ހަބަރު

ރައީސް އިންޑިއާއަށް ފުރާވަޑައިގެންފި

އިންޑިއާގައި މިރޭ ކުޅޭ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ގައުމަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، އެދަތުރުފުޅަކީ އިންޑިއާގެ ކްރިކެޓް ބޯޑްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. ދަތުރުގައި ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކްރިކެޓް ދަނޑާއި ގުޅޭގޮތުން އިންޑިއާގެ ކްރިކެޓް ބޯޑާއެކު މަޝްވަރާތައް ކުރެވިގެންދާނެ ކަމަށްވެސް ހޫދު ވިދާޅުވި އެވެ.

ހޫދު ވިދާޅުވީ، މި ދަތުރުފުޅަކީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ވިރާޓް ކޯލީ ކެޕްޓަންކަން ކުރާ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ މެޗް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ މެޗް އޮންނާނީ މިރޭ، ރާއްޖެ ގަޑިން 7:30 ގައި ބެންގަލޫރުގައި އެވެ.

އައިޕީއެލްގައި 14 ޕޮއިންޓާއެކު އެއްވަނާގައި އޮތީ ޗެންނާއީ އެވެ. ބެންގަލޫރު އޮތީ ހަތަރު ޕޮއިންޓާއެކު ނުވަ ވަނައިގަ އެވެ.

ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައި އެވެ. މި ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރައްވާނެ އެވެ.