ސްރީލަންކާގެ ބޮމުގެ ހަމަލާ

ރާއްޖެ އޮތީ ސްރީ ލަންކާއާއެކު: ރައީސް

Apr 21, 2019

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުރި ކްރިސްޓިއަނުންގެ ފައްޅިތަކެއްގެ އިތުރުން ތިން ހޮޓަލަކަށް މިއަދު ހެނދުނު ދިން ހަމަލާތައް ކުށްވެރި ކުރައްވައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހިން ތިބި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަންކާގެ ބޮމުގެ ހަމަލާތަކުގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި އެހަމަލާތަކުގެ މަރުވި މީހުންނާއި އަނިޔާ ލިބުނު ފަރާތްތަކަށާއި އާއިލާތަކަށް ހަމްދަރުދީވެ ތައުޒިޔާ ވިދާޅުވާ ކަމަށެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ރާއްޖޭގެ ސަރުކާރާއި ރައްޔިތުން ތިއްބެވީ ލަންކާގެ ރައްޔިތުންނާއެކު ކަމަށާއި ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ރާއްޖެއިން އަބަދުވެސް އެހީތެރިކަން ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ދެ ފައްޅީގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ފަސް ތަރީގެ ތިން ހޮޓަލެއް ކަމަށްވާ ޝަންގްރިލާ، ސިނަމަން ގްރޭންޑްގެ އިތުރުން ކިންގްސްބަރީއަށް ވެސް ހަމަލާދީފައިވާކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އެ ހަމަލާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި 400 އަށްވުރެ ގިނަ މީހުން ޒަހަމް ވެގެން ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ގެންދާ ކަމަށްވެ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ ޓޫރިސްޓުން ހިމެނޭކަމަށްވެސް ވެއެވެ.

ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ، ކޮލޮމްބޯއަށް މިއަދު ދިން ހަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު އަދި ސާފުވާ ގޮތެއްނުވެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެކަމާއި ގުޅޭ މައުލޫމާތުތައް ބަލަމުންދާ ކަމަށެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކޮލޮމްބޯގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތުތައް މިހާރު ހޯދަމުންދާ ކަމަށާއި، ނަމަވެސް އެ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.