ހަބަރު

ބޭރު ބޯޓެއްގައި އޮތް މީހަކަށް ފަރުވާދޭން ހިތަދޫއަށް

Apr 21, 2019

ވިއެޓްނާމުން ފުރައިގެން ދެކުނު އެފްރިކާއަށް ދަތުރުކުރަމުން ދިޔަ މޯލްޓާގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފްގެ އެހީތެރި ކަމާއެކު އައްޑު އަތޮޅު ހިތަދޫއަށް އެ މީހާ ގެންގޮސްދީފި އެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާގެ މައުލޫމާތު ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ލިބުމާއެކު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު އެ ބޯޓު ސ، ހިތަދޫގެ ދެކުނުން ދެ މޭލާއި ހަމައަށް ކައިރި ކުރި ކަމަށެވެ. އަދި ދިވެހި ސިފައިން އެ ބޯޓު އޮތް ސަރަހައްދަށް ގޮސް ބަލި މީހާ ހިތަދޫއަށް ގެންގޮސް ދިނީ ކަމަށެވެ.

ފިލިޕީންސްއަށް އުފަން އުމުރުން 49 އަހަރުގެ އެ ފިރިހެން މީހާ ރޭ ފަތިހު 4:45 ހާއިރު ގެންދިޔައީ މެއަށް ތަދެއް އަރައި ނޭވާލާން އުނދަގޫ ވެގެނެވެ.