ވާހަކަ

އީޝަލް

(18 އެޕްރިލް 2019 އާ ގުޅޭ)

"ބޭރީތު، މާޒީގެ ތެރެއަށް ކިތަންމެ ވަރަކަށް ފީނިޔަސް އެއްވެސް ކަމެއް ބަދަލެއްނުވާނެ، މިތަން އިހު ހުރިހެން ބަންދުކުރަން އުޅޭ، ކަލޭގެ ބުއްދިއަށް މިތަނަކީ ރަނގަޅުތަނެއްނޫން، އަންހެނަކާ ހެދި ކަލެއަކީ ބަލިކަށި ވެރިއެއްކަމުގައި އެކަކަށް ވެސް ހީވާކަށް އަހަރެން ނޭދެން، އަމިއްލަ ނަފްސު ހިފަހައްޓާ ބޭރީތު... މިއަދު ކަލޭގެ ދެ ދަރީން އެވަނީ އެ ނަސްލުގެ ތެރެއިން އަންހެނަކު ޚިޔާރުކޮށްފައި، އެ ދެ މީހުންނަކީ ކަލޭގެ ދެއަތް، އެ ދެ މީހުން ކުރިމަތިލައިފިނަމަ ޔަގީނުން ވެސް ކަލޭ ޖެހޭނީ ކަލޭގެ ހަށިގަނޑާއި ދެއަތުން ކުރެ ކޮންމެވެސް އެއް އަތެއް ވަކިކޮށްލަން، ޒަގަން އޭނާގެ މަސައްކަތް ފަށައިފި" ބޭރީތުގެ ޚިޔާލުތަކުން އޭނާ ހޭލައްވާލަން ލާވީ މަސައްކަތް ކުރިއެވެ.

"ދަރުބާރަށް ޒަގަން ހާޟިރު ކުރޭ، އަހަރެން އޭނާއާ ވާހަކަދައްކާނަން، މިކަން ކޮންމެވެސް އެއްގޮތަކަށް ނިންމާނަން" ޚިޔާލުތަކާ އެއްފަރާތްވެލައި ލާވީއާ ކުރިމަތިލަމުން ބޭރީތު ބުންޏެވެ. އަދި އޭނާ ރަސްކަމުގެ ދަރުބާރަށް ދިއުމަށް ނުކުތެވެ. އެވަގުތު ލާވީ ގޮވާލިއެވެ.

"މިތަން ބަންދުކުރޭ" ބޭރީތު މިހެންބުނެ ގަނޑުވަރުގެ އުތުރު ފަރާތުގައި ޖިލައްޔާއަށް ޓަކައި އޭނާ ޚާއްޞަކުރި ބައިގެ ބޮޑު ދޮރަށް ބަލަން ހުއްޓެވެ. ލާވީގެ ބާރުގައި އެ ދެފަރާތުގެ ދޮރުފަތް އައިސް ޖެހި ދޮރު ބަންދުވިއެވެ. އަދި ކުރިން އެ ދޮރު ހުރި ފަދައިން އެ ދެ މީހުންގެ ހާޟިރުގައި ނޫނީ ނުހުޅުވޭނޭގޮތް ހަދައި ތަޅުއެޅުވުމަށްފަހު އެތަނާ ދުރަށް ހިނގައިގަނެއްޖެއެވެ. އެއާއެކު ގަނޑުވަރުގެ އެބައި ޣައިބުގެ ތެރެއަށް ގެއްލުނު ފަދައެވެ. އާންމު ލޯތަކަށް ހުރީ ފޮރުވިފައެވެ.

ޒަގަން އަންނާނޭ އިރެއްގެ އިންތިޒާރުގައި ބޭރީތުގެ ރަސްކަމުގެ ދާނުގައި އޭނާ މަޑުކޮށްލައިގެން އިނެވެ. އޭރު އޭނާގެ ސިކުނޑީގައި ރާވަމުން ދިޔައީ ޒަގަންއާ ދައްކާނޭ ވާހަކައަކާމެދުއެވެ. ހަމައެއާއެކު ޒަގަންގެ ވިސްނުން ހުރި ގޮތެއް ވެސް ހޯދަން ބޭރީތު ބޭނުންވެއެވެ. ބޭރީތުގެ ނަޒަރުގައި ވެސް އީޝަލްއަކީ ސަމިއާނާއަށްވުރެ ރަނގަޅު ހޮވުމެކެވެ. އޭނާގެ އަމިއްލަ ދިރިއުޅުމަށް އައިސްފައިވާ ހުސްކަން ކޮންމެވެސް ސިފައެއްގައި ދުރުކޮށްދޭނޭ ނިންމުމަކަށް އީޝަލް އޭނާގެ ގާތުގައި ހުރުން ވެގެންދާނޭކަން ޤަބޫލުކުރެއެވެ. އެހެންނަމަވެސް އޭނާ އެ މީހުންގެ ތެރެއަށް ގެނައުމަކީ ފަސޭހަކަމަށްނުވާނޭކަން ބޭރީތަށް އެނގެއެވެ. ޒިޔަޒެލްގެ ވާހަކަތައް ޤަބޫލުކުރަން ބޭނުންވިޔަސް އެކަމާ ބޭރީތުގެ ހިތް އެއްބަހެއްނުވެއެވެ. ހުރިހާ ސިއްރުތަކެއް ބޭރީތަށް އެނގިދާނޭތީ އެކަމާ ޒިޔަޒެލް ސަމާލުވެޔޭ ބޭރީތުގެ ޟަމީރަށް ހީވަނީއެވެ. ޒިޔަޒެލް ފަދަ ޖިންނިއެއްގެ އަތްދަށު ޒަގަން ވެއްޖެނަމަ ދަރިފުޅު އެނބުރި ނާންނާނޭކަން ބޭރީތަށް ޔަގީންވެއެވެ. ޒިޔަޒެލްއަކީ ސަމާސާކުރާ ފަދަ ޖިންނިއެއްނޫންކަން ގަނޑުވަރުގައި މަޑުކޮށްލި އެންމެ ދެ ދުވަސް ތެރޭ ވެސް ބޭރީތަށް އެނގުނެވެ. އެއާއެކު ބޭރީތަށް ވިސްނާލެވުނީ އީޝަލްގެ ބައްޕައާ މެދުއެވެ. ޒިޔަޒެލްގެ ބެލުމުގެ ދަށުގައި އަމިއްލަ ދަރިފުޅު ފޮނުވުމުގައި ކޮންމެވެސް ސިއްރެއް އޮންނާނޭ އަނެއްކާ ވެސް ބޭރީތަށް ވިސްނާލެވުނެވެ. ލިބެމުންދިޔަ ނުތަނަވަސްކަމުގައި ބޭރީތަށް ނިތްކުރީގައި ކަނާއަތްތިލަ ހިންގާލެވުނެވެ.

"އޭރު ހިނގި ހަނގުރާމައިގެ ބަދަލު ހިފުމަށް އެ މީހުންގެ ތެރެއިން ރާވާ ރޭވުމަކަށް ވެދާނެތަ؟" ކުއްލިއަކަށް ބޭރީތުގެ ހިތަށް އެރި އެއްޗެއް ދުލުން ބޭރު ވެސް ކޮށްލެވިއްޖެއެވެ. ލިބުނު ސިހުމުން އޭނާއަށް ކޮޅަށް ތެދުވެވުނެވެ. ނަމަވެސް އިތުރު ހަރަކާތެއް ނުކޮށްލެވެނީސް ފެނުނީ ދޮރުން ވަދެގެން އަންނަ ލާވީއާއި ޒަގަންނެވެ.

* * * * *

ދޮރުން ވަދެގެން އައި ޒިޔަޒެލް މަޑުކޮށްލިއެވެ. ފެންޑާގައި ތިބި އެންމެންނަށް އޭނާ ބަލާލިއެވެ. އޭނާ އެނބުރި ގެއަށް އައީ އީޝަލްއާއި ޔާފިއާ ގޮވައިގެންނެވެ. އަދި އީޝަލްގެ ގާތުގައި ޔާފިއާ ގޮވައިގެން ކޮޓަރިއަށް ދިއުމަށް އޭނާ އެދުމުން ލުގަލްބަންދާއާއެކު އެ މީހުން ގޮސް ލޯމައްޗަށް ގެއްލިއްޖެއެވެ. އަބްދުﷲގެ ގާތުގައި އިން ރައުލް ވެސް އޭނާގެ މީހުންގެ ގާތަށް ދިއުމަށް ފޮނުވާލިއެވެ. ރައުލް ނުކުމެގެން ދާން ފެށުމުން ޒިޔަޒެލް އޭނާގެ ކޮނޑުގައި ޖަހާލައި އަބްދުﷲ ނަގައިން ފިލާވަޅުތައް އެންމެންގެ ތެރޭ ފަރިތަކުރުމަށް ހަނދާންކޮށްދިނެވެ. އަދި އަރާމުކުރުމަށްފަހު ފަތިހަށް އެ ގޭ ދޮށަށް އެންމެން ޖަމާވުމަށް ބުންޏެވެ.

"އެމީހުންގެ ކައިވެނި ވީހާ ވެސް އަވަހަކަށް ކުރަންވީ" ރައުލް ނުކުމެގެން ދިޔަތަން ބަލަން ހުރެފައި އެނބުރި އައިސް ފެންޑާގައި ތިބި މީހުންނާ ކުރިމަތިލައި ޒިޔަޒެލް ބުންޏެވެ. އޭރު އޭނާގެ މޫނުގައި ކުރީންވި ހަމަޖެހުމުގެ އަސަރު ފިލައިފިއެވެ.

"ތިހެން އަހަރެން ވެސް ހިތަށް އެރީ، އެކަމަކު އަވަސްކުރުމުގައި އެހެން ސަބަބެއް އޮތް ކަލޭގެ މޫނުން ފާޅުވާ އަސަރުތައް ބުނެދެނީ، އަނެއްކާ އަހަރެންނަށް މިބުނެވުނީ ރަނގަޅަށްތަ؟" އަބްދުﷲ ވާހަކަދެއްކިއެވެ. އޭނާއަށް ބަލާލަމުން ޒިޔަޒެލް މަޑުމަޑުން ބޯޖަހާލިއެވެ. އަދި މައްޗަށް ބަލާލުމަށްފަހު އޭނާ އެތަނުގައި ތިބި މީކާޢިލްއާއި މިޒަރެންއާއި އަބްދުﷲއާއި ޔޫޝައުއާ ބޮޑަށް ގާތަށް ޖެހިލިއެވެ. އަދި ސިއްރު ވާހަކައެއް ދައްކާފަދައިން އީޝަލްއާއި ރައުލްއާ ދެމެދު ދެކެވުނު ވާހަކަތައް އެ މީހުންނާ ޚިއްޞާކުރިއެވެ.

"ބާހީރާއާއި އައިޒަން އަހަރެންނަށް ވަރަށް އިތުބާރުކޮށްފައި މިތަނަށް ފޮނުވީ، ތުއްތުއިރު އަހަރެން ދުށް މީކާޢިލް ޒުވާންވެ އޭނާގެ ދިރިއުޅުގައި ހިނގައިދިޔަ ހުރިހާކަމެއް އައިޒަން އަހަރެންނަށް ކިޔައިދިން، އަހަރެންގެ ގާތުގައި ހުރި ޒުވާން ޖިންނިއެއް ބަދަލުވީގޮތުގެ ޚަބަރު އެ މީހުންނަށް ލިބުމުން، މިތަނަށް އަހަރެން ފޮނުވީ ކަލޭމެންނަށް އެހީތެރިވުމަށް، އަދި އަހަރެމެންގެ ތެރެއިން އިސް ޝޭޙުން މިފަދަ ކަމެއްގެ ތެރެއަށް ވަންނަން ދެކޮޅު ހަދާނޭކަން އެނގޭތީ، އަނެއްކޮޅުން މީކާޢިލްއާއި އީޝަލްގެ ދިރިއުޅުމަށް އެހެންބައެއްގެ ނުފޫޒު ފޯރުވާފާނޭތީ، ބަލްޤިސްގެ ކައިވެނީގެ މަޖިލީހުގައި އަހަރެން ވެސް އިނިން، އެ ދުވަހު ތި ދެބަފައިންނާމެދު ކަންތައް ހިނގިގޮތް އަހަރެން ވެސް ދުށީން، އެހެންވެ އަހަރެން މިތަނަށް އައީ... ކައިވެންޏަށް ތައްޔާރުވޭ، މިއަދު ހަތަރެއް، ދޭ ރަނގަޅު... އެހެންވީމަ ހަފްތާގެ ދެވަނަ ދުވަހު ހުރިހާކަމެއް ނިންމާނީ، ދެމަފިރިންނަށްވުމުން އެ ދެމެދުގެ ގުޅުން ވަރުގަދަވެ ދެވަނަ ފަރާތަކަށް އެ ދެމެދަށް ނުފޫޒުފޯރުވާން އުނދަގޫވާނެ" އަބްދުﷲ ބުންޏެވެ.

"ރަނގަޅު... އެހެންވީމަ އަހަރެން އައިޒަންގެ ގާތަށް މިދަނީ" މީކާޢިލްގެ ކޮނޑުގައި އަތްޖައްސާލަމުން ޒިޔަޒެލް ބުންޏެވެ.

"ކުދީންނަށް އެނގެންވާނެއެއްނު" ޔޫޝާއުގެ ޚިޔާލު އޭނާ ފާޅުކުރިއެވެ.

"ފަތިސް ނަމާދަށްފަހު މިސްކިތުގައި ތިބެ އެ ވާހަކަ ކުރިއަށް ގެންދަން އަހަރެންނަށް ފެންނަނީ" އަބްދުﷲގެ ބުންޏެވެ. އެކަމާ ޒިޔަޒެލްއާއި މީކާޢިލް ވެސް އެއްބަސްވިއެވެ.

އަބްދުﷲއާއި ޔޫޝައު އެ މީހުންނަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއަށް ދިޔައެވެ. މީކާޢިލް ނުކުތީ ޒިޔަޒެލްއާއެކު ގޭގެ މަތީގައި ހުރި އިރުމަތީ ފެންޑާއަށެވެ. އޭރު އީޝަލްގެ ކޮޓަރިތެރެއިން ޔާފިއާއާ ދެކުދީން ހީނހަދާއަޑު އިވެއެވެ. އެ މީހުންގެ ކޮޓަރީގެ އޮޅިބުޑުގައި ބަނޑު ޖަހާލައިގެން ލުގަލްބަންދާ އޮތްތަން ފެނުނެވެ. ޒިޔަޒެލްގެ ގާތަށް ލުގަލްބަންދާ ގެނައެވެ.

"އަހަރެން އެނބުރި އަންނަންދެން މިޒަރެންނާއެކު ފާރައަށް ހުންނާތި، މި ގޭތެރެއަށް ގޮތްނޭނގޭ ޖިންނިއަކަށް ވަދެވިގެންނުވާނެ" ޒިޔަޒެލް ބުންޏެވެ. އޭނާގެ ބަހަށް ކިޔަމަންވަމުން ލުގަލްބަންދާ ބޯޖަހާލިއެވެ. ލުގަލްބަންދާއަށް ޒިޔަޒެލް ދެން އެންގީ މިޒަރެންގެ ގާތަށް ދިއުމަށެވެ.

"ޒިޔަޒެލް..." މީކާޢިލް ގޮވާލިއެވެ.

"އަހަރެންނަށް އެނގޭ ކަލޭ ތި ވިސްނަނީ ކޮންކަމަކާކަން، މިފަހަރު އަހަރެމެން ތިބޭނީ ތައްޔާރުވެގެން... މިވަގުތު އަހަރެން ދިޔަދީ، އެނބުރި އައިސް ކަލެއާ ވާހަކަދައްކާނަން" ޒިޔަޒެލް ބުންޏެވެ. ކަންބޮޑުވެފައި ހުރެ ވެސް ޒިޔަޒެލްއާ މީކާޢިލް ސަލާމްކުރިއެވެ. ވަގުތުތަކެއް ނަގާނުލައި ޒިޔަޒެލް މައްޗަށް އެރިއެވެ. އޭނާގެ ދެވަރަ ފަތުރާލައި މަންޒިލަށް ދިއުމަށް ވާހުގައި ދަތުރުފެށިއެވެ.

"އީޝަލް" ދޮރުގައި ޓަކި ޖަހާލަމުން މީކާޢިލް ގޮވާލިއެވެ. ވަނުމުގެ ހުއްދަ އީޝަލް ދިނުމުން ދޮރުން އެތެރެއަށް މީކާޢިލް ބޯދިއްކޮށްލިއެވެ. އޭރު އެނދުގައި ދެ އަންހެންކުދީން ތިއްބެވެ.

"ބައްޕަ ވާހަކައެއްދައްކާލަން" މީކާޢިލް ބުންޏެވެ. އީޝަލް ނިކަން އަވަހަށް އެނދުމަތިން ފައިބައިގެން އަތުވެއްޖެއެވެ.

"އާދެބަލަ ބައްޕައާއެކު" މީކާޢިލް އެދުނެވެ. އޭނާ އީޝަލް ގޮވައިގެން އައިސްވަނީ އޭނާ ނިދާ ކޮޓަރިއަށެވެ. އެނދުގައި އޭނާގެ ގާތުގައި އީޝަލް ބޭންދިއެވެ. އަދި ޒިޔަޒެލްގެ ފަރާތުން އިވުނު ވާހަކަތަކާ ގުޅުވައި މީކާޢިލް ސުވާލުކުރިއެވެ.

"ރައުލް ބުނިތަ ކީއްވެކަން ޒަގަން އެކަހަލަ ކަންތައްތައް ކުރަނީ، އެ ދެމެދުގައި ކަމެއް ހިނގައިފައި އޮތީތަ؟" މީކާޢިލް އެއްސެވެ.

"ޒަގަންއަކީ ދުޝްމިނެއްކަމަށް ރައުލް ބުނީ، އޭނާ އެހެންބުނާނީ ސަބަބެއް އޮތީމައޭ އަޅުގަނޑު ޤަބޫލުކުރަނީ، އެ ދެމެދުގައި އެވަރުގެ ނަފުރަތުކަމެއް އުފެދުނީ ކޮންއިރަކު ކީއްވެކަމެއް ނުބުނޭ، އަޅުގަނޑުމެން އެތަނުން ނުކުންނަން އުޅުނުވަގުތު ޒަގަން ބައްދަލުކުރަންއައި، އެވަގުތު ވެސް އަޅުގަނޑަށް އޭނާގެ ނިޔަތް ގޯސްކަން އިޙްސާސް ކުރެވުނު، އޭނާ ހަދިޔާއެއްދިން، އޭގައި ހިފީ ރައުލް، އަޅުގަނޑު އޭނާގެ އަތުން އެއްވެސް އެއްޗެއް ބޭނުމެއްނޫން، އެހެންވެ ރައުލް ގާތުގައި ނާހަން އެއަށް އޭނާ ހެދީ ކިހިނެއްތޯއެއް... އަޅުގަނޑު އެންމެ ބިރުގަންނަނީ އޭނާ ރައުލްއަށް ކަމެއްކޮށްފާނޭތީ" އީޝަލް ބުންޏެވެ.

"އަބްދުﷲއާއި ޒިޔަޒެލް ކައިވެނީގެ ތާރީޚު ކަނޑައަޅައިފި، އަންނަ ހޯމަދުވަހު ކައިވެނިކުރެވޭނެ، ރައުލްއަށް ދަރިފުޅުގެ އެހީތެރިކަން ބޭނުންވާނެ، އޭނާ އަދިވެސް އަހަރެމެންނަށް އިތުބާރުނުކުރާ ކަހަލަ... އެކަމަކު ކައިވެންޏަށްފަހު ހީވަނީ މިހާރަށްވުރެ ފާޅުކޮށް އޭނާ ފޮރުވާކަންތައްތައް ކިޔައިދީފާނޭހެން، ޒިޔަޒެލް ހިނގައްޖެ މާމައާއި ބޮޑުދައިތައަށް އެ ޚަބަރުދޭން، ދަރިފުޅު ދިރިއުޅުމެއް ފަށަން އުޅޭތީ ބައްޕަ އުފާވޭ، އެކަމަކު މިހުރިހާކަމެއް ދުށުމަށް ދަރިފުޅުގެ މަންމަ ހުރިނަމައޭ ހިތަށް އަރާ، ދަރިފުޅުގެ ކައިވެންޏަށް ޓަކައި މަންމަގެ އިޙްސާސްތައް ހުންނާނީ ކިހިނެއްބާއޭ ހިތަށް އަރާ... ޔަގީނުން ވެސް ދަރިފުޅު ރުހޭ މީހަކަށް މަންމަގެ ރުހުންދޭނޭކަން އެނގޭ، ބައްޕައަށް ވެސް ވީ އެވަރު، ރައުލްއާ މެދު ނުރުހެވުނަސް އޭނާއަކީ ދަރިފުޅު ޚިޔާރުކުރި ބައިވެރިޔާކަން ޤަބޫލުކޮށްފިން، އޭނާއަކީ ހިތްވަރުގަދަ ޒުވާނެއް، އޭނާ ދަރިފުޅަށް ޓަކައި އަމިއްލަ ޢާއިލާ ދޫކޮށްލައިފައި އެ އައީ، އޭނާއާއި އޭނާއާއެކު ތިބި އެކުވެރީންނަކީ އަހަރެމެންގެ ޢާއިލާއަށް އިތުރުވި މެންބަރުން، މި ޢާއިލާގައި އެކަކުއަނެކަކު ރައްކާތެރިކުރާނެ" އީޝަލްގެ ބޮލުގައި މީކާޢިލް ފިރުމާލިއެވެ.

"ރާވިން އެދެނީ ޒިޔަޒެލްއާއި ބައްޕަ ގާތުގައި ބުނެގެން އޭނާއާއި ޔާފިއާގެ ކައިވެނި އަޅުގަނޑުގެ ކައިވެނި ކުރެވޭ ވަގުތު ކޮށްދިނުމަށް، ރާވިންއަކީ ރައުލްގެ އެންމެ ގާތް އެންމެ އިތުބާރުކުރާ ރަޙުމަތްތެރިޔާ، ރާވިންއާއި ޔާފިއާގެ ވެސް އަޅުގަނޑުމެން ނޫނީ މިހާރު ޢާއިލާއެއްނެތް، އެ މީހުން ވެސް ބޭނުންވަނީ ރަނގަޅު ގޮތުގައި ގުޅުމަށް" އީޝަލް ބުންޏެވެ.

"އެ ދެ މީހުންގެ ޠަބީޢަތް ވަރަށް ތަފާތު" މީކާޢިލް ބުނެލިއެވެ. އެއާއެކު އީޝަލް ހީނލި އަޑުއިވުނެވެ.

"ޒިޔަޒެލްއާއި ބައްޕައަކީ މިޒާޖުގެ ގޮތުން ވަރަށް ތަފާތު ދެ މީހުން... އެކަމަކު އެކަކުއަނެކަކަށް ކުރާ އިތުބާރަށް ބަދަލެއްނާދޭ، ރާވިންއާއި ރައުލް ވެސް ހަމައެހެން" އީޝަލް ބުންޏެވެ. މީކާޢިލް ހިނިތުންވެލިއެވެ. މަޢުނަވީ ގޮތަކަށް ދަރިފުޅަށް އޭނާ ބަލަން އިނެވެ. ރައުލްއާ ބައްދަލުވިފަހުން އީޝަލްގެ ހުންނަ ޅަގޮތް ކެނޑިއްޖެކަން މީކާޢިލްއަށް ފާހަގަކުރެވުނެވެ. ވަށައިގެން ހިނގާ ކަންކަމަށް އީޝަލްގެ ލޯހުޅުވުމަކީ ރަނގަޅު ފާލެއްކަމުގައި މީކާޢިލް ދުށްޓެވެ. އެހެންނަމަވެސް އޭނާ ރައުލްއާ ވާހަކަދައްކަން ގަސްދުކުރިއެވެ. ޒަގަންއަކީ ދުޝްމިނެއްކަމުގައިވާނަމަ އޭނާއާ ބެހޭގޮތުން އެނގިފައި އޮތުމަކީ ކުރިއާލާ ތައްޔާރުވާން ލިބޭ ފުރުޞަތެކެވެ. އެ ޚިޔާލާއެކު މީކާޢިލްގެ ހަނދާނަށް އައީ ރޫފަސްއޭ ކިޔޭ ޖިންނިއަކާ އޭނާ ކުރިމަތިލާން ޖެހުނު ގޮތެވެ. މިޝަލް ފެނި އޭނާއަށް ރޫފަސްގެ ހިތް ލެނބުނީ ހަމަކުއްލިއަކަށެވެ. ރޫފަސްގެ މައްޗަށް ގަދަވާން މީކާޢިލްއަށް މަޖުބޫރުވީ މިޝަލްއަށް ޓަކައެވެ. ޒަގަންއަށް ވެސް ވެގެން އެ އުޅެނީ އެފަދަ ގޮތެކޭ މީކާޢިލްގެ ހިތަށް އެރިއެވެ. ވީއިރު އޭނާ ދުރުގައި ހުރެދާނޭކަމާމެދު މީކާޢިލްއަށް ޝައްކެވެ. އީޝަލްގެ ދިރިއުޅުން ހަލާކުވާތަން ދުށުމަކަށް މީކާޢިލްއަށް ކެތެއްނުވާނެއެވެ. ޒަގަންގެ އެ ނިންމުމާމެދު ރައުލް ގަސްދުކޮށްފައިވާ ގޮތެއް މީކާޢިލް އޮޅުންފިލުވަން ބޭނުންވަނީ އެހެންވެއެވެ.

* * * * *

"ރައުލްގެ އަނބިމީހާއަށް އޭނާ ވާން އުޅޭތީ އެކަން ހުއްޓުވުމުގެ ނިޔަތުގައިތަ ތިހެން ތިއުޅެނީ، ސަމިއާނާއަށް ރައުލްގެ ޝައުގުވެރިކަމެއްނެތް، އޭނާ އެ އަންހެންކުއްޖާއާ ބައްދަލުކުރަން އެއްބަސްވީ އަހަރެން އެކަމަށް އެދުމުން، އޭރު ވެސް އޭނާ އޮތީ އަހަރެން ގާތުގައި ބުނެފައި ބައިވެރިޔަކު އޭނާވަނީ ޚިޔާރުކޮށްފައިކަން، ޒަގަންގެ ގަސްދަކީ ކޮބައިކަން ނިކަން ބުނެބަލަ؟... އެ ދެމެދަށް ވަދެ އެ ދެމީހުން ދުރުކަން ކުރަން ގަސްދުކުރަނީ ރައުލްއަށް ދެރައެއް ދޭން ވިސްނާފައިކަމަށްވާނަމަ އަހަރެން ކަލޭ ހުއްޓުވާނަން" ބޭރީތުގެ ކުރިމަތީ ހުރި ޒަގަންއަށް ބުނެލިއެވެ.

"އަޅުގަނޑު އީޝަލް ބޭނުމޭ ބުނެފިއްޔާ ބައްޕަ ޤަބޫލުކުރާނަންތަ؟" ޒަގަންގެ ނަޒަރު ހުރީ ބޭރީތާ އަމާޒުވެފައެވެ.

"ޒަގަންގެ ބޭނުންވުމަކީ ކޮބައިކަން ބައްޕައަށް ނޭނގޭ ކަމައްތަ ހީކުރަނީ، އެއްޗެކޭ ނުބުންޏަސް ޒަގަން އުޅޭނޫޅޭގޮތް ވަރަށް ރަނގަޅަށް ބައްޕަ ދެނަހުރިން" ބޭރީތު ބުންޏެވެ.

"އެންމެންނާ އޭނާ ތަފާތު، އަޅުގަނޑު އޭނާ ބޭނުންވަނީ އަނތްބަކަށް ހެދުމަށް، އަޅުގަނޑާއެކު މުޅިއުމުރަށް ވާނޭ ބައިވެރިއަކަށް ހެދުމަށް، އޭނާއާ އަޅުގަނޑު ސަމާސާއެއް ނުކުރާނަން، އެކަމަކު ރައުލްގެ އަނތްބަކަށްވާތަން ދުށުމަކަށް ކެތެއްނުވާނެ، ވަރިހަމަ އޭނާގެ އަނތްބެއްގެ ގޮތުގައި އިންނަމަވެސް، އަޅުގަނޑު އޭނާ ހޯދާނަން، އޭނާ އިންނާނީ މިތަނުގައި އަޅުގަނޑުގެ އަނތްބެއްގެ ގޮތުގައި އަދި އަޅުގަނޑުގެ ދަރީންގެ މަންމައަށް އޭނާ ވާނީ" ޒަގަން ކުރިއަށް ފިޔަވަޅު އަޅާލައި ބުނެލިއެވެ.

"އެމީހުން ކަލޭ އޭނާއާ ގާތްވިޔަ ދޭނެތަ؟ އެމީހުން ތިބީ ރައުލް ބަލައިގަނެގެން... ކަލޭ އެކަނި ދިއުމަކީ މަރަށް ތައްޔާރުވެގެން ދިއުން ފަދަ ކަމެއް" ބޭރީތު ވިސްނައިދޭ ފަދަ ގޮތަކަށް ބުނެލިއެވެ.

"އަޅުގަނޑާ އެއްބައިވާނޭ ޖިންނީން މަދެއްނޫން، އެނގޭ އެއީ އެއްގަމުގައި އުޅޭ ޖިންނީންކަން، ބައްޕަ އަބަދުވެސް ރައުލްއާ އެއްކޮޅަށް ހުންނާނީ، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ކުއްޖަކަށްވުރެ ބައްޕައަށް ރައުލް ޚާއްޞަ... ވީއިރު ތި ހުރިހާ ވާހަކައެއް ދެއްކުމުގެ ބޭނުމަކީ ކޮބާ؟ ބައްޕަ ބުންޏަސް އަޅުގަނޑު މަޑެއްނުކުރާނަން، އެއްވެސް ކަމަކަށްވުރެން އީޝަލް މުހިންމު، ބައްޕައާ ދެން ބައްދަލުވިއްޔާ ބައްދަލުވާނީ އީޝަލް ގޮވައިގެން، އެހެންނޫނީ އަޅުގަނޑު ދެން އެނބުރި ނާންނޭކަމުގައި ހީކުރޭ" ޒަގަން ބުނެލި ގޮތުން ހީވީ އޭނާ ފަހުބަސް އިއްވާލީހެނެވެ. ބޭރީތަށް ބަލާލެވުނީ އެތަނުގައި ހުރި ލާވީއަށެވެ. އަދި ނިކަން އަވަހަށް ޒަގަންއަށް ގޮވާލީ އޭނާ އެނބުރި ދާން އުޅެނީއޭ ހީވެގެންނެވެ.

"ބައްޕައަށް ޒަގަން ވެސް މުހިންމު، ޒަގަންއަށް އީޝަލް ތިވަރަށް ކަމުދާނަމަ އޭނާގެ ގާތަށް ދިއުން މަނައެއްނުކުރާނަން، އެކަމަކު ބުނަން، ރައުލްއާ ކުރިމަތިލައި އޭނާ ބަލިކޮށްލެވުނެއްކަމަކު އޭނާގެ ފުރާނައަކީ އަހަރެންގެ އެއްޗެއް، އޭނާ މަރާލައިގެން ނުވާނެ، އީޝަލް ގޮވައިގެން މިތަނުގައި ޒަގަންއަށް އުޅެވޭނެ، ކަލޭމެންގެ ހަނގުރާމައިގައި އަހަރެން ބައިވެރިއެއްނުވާނަން، އެކަމަކު ކަލޭއަށް އެހީތެރިވުމުގެ ގޮތުން އެއްކަންތައް އަހަރެން ކޮށްދޭނަން، އެއަށްފަހު ކަންތައްތައް ކުރިއަށްދާގޮތެއް އަހަރެން ނުބަލާނަން" ބޭރީތު ބުންޏެވެ. ޒަގަންގެ މޫނުމަތިން މާނަފުން ހިނިތުންވުމެއް ފާޅުވެލިއެވެ. އީޝަލް ބޭނުންވެގެން ބުނުމުން ބޭރީތު ޤަބޫލުވެދާނޭ ކުޑަކޮށް ވެސް ޒަގަން ހިތަކަށް ނާރައެވެ. އީޝަލްއާ ގުޅުވައިގެން ބައްޕަ ދެއްކި ވާހަކަތަކަށް ޒަގަން އެހާ ރުންކުރުކޮށް ޖަވާބުދެމުން ދިޔައީ އެހެންވެއެވެ. ކުރިމަތިލުމުގެ ކުރީން ރައުލްގެ މައްޗަށް ގަދަވެވިއްޖޭ ޒަގަން ހިތަށް އެރިއެވެ. (ނުނިމޭ)