ސްރީލަންކާގެ ބޮމުގެ ހަމަލާ

ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ނެތް

Apr 21, 2019

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ދެ ފައްޅިއަކާއި ތިން ހޮޓަލަކަށް މިއަދު ދިން ބޮމުގެ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއްނެތް ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފި އެވެ.

އެ ހަމަލާތަކުގައި މިހާތަނަށް 130 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 300 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ނުލިބޭކަމަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވި އެވެ.

"ޒަހަމްވި މީހުން ގެންދިޔަ ހުރިހާ ހޮސްޕިޓަލެއް އަޅުގަނޑުމެން ބަލައިފިން. އެއިން އެއްވެސް ހޮސްޕިޓަލެއްގައި މަރުވި މީހުންގެ އިތުރުން ޒަހަމްވި މީހުންގެ ތެރޭގައި ވެސް ދިވެއްސެއް ނުހިމެނޭ،" އޮފިޝަލު ވިދާޅުވި އެވެ.

އޭގެ އިތުރުން، މިއަދު ހަމަލާދިން ތިން ހޮޓަލުގައި ދިވެހިން ތިބިތޯ އަދިވެސް ބަލަމުން އަންނަކަމަށް އޮފިޝަލު އިތުރަށް ވިދާޅުވި އެވެ.

"ހޮޓާތައް ހުރި ސަރަހައްދަކަށް ނުއެއް ވަދެވޭ. އެހެންވެ އެ މައުލޫމާތު ހޯދަން އުނދަގޫވަނީ. އެކަމަކު އެތަނުން ހޮޓަލެއްގައި ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވޭ،" އޮފިޝަލު އިތުރަށް ވިދާޅުވި އެވެ.

މިއަދުގެ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 130 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރޭގައި ނުވަ ބޭރު މީހުން ހިމެނޭކަމަށް ފުލުހުންނާ ހަވާލާދީ އޭއެފްޕީ ނޫހުން ވަނީ ބުނެފަ އެވެ.

މިއަދުގެ ބޮމުގެ ހަމަލާތަކާއި ގުޅިގެން، ލަންކާގެ އެއާޕޯޓުތަކުގެ ސެކިޔުރިޓީ ވަރުގަދަކޮށްފައިވާއިރު، އަދި ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ފުރާ ފަސަންޖަރުން ފްލައިޓު ފުރުމުގެ ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް ލަންކާގެ ގައުމީ އެއާލައިނު "ސްރީލަންކަން" އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިން އެހީއެއް ނުވަތަ މައުލޫމާތެއް ސާފު ކުރަން ބޭނުންވާ ފަރާތްތަކުން ގުޅާނެ ފޯން ނަމްބަރުތަކެއް ފޮރިން މިނިސްޓްރީން މިހާރު ވަނީ ކަނޑައަޅާފަ އެވެ. އަދި މިވަގުތު ގެއިން ބޭރަށް ނުނިކުތުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.