ބާސެލޯނާ

ޗެމްޕިއަންކަން ހޯދަން ދެ ފިޔަވަޅާ ގާތަށް ބާސާ ޖެހިލައިފި

ރެއާލް ސޮސިއެޑާޑްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސްޕެނިޝް ލީގްގެ ޗެމްޕިއަންކަން ހޯދުމުގެ ދެ ފިޔަވަޅާ ގާތަށް ބާސެލޯނާ ޖެހިލައިފި އެވެ.

ބާސާގެ ދަނޑުގައި ސޮސިއެޑާޑުން ވަނީ ބާސާއާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދީފަ އެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި ބާސާއިން ޖެހި ލަނޑާއެކު ލީޑްގައި އޮވެގެން ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފުގައި ސޮސިއެޑާޑުން ނަތީޖާ ހަމަހަމަ ކުރި އެވެ.

ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރުވާން ވެގެން، ސްޕެނިޝް ލީގްގައި ހުއެސްކާއާ ދެކޮޅަށް ކުޅުނު މެޗަށް ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ނިކުތީ ބާސާގެ މުހިންމު ކުޅުންތެރިންނަށް ރެސްޓް ދިނުމަށް ފަހު އެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސާއިން އެއް ވަނައިގައި އޮތީ 77 ޕޮއިންޓާއެކު އެވެ. ކުރިއަށް އޮތް ދެ މެޗު ކާމިޔާބު ކޮށްގެން ބާސާއަށް ލީގް ޗެމްޕިއަންކަން ހޯދޭނެ އެވެ.

ރޭ ގެ މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޑިފެންޑަރު ކްލޭމަން ލެންގްލެޓް އެވެ. އެއީ މި ސީޒަންގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. ދެ ވަނަ ހާފުގައި ނިކުމެ ސޮސިއެޑާޑުން ވަނީ، ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ހުއާން މިގްއެލް ހިމެނޭޒް ލޯޕޭޒް 'ހުއާންމީ' އެވެ. ނަތީޖާ ހަމަހަމަ ކޮށްލައިގެން ސޮސިއެޑާޑަށް އޮވެވުނީ ދެ މިނެޓް އެވެ.

ބާސާލޯނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށް، ޖޯޑީ އަލްބާ އެ ޓީމަށް ލީޑް ނަގައިދިނެވެ.