނެ އިންތިޒާމްތައް އެ ގައުމުތަކުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ވެސް އެފަދަ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.

"އެފަދަ އިންތިޒާމްތަކުގެ މަގްސަދަކީ ދޮށީ އުމުރުފުރައިގެ މީހުން ދެ އަތް އުރާލައިގެން ތިބެ އެކަނިވެރިވާން ދޫނުކޮށްލުން. އުމުރު މަތިވެގެން ދިޔަސް މުޖުތަމައުން އެ މީހުން ބާކީކޮށް ނުލާނޭ ކަން ވިސްނައި ދިނުން. އެ ބޭފުޅުން ރަސްމީ ވަޒީފާ ދޫކޮށްލުމުން ކުރިމަތިވާ ސިކުންޑީގެ ހާސް ކަމާއި ނަފްސާނީ އުނދަގޫތަކަށް ލުއި ހޯދައިދިނުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދިރިއުޅުމުގެ ހާލަތަށް މިއަދު އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އާއިލާތައް ވިއްސި ވިހާލަވެފައިވާ ކަމަށާއި ވަޒީފާތަކުގެ ފަހަތުން ދަރިންތައް މާލެއަށާއި އެހެން ރަށްރަށަށް ފުރައިގެން ގޮސްފައިވާ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އޭގެ ސަބަބުން ދޮށީ އުމުރުގެ މައިބަފައިން އެކަނިވެރިވެ އަޅައިލާނެ މީހަކު ނެތިފައިވާ ހާލަތަށް ގޮސްފައިވާ ކަމަށެވެ.

ގާތް ތިމާގެ މީހުން ތިއްބަސް އެފަދަ އެތައް ބަޔަކު ދައުލަތުން ވެސް ބަލަހައްޓަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަން ގުރައިދޫގައި ހުންނަ މަރުކަޒަކީ ދޮށީ އުމުރުގެ މީހުން ގެންގުޅެން އެންމެ އެކަށީގެންވާ ތަނެއް ނޫން ކަން. އެއަށް ވުރެ ފެންވަރު ރަނގަޅު އަދި ވަސީލަތްތައް ތަންވަސްތަނެއް އެކަމަށް ބޭނުންވޭ. ފަދަ މަރުކަޒަކުން އެ އުމުރުގެ މީހުންގެ ހެލްތު ސްކްރީން ހަދާ ސިއްހީ ހާލަތު ވަޒަން ކުރެވެން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ދޮށީ އުމުރުގެ މީހުންގެ އާބާދީ އަހަރަކަށް ވުރެ އަހަރެއް އަންނަނީ އިތުރުވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ އެއާ އެއްވަރަށް އެ މީހުންނަށް ދޭ ސަމާލުކަމާއި އަޅާލުން ވެސް އިތުރު ކުރަން ޖެހޭ ކަމަށެވެ.